ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސާފު ވެށި، ސާފު ސިކުނޑި

ތަންތަން ސާފުކުރުމަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހާ މުހިންމު ކަމަކަށް ވަނީ ކީއްވެގެންކަމާ މެދު ވާހަކަދައްކަމާ ހިނގާށެވެ. މިކަމުގައި އަޅުގަނޑު އަލިއަޅުވާލާނީ މައިގަނޑު 2 ނުކުތާއަކަށެވެ:

އަހަރެމެންގެ ގެދޮރަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ ބައެކެވެ؛ އަހަރެމެންގެ ގެދޮރަކީ އަހަރެމެންގެ ސިކުނޑީގެ މަންޒަރު ދައްކުވައިދޭ ލޯގަނޑެކެވެ.
ހަޑިވެ ހާވާފައި ހުންނަ ތަންތަން ސާފުކުރުމަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށްޓަކައި އަމަލީ ގޮތުން ފެންނަން އޮތް ވަސީލަތެކެވެ.

ތަރުތީބެއް ނެތި ހޭވިފައިވާ ކޮޓަރިއަކީ ހާސްވެ ކަންބޮޑުވެފައިވާ ސިކުނޑިއެއްކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ!

ކޮންމެ ދުވަހަކު ތަކުރާރުކޮށް އަހަރެމެން ކުރާ ކަންކަން ރަނގަޅުކުރަން ޖެހޭނެ ކަމަށް ސައިކޮލޮޖިސްޓުން ވަރަށް ގިނައިން ބުނެދެއެވެ. މި ވިސްނުން އަހަރެމެންގެ މުޅި ވެށި ސާފުކުރުމަށްވެސް ބޭނުންކުރެވެއެވެ؛ މީގެ ބޭނުމަކީ އަހަރެމެންގެ ވުޖޫދުވުމުގެ އިމަކީ ހަމައެކަނި އަހަރެމެންގެ ޖިސްމާނީ ހަށިގަނޑު ކަމުގައި ނުބަލައި، އަހަރެމެން ދިރިއުޅޭ ޖިސްމާނީ ވެށިވެސް އޭގެ ތެރޭގައި ހިމެނުމެވެ. މީގެ މާނައަކީ، ނިދާ ހޭލައިގެން އެނދުން ތެދުވުން ފަދަ ކޮންމެ ދުވަހަކު އަހަރެމެން ކުރާ އާދައިގެ ކަންކަމަކީވެސް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެންމެ އެދެވޭ ގޮތުގައި ބަދަލުކުރެވިދާނެ ކަންކަމެވެ.

އެހެންކަމުން، އެނދުން ތެދުވާ ވަގުތު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެނދު ތަރުތީބުކޮށްލުމެވެ. ތަންމަތިއެޅުމެވެ. މޫނު ދޮވުމަށްފަހު، ތުވާލި ތަޅުންގަނޑުމައްޗަށް ހޫރާލުމުގެ ބަދަލުގައި، ބޭނުންކޮށްފައި ހުންނަ ތުވާލިތައް ހަރުގަނޑުގައި އަޅުވާލާށެވެ. ޕީޓަސަން ގަބޫލުކުރައްވާ ގޮތުގައި މިއީ އަހަރެމެންގެ ޖުމްލަ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށްޓަކައި ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ކުރެވިދާނެ ކުދިކުދި ކަންކަމެވެ.

އަހަރެމެންގެ ކޮންމެ ދުވަހެއްގެ އާދަތަކަށް ގެންނަ މިފަދަ ކުދިކުދި ބަދަލުތަކަކީ ވަރަށް މުހިންމު ކަންކަމެވެ. ކީއްވެގެން ހެއްޔެވެ؟ އޭގެ ސަބަބުން ސިލްސިލާކޮށް އެހެން ކަންކަމަށް ހެޔޮ އަސަރުތަކެއް ކުރާތީއެވެ.

ހެނދުނާއި ރޭގަނޑުގެ އާދަތަކުގެ ތެރޭގައި، ތިމާގެ އަމިއްލަ ތަންތަން ސާފުކުރުމުން ކުޑަކޮށް ފެށި ނަމަވެސް، ނަތީޖާއެއްގެ ގޮތުން މުޅި ވެށި ސާފުކުރުމަށް އިސްކަންދޭ މީހަކަށް އެމީހަކު ވެގެންދާނެއެވެ.

ހެނދުނު ތައްޔާރުވާ ވަގުތު ކޮޓަރި ސާފުކުރުމުގެ އިތުރުން، އާންމުކޮށް އަހަރެމެންގެ ވެށި ސާފުކޮށް ތަރުތީބުކޮށް ބެހެއްޓުމަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައި ހެއްޔެވެ؟

ނިޒާމެއް ގާއިމުކުރުން:

ތިމާއަށް ފަސޭހަވާނެ ގޮތަކަށް ތަކެއްޗާއި އަންނައުނު ތަރުތީބުކުރާށެވެ. މީގެ މާނައަކީ ހޫޑީސްތައް ނުވަތަ ބުރުގާތައް ކުލައިން ވަކިކޮށްގެން ބެހެއްޓުން، ނުވަތަ ދެން އެންމެ އަވަހަށް ކިޔަންވީ ފޮތްތައް ވަކިން ތަރުތީބުން ބެހެއްޓުން ކަމަށްވެސް ވެދާނެއެވެ. ޖުމްލަކޮށް ބުނާނަމަ، ‘ނިޒާމެއް ގާއިމުކުރުމުން’ ތަކެތި ބޭނުންކޮށް ނިމުމަށްފަހު، އެ އެއްޗެހި އަނބުރާ ބަހައްޓަންވީ ތަނުގައި ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

އެއްޗެހި ރައްކާކުރާނެ ގޮތް:

ތަކެތި ތަރުތީބުން ބެހެއްޓުމަށްޓަކައި ހަރުގަނޑު، ވަށިގަނޑު، އަދި ފޮށި ފަދަ ތަކެތި ބޭނުންކުރާށެވެ. އަދި ކޮންމެ ފޮށްޓެއްގައި ހުރީ ކޮން އެއްޗެއްކަން އެނގޭނޭހެން ލޭބަލް ކުރުމަކީ، ނުވަތަ އެތެރެ ފެންނަ ކޮންޓޭނަރު ބޭނުންކުރުމަކީވެސް އެހީއަކަށް ވެދާނެއެވެ!

ވަކި އުސޫލެއް ކަނޑައެޅުން:

ހަފްތާއަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ވިޔަސް، މުޅި ތަން އެއްކޮށް ފުންކޮށް ސާފުކުރާއިރު ބަލާނެ ޗެކްލިސްޓެއް ހަދާށެވެ.

އެންމެ ފަހު ވާހަކައަކީ، ސާފުކުރުމަކީ ތިމާގެ ޖުމްލަ ދުޅަހެޔޮކަން ރަނގަޅުކުރުމަށްޓަކައި އަމަލީ ގޮތުން ފެންނަން އޮތް ހަގީގީ ވަސީލަތެކެވެ.

އަހަރެމެންނަށް އެނގޭ ފަދައިން، ސާފު ގެދޮރަކީ އުފާވެރި ސިކުނޑިއެކެވެ. އަދި ތަޖުރިބާއިން މިކަން އަދި ނޭނގޭނަމަ، ތިމާ ދިރިއުޅޭ ވެށި ކުރިއަށްވުރެ ގިނައިން ސާފުކޮށް، އޭގެ ސަބަބުން ތިމާގެ މިޒާޖަށް ކުރާ ހެޔޮ އަސަރު ވަޒަންކޮށްލާށެވެ!

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top