ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލްގެ ފުރަތަމަ ޖާގަ އިންޑިއާ ހޯދައިފި

ބަނގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، މުބާރާތުގެ ރަސްގެފާނު އިންޑިއާ ހޯދައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިއަދު މެންދުރުފަހު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކޮށްފައިވަނީ ގުރޫޕް ބީގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއިއެކު ގުރޫޕްގެ އެއްވަނަ ހޯދި އިންޑިއާ އާއި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް އެއް ޕޮއިންޓާއިއެކު ގުރޫޕް އޭގެ ދެވަނަ ހޯދި ބޫޓާނެވެ. މި މުބާރާތުގެ ސެމީ ފައިނަލްގައި ބޫޓާން އެންމެ ފަހުން ކުޅެފައިވަނީ ވެސް އިންޑިއާއާއެކު އެވެ. އެއީ 2008 ވަނަ އަހަރު ދިވެހިރާއްޖެ އާއި ސްރީލަންކާ ގުޅިގެން ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ އަހަރުގެ ސެމީ ފައިނަލުން ބޫޓާން ބަލިވީ ފަހު ވަގުތު އިންޑިއާއިން ޖެހި ލަނޑާއިއެކު 2-1 އިން ނެވެ.

މިއަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބޫޓާނުން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ބޮޑުބައި ލީޑުކުރި އިންޑިއާއިން ލީޑު ނެގީ 8 ވަނަ މިނިޓްގަ އެވެ. މިއީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ތިރިތިރިން ގޯލުގެ ކަނަށް ވައްދާލައިގެން ޕީވީ ވިސްނޫ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ ބޫޓާނަށް ލަނޑެއް ނުޖެހި އުޅެނިކޮށް އިންޑިއާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. 27 ވަނަ މިނިޓްގައި އިންޑިއާއަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައިގެ ބޭނުން ހިފައި އިންޑިއާއަށް މި ލަނޑު ޖަހައިދިނީ ޗިންގްލެންސަނާ ސިންގް އެވެ.

މިވެސް ކިޔާލަން:  ފުރަތަމަ މެޗުން އިންޑިޔާ މޮޅުވެއްޖެ

މި ލަނޑަށްފަހު ވެސް އިންޑިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ބޫޓާނުން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގެ ކުރީކޮޅު ބޫޓާނުން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިންގްޒަންގް ތަޝި ޓޮބްޑެން އެވެ.

ނަތީޖާ ހަމަހަމަކުރުމަށް ބޫޓާނުން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިންޑިއާއިން ވަނީ މެޗުގެ ފަހުކޮޅު ބޮޑު އިސްކަމެއް ދީފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 9 ފަހަރު ހޯދާފައިވާ އިންޑިއާއިން ފައިނަލްގައި ކުޅޭ މިއީ 10 ވަނަ އަހަރެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު މިރޭ އޮންނާނެ އެވެ. ދިވެހިރާއްޖެ ގަޑިން 19:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ބަނގްލަދޭޝް އާއި ޕާކިސްތާނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top