ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އާއި ޕޮލިސް ފައިނަލަށް ދަތުރުކޮށްފި  
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

މިހާރު ކުރިޔަށްދާ އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގެ ފައިނަލަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އިއްޔެ އާއި ރޭ ކުޅެފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އެވެ. ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗު މޯލްޑިވްސް ޕޮލިސް ކާމިޔާބުކުރީ 3 ސެޓް 1 ސެޓުން ނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް އެޑިއުކޭޝަން މިނިސްޓްރީއިން ކާމިޔާބުކުރީ 25-21 އިން ނެވެ. ފުރަތަމަ ސެޓްގައި ފެނުނު ފަދަ ފޯރިގަދަ ވާދަވެރި ކުޅުމެއް ދެވަނަ ސެޓްގައި ވެސް ފެނުނެވެ. ފުރަތަމަ ސެޓް ކާމިޔާބުކުރި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް މި ސެޓްގައި ޕޮލިސް ކާމިޔާބު ހޯދީ 21-25 އިން ނެވެ.

ދެ ޓީމުން ދެ ސެޓް ހޯދުމާއިއެކު މުހިންމުކަން ބޮޑުވި ތިންވަނަ ސެޓްގައި އެޑިއުކޭޝަން މިނިސްޓްރީއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. ޕޮލިހުން ސެޓް ކާމިޔާބުކުރިއިރު، އެޑިއުކޭޝަން މިނިސްޓްރީއަށް ހޯދުނީ 16 ޕޮއިންޓެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓް ކާމިޔާބުކުރި ޕޮލިސްގެ ފަރާތުން ހަތަރުވަނަ ސެޓްގައި ވެސް ފެނުނީ މޮޅު ކުޅުމެކެވެ. މި ސެޓް އެ ޓީމުން ކާމިޔާބުކުރީ 19-25 އިން ނެވެ.

މިވެސް ކިޔާލަން:  އެމްއޭސީއެލް އާއި ޕޮލިސް ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި  

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މާއިޝް އަޙްމަދެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ސްޓެލްކޯގެ ފަރާތުން މި މެޗުގައި ވެސް މޮޅު ކުޅުމެއް ފެނުނެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް 25-23 އިން ސްޓެލްކޯ ކާމިޔާބުކުރިއިރު، މި ސެޓް ނިންމުމުގެ ފުރުސަތު އެމްއޭސީއެލްއަށް ވެސް ލިބުނެވެ. ފުރަތަމަ ސެޓްގައި ދެއްކި މޮޅު ކުޅުން އެމްއޭސީއެލްއަށް ދެވަނަ ސެޓްގައި ނުދެއްކުނެވެ. މި ސެޓް ސްޓެލްކޯއިން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 25-13 އިން ނެވެ.

މެޗު ކާމިޔާބުކުރުމަށްޓަކައި ތިންވަނަ ސެޓް ހޯދަން މަޖުބޫރުވި އެމްއޭސީއެލްއިން ތިންވަނަ ސެޓްގައި މޮޅު ކުޅުމެއް ދެއްކި އެވެ. ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރަން ނުކުތް ސްޓެލްކޯއިން މި ސެޓްގައި ވެސް އެ ޓީމުގެ މޮޅު ކުޅުން ތަކުރާރުކުރި އެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް ސްޓެލްކޯ ކާމިޔާބުކުރީ 29-27 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ އަޙްމަދު އާދަމް އެވެ.

މި މުބާރާތުގެ ކުޅުން މިއަދު ހަވީރާއި ރޭގަނޑު ވެސް އޮންނައިރު މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުނީ މިއަދު ހަވީރު އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top