ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ކްރިސްޓަލް ދެލޯ – ފަސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

ޗުއްޓީ ހޭދަކުރި ގެއިން އެނބުރި މާލެއަށް ކުރި ދަތުރު ކުރިއަށްދިޔައީ އާދަޔާ ޚިލާފު ހަމަހިމޭންކަމެއްގައެވެ. ދެކެވުނު ވާހަކައެއް މާގިނައެއް ނޫނެވެ. ކާރުގެ ފަހަތު ސީޓުގައި ލީޒާގެ ކައިރީގައި ނިހާ އިނީ ރޮއި ދުޅަވެފައިވާ ދެލޮލުން ކާރުގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. ކުރީ ސީޓުގައި ޒިމާން އިންއިރު، އަނާޔާ އިނީ ފަހަތު ސީޓުގެ އަނެއް ކޮޅުގައި، ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލިފައެވެ.

ޝާހިދުގެ ކުއްލި މަރާއެކު ހުރިހާ ކަމެއް މުޅިން ބަދަލުވެއްޖެއެވެ. ފެންނަމުންދިޔަ މާކަނޑާއި، ރުއްގަސްތަކާއި، ރަށުގެ ދަންނަ މަގުތައް ފެންނަނީ ހަމަ ކުރިންވެސް ފެނުނު ގޮތަށެވެ. އެހެންނަމަވެސް އަނާޔާއަށް އިޙުސާސްވަމުން ދިޔައީ އޭނާ މުޅިން އެހެން ދުނިޔެއަކަށް ގެންދެވިފައިވާ ކަމެވެ. ކޮންމެ ދަންނަ މޫނެއްގެ ފަހަތުގައި ސުވާލުތަކެއް ފޮރުވިފައިވާ، އަދި ކޮންމެ ހިޔަންޏަކުން ނުރައްކަލުގެ އިންޒާރު ލިބެމުންދާ ބިރުވެރި ދުނިޔެއެކެވެ.

އަނާޔާ ދެލޯ މަރާލިއެވެ. ހަމަ އެވަގުތު، ލޯގަނޑުގައި ލެއިން ލިޔެވިފައިވާ އޭނާގެ އަމިއްލަ ނަން ސިފަވެގެން ދިޔައެވެ. އެ އަކުރުތައް އޭނާގެ ހަނދާނުގައި އަނދަމުންދާ ކަހަލައެވެ. “އަހަރެންގެ ނަން ލެއިން ލިޔަންވީ ކީއްވެގެން ހެއްޔެވެ؟”

އޭނާ އަވަސްއަވަހަށް ދެލޯ ހުޅުވާލިއެވެ. ލީޒާ އިނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

“ބަލިވީތަ؟” ލީޒާ އަހާލިއެވެ.

“ނޫން.”

“ވަރަށް ބިރުގެންފަ ހުރިހެން ހީވަނީ.”

އަނާޔާ ގަދަކަމުން ހިނިތުންވެލިއެވެ. “ހަމަ ވަރުބަލިވީ.”

ލީޒާ އަނެއްކާވެސް ކުޑަދޮރާ ދިމާއަށް މޫނު އަނބުރާލިއެވެ. ނަމަވެސް އޭނާގެ ބެލުމުގައި އާދައިގެ ގޮތެއް ނެތްކަން އަނާޔާއަށް ފާހަގަވިއެވެ. އެ މޫނުމަތިން ފެނުނީ ޝައްކުގެ އަސަރެކެވެ.

އޭގެ ފަހުން ވޭތުވެދިޔަ ދުވަސްތަކަކީ އެންމެންނަށްވެސް އިންތިހާއަށް އުނދަގޫ ދުވަސްތަކެކެވެ. ޝާހިދުގެ ޖަނާޒާއަށް އާއިލާގެ އެންމެންނާއި ގާތް ރަހުމަތްތެރިން އެއްވިއެވެ. އެހެންނަމަވެސް ހިތާމައިގެ ފުންމިނަކީ އެއްވި މީހުންގެ އަދަދުން މިންއެޅޭނެ އެއްޗެއް ނޫނެވެ. މީހުންގެ މެދުގައި ނިހާ ހުރީ އޭނާގެ ވަށައިގެންވާ ދުނިޔެ ދެނެގަތުމުގެ ކުޅަދާނަކަން ގެއްލިފައިވާ މީހަކު ފަދައިންނެވެ. ޒިމާން ހުރީ ދުރުވުމެއްނެތި ނިހާގެ ކައިރީގައެވެ.

ޒިމާން އެހެން މީހުންނަށް ހިތްވަރުދީ، މީހުންގެ ސުވާލުތަކަށް ޖަވާބުދީ، ތައުޒިޔާތައް ބަލައިގަންނަމުން ދިޔަ މަންޒަރު އަނާޔާ ބަލަން ހުއްޓެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ހިތްވަރުގަދަކަން ދެއްކުމަށެވެ. އެކަމަކު މި ހިތާމައިގެ ސަބަބުން އޭނާގެ އެތެރެހަށި ކުދިކުދިވެފައިވާ މިންވަރު އަނާޔާއަށް ފެންނަމުން ދިޔައެވެ.

އެއްވަގުތެއްގައި ޒިމާން ބޭރުގައި އެކަނި ހުއްޓާ އަނާޔާއަށް ފެނުނެވެ.

“ޒިމާން؟”

އޭނާ އެނބުރި ބަލައިލިއެވެ. “ދޮންތާ.”

“ރަނގަޅަކަށް ނުނިދަން ދޯ؟”

“ތީ އަދި އަހަރެން އަހަންވީ ސުވާލެއް.” ޒިމާން މަޑުމައިތިރިކަމާއެކު ބުންޏެވެ.

އަނާޔާ އިސްދަށަށް ޖަހައިލިއެވެ. “ފުލުހުންނަށް މިކަން ކުރި މީހަކު ހޯދިދާނެހެން ހީވޭތަ؟”

“އުއްމީދަކީ އެއީ.”

“އަހަރެމެން އެންމެން އެ ގޭތެރޭގައި ތިއްބާ ޝާހިދު މަރާލީ. އެއްވެސް މީހަކަށް ރޭކާވެސްނުލައި އެކަން ވާނީ ކިހިނެއް؟”

މިވެސް ކިޔާލަން:  ޙައްޤުވިޔަސް

ޒިމާން ވަގުތުން ޖަވާބެއް ނުދިނެވެ. “އަހަރެންގެ ހިތުގަވެސް އޮތީ ހަމަ ތި ސުވާލު.”

އެ ބިރުވެރި މަޚްލޫޤުގެ ވާހަކަ ޒިމާނަށް ކިޔައިދޭން އަނާޔާ ބޭނުންވިއެވެ. މެޗުގެ ތެރޭގައި އޭނާއަށް އިޙުސާސްވި ނުފެންނަ ބާރާއި، ލޯގަނޑުން ފާޅުވި ލިޔުމުގެ ވާހަކަ ބުނެދޭން ހިތަށްއެރިއެވެ. އެކަމަކު އެ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ބޯ ހަމަނުޖެހެނީ ކަމަށް ޒިމާން ހީކޮށްފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ މިކަމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅިދާނެ ހެއްޔެވެ؟ އެހެންކަމުން އޭނާ އިޚްތިޔާރުކުރީ ހިމޭންކަމެވެ.

ދުވަސްކޮޅެއް ފަހުން، ފުލުހުންގެ ތަހުޤީޤަށް ހީވެސް ނުކުރާ ފަދަ ނުރައްކާތެރި ބަދަލެއް އައެވެ. ޖަނާޒާއަށްފަހު ނިހާ ހުރީ އޭނާގެ އަމިއްލަ ގޭގައެވެ. އާއިލާއިން މަސައްކަތްކުރަމުން ދިޔައީ އޭނާ އެކަނި ނުބޭންދުމަށެވެ. އެކަމަކު އިންތިހާއަށް ދެރަވުމުގެ ސަބަބުން ނިހާ ވަނީ އެކަހެރިވެފައެވެ. އެއްޗެއް ނުކައެވެ. ވާހަކައެއް ނުދައްކައެވެ. ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ.

އެއްދުވަހެއްގެ ހެނދުނު، އާއިލާގެ މީހަކު ނިހާގެ ހާލު ބަލަން ދިޔައެވެ. އެއްވެސް ޖަވާބެއް ނައެވެ. ދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ.

“ނިހާ؟” ދެވަނަ ފަހަރަށް ޓަކިޖަހައިލިއެވެ. އަދިވެސް ޚަބަރެއް ނެތެވެ.

ގޭތެރޭގައި ހާސްކަން އުފެދުނެވެ. އެހީތެރިއަކު ތަޅުދަނޑި ބަލައި ދިޔައިރު، އާއިލާ މީހާ ދިޔައީ ނިހާއަށް ގޮވަމުންނެވެ. އެންމެ ފަހުން ދޮރު ހުޅުވައިލި ވަގުތު، ބޭރުގައި ހުރި މީހާ ހުއްޓުން އެރިއެވެ.

ނިހާ އޮތީ އެނދު ކައިރީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. އޭނާގެ ދެލޯ ހުރީ ހުޅުވިފައެވެ. މޫނުމަތި ވަނީ ހުދުވެފައެވެ. ކަނދުރާއިން ފައިބައިފައިވާ ލޭތައް ތަޅުންގަނޑުމައްޗަށް ފެތުރި، އޭނާގެ އަތާ ހަމައަށް ފޯރާފައި ހުއްޓެވެ.

ގޭތެރެއިން ބިރުވެރި ހަޅޭކެއްގެ އަޑު އިވިގެންދިޔައެވެ. އާއިލާގެ އެންމެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތް ނަމަވެސް، ފެނުނު މަންޒަރުން އެންމެން ތިބީ ބިރުން ގާވެފައެވެ.

ނިހާ ވަނީ މަރުވެފައެވެ. އޭނާގެ ފިނިވެފައިވާ އަތްތިލަ ކައިރީގައި، ލެއިން ތަޅުންގަނޑުމަތީގައި ލިޔެފައިވާ އެންމެ އަކުރެއް އޮތެވެ. “އޭ”

އިންސްޕެކްޓަރ ބަދުރު އިޤްބާލް، އޮފިސަރު ސަލީމާއެކު އެގެއަށް އައެވެ. ކޮޓަރި ބަންދުކުރެވި، އާއިލާގެ މީހުން އެ ސަރަހައްދާ ދުރުކުރެވުނެވެ. ބަދުރު ހަށިގަނޑު ބަލައިލުމަށްފަހު، ތަޅުންގަނޑުގައި ލިޔެފައިވާ އަކުރަށް ނަޒަރު ހުއްޓައިލިއެވެ.

“އޭ.” އޮފިސަރު ސަލީމް މަޑުމަޑުން ބުންޏެވެ.

ބަދުރު އޭނާއަށް ބަލައިލިއެވެ. “ފޮޓޯ ނަގާ. އެއްވެސް އެއްޗެއްގަ އަތްނުލާތި.” އޮފިސަރު ބޯޖަހައިލިއެވެ.

ބަދުރު މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ކުޑަދޮރުގެ ފަރުދާތައް ހުރީ ދަމާފައެވެ. އެނދުގެ ބެޑުޝީޓު އޮތީ ރޫޖެހިފައެވެ. އަދި ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ހުސް ބިއްލޫރި ތަށްޓެއް ހުއްޓެވެ. ވީ ކީއްކަން ވަގުތުން ދެނެގަނެވޭނެ އެއްވެސް ހެއްކެއް ނެތެވެ.

މިވެސް ކިޔާލަން:  ރިހި ރާސްތާ - ފަހު ޗެޕްޓަރ

ބަދުރު ނިހާގެ އާއިލާ މީހަކާ ދިމާއަށް އެނބުރުނެވެ. “އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނުނީ ކޮން އިރަކު؟”

“ރޭގަ. އޭނާ ހުރީ ކޮޓަރީގަ.”

“އެއްވެސް މީހަކު އައިތަ ބައްދަލުކުރަން؟”

“އަޅުގަނޑުމެންނަކަށް ނޭނގެ އެކަހަލަ ކަމެއް.”

“އޭނާ އެއްވެސް މީހަކަށް އިންތިޒާރު ކުރިތަ؟”

އާއިލާގެ މީހާ ބޯ ހޫރައިލިއެވެ.

ބަދުރު އަނެއްކާވެސް އެ އަކުރަށް ބަލައިލިއެވެ. “އޭ.” މިއީ ނަމެއް ހެއްޔެވެ؟ ނަމެއްގެ ފެށޭ އަކުރު ހެއްޔެވެ؟ ނުވަތަ އިންޒާރެއް ހެއްޔެވެ؟

އޭނާގެ ސިކުނޑި ދަތުރުކުރީ ކުރީގެ މަރަށެވެ. ޝާހިދު އަދީލް މަރާލާފައި އޮއްވާ ފެނުނީ ރުކެއްގެ ކައިރިންނެވެ. މިހާރު މިއޮތީ އޭނާގެ ލޯބިވެރިޔާ ނިހާ، އަމިއްލަ ކޮޓަރީގައި މަރާލާފައެވެ. އަދި ޤާތިލު މިވަނީ ލެއިން އަކުރެއް ދޫކޮށްފައެވެ.

ފުލުހުންގެ މަރުކަޒުގައި، ބަދުރުގެ ކުރިމަތީގައި އަނާޔާ އިނެވެ. އޭނާ ގެނެވުނީ ޝާހިދުގެ މަރުގެ މައްސަލައިގައި އިތުރު ސުވާލުތަކެއް ކުރުމަށެވެ. ނަމަވެސް ނިހާ މަރުވެއްޖެކަމުގެ އެއްވެސް ޚަބަރެއް އަދި އޭނާއަކަށް ނޭނގެއެވެ.

“ފަހުން ނިހާގެ ޚަބަރެއް ވިތަ؟” ބަދުރު އަހައިލިއެވެ.

“ނޫން. ކީއްވެ؟”

“ޝާހިދުގެ މަރަށްފަހު އޭނާ ވަރަށް ހާލުގައި އުޅުނުކަން އެނގޭތަ؟”

“އާނ، އޭނާ ހުރީ މުޅިން ހަލާކުވެފަ.”

“އޭނާ އެއްވެސް އާދަޔާ ޚިލާފު ވާހަކައެއް ދެއްކިތަ؟”

އަނާޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

ބަދުރު މޭޒުމަތީގައި ފޮޓޯއެއް ބޭއްވިއެވެ. އަނާޔާ އިސްދަށަށް ޖަހައި ބަލައިލިއެވެ. އެއީ ނިހާގެ ހަށިގަނޑު ކައިރީގައި ލެއިން ލިޔެފައިވާ އަކުރު ފެންނަ ފޮޓޯއެކެވެ.

އޭނާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. “މީ.. މީ ކޮން އެއްޗެއް؟”

“ނިހާގެ ކައިރިން ފެނުނު އެއްޗެއް.”

“ނިހާ؟”

ބަދުރު ވަރަށް ފުންކޮށް އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “ނިހާ މަރުވެއްޖެ.”

އަނާޔާ ދެލޯ ބޮޑުކޮށްލަމުން ބަދުރަށް ބަލައިލިއެވެ. “ނޫން..”

“އާނ، އެއީ ތެދެއް.”

“ކާކު މިވަރުގެ ކަމެއް ކުރީ؟”

“އަހަރެމެން މި މަސައްކަތް ކުރަނީ އެކަން ހޯދަން.”

އަނާޔާގެ ނަޒަރު އަނެއްކާވެސް އެ ފޮޓޯއަށް ހުއްޓުނެވެ. އެ އަކުރު އޭނާގެ ދެލޯ ކުރިމަތީގައި ހަރަކާތްކުރާ ކަހަލަ އިޙުސާސެއް ކުރެވުނެވެ. “އޭ”

އެއީ އޭނާގެ ބިރުވެރި ޚިޔާލުތަކުން ފެންނަމުންދިޔަ އަކުރެވެ. މިހާރު ދެ މަރަކާ ގުޅިފައިވާ އެއް އަކުރެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އެ ފަޅު މަގާއި، އެ ނާމާން މަޚްލޫޤާއި، އަދި އެ އަޖައިބުކުރުވަނިވި އަލިގަނޑެވެ. އެއަށްފަހު، ލޯގަނޑުގައި ލެއިން ފެވުނު އަކުރުތައް ހަނދާންވިއެވެ.

އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ.

“އަނާޔާ؟” އޭނާ އިސްއުފުލައި ބަލައިލިއެވެ.

“ހުރިހާ ކަމެއް ރަނގަޅުތަ؟” ބަދުރު އަހައިލިއެވެ.

“ކާކު ނިހާ މަރާލާނީ؟”

ބަދުރު އެ ސުވާލަށް ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެހިއެވެ. “އޭ އަކުރުން ނަން ފެށޭ އެއްވެސް މީހަކު ދަންނަންތަ؟”

މިވެސް ކިޔާލަން:  ޙުޔޫން - ޕައިލެޓް އެޕިސޯޑް

އަނާޔާ ހުއްޓުން އަރާފައި ބަލަން އިނެވެ.

ބަދުރު ކުރިއަށް ގެންދިޔައެވެ. “ޝާހިދު ނޫނީ ނިހާއާ ގުޅުމެއް އޮތް އެކަހަލަ މީހަކު؟”

“ނޭނގެ.”

“ވިސްނާލާފަ ބުނެބަލަ.”

“އަހަރެން ބުނެފީމެއްނު ނޭނގެޔޭ!” އަނާޔާގެ އަޑު ކުއްލިއަކަށް ބާރުވިއެވެ.

ބަދުރު އެއްވެސް ރުޅިވެރިކަމެއް ނެތި މަޑުމައިތިރިކަން އިޚްތިޔާރު ކުރިއެވެ. “އަހަރެން އަނާޔާއަށް ތުހުމަތެއް ނުކުރަން. އަހަރެން މި އެދެނީ އެހީތެރިކަމަށް.”

އަނާޔާ އިސްދަށަށް ޖެހިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ހަޤީޤަތުގައި ވީ ކަންކަމާއި، އޭނާއަށް ފެންނަމުންދާ ބިރުވެރި ހުވަފެންތައް ވަކިކުރަން އޭނާއަށް މިހާރު ދައްޗެވެ.

އެރޭ، އޭނާ ހުރީ އޭނާގެ ކޮޓަރީގައި ހުރި ލޯގަނޑު ކުރިމަތީގައެވެ. އޭނާ އެތައް ފަހަރަކު އެ ބިއްލޫރިގަނޑު ސާފުކޮށްފިއެވެ. އެކަމަކު އެ ރަތް ލިޔުމުގެ ހަނދާންތައް ފޮހެވޭ ގޮތެއް ނުވިއެވެ. އޭނާ ލޯގަނޑުގެ ބިއްލޫރިގަނޑުގައި އަތް ޖައްސައިލިއެވެ.

“ކާކު ތީ؟” އޭނާ މަޑުމަޑުން އަހާލިއެވެ.

ކޮޓަރިތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ދެން ކުއްލިއަކަށް، ލޯގަނޑުން ފެންނަމުންދިޔަ އޭނާގެ ސޫރައިގެ ފަހަތުން ފަނޑު ނޫކުލައިގެ އަލިކަމެއް ފާޅުވާން ފެށިއެވެ. އަނާޔާ ވަގުތުން ފަހަތަށް އެނބުރުނެވެ. ކުޑަދޮރު ކައިރީގައި އަޅި މޫނެއް ހުރި ސޫރަ ހުއްޓެވެ. ފަރުދާތައް ހަރަކާތެއް ނެތި ހުރި ނަމަވެސް، އެ ސޫރައިގެ ގަދަ ނޫކުލައިގެ އިސްތަށިގަނޑު ދިޔައީ މަޑުމަޑުން ވިހުރެމުންނެވެ. އަދި އޭގެ ދެލޯ ވިދަމުންދިޔައީ އާދަޔާ ޚިލާފު ކްރިސްޓަލް އަލިކަމަކުންނެވެ.

އަނާޔާއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކުޅެދުނެވެ. “ތީ..”

އެ މަޚްލޫޤު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“މި ހުރިހާ ކަމަކާ ގުޅިފައިވަނީ ކަލޭ، އެހެންނު؟”

އެއްވެސް ޖަވާބެއް ނައެވެ.

“ކަލޭތަ ޝާހިދު މަރާލީ؟ ކަލޭތަ ނިހާ މަރާލީ؟”

އެ ސޫރަ އޭގެ ބޯ ކުޑަކޮށް އަރިކޮށްލިއެވެ.

އަނާޔާ ތުރުތުރުއަޅަމުން ކުރިއަށް ޖެހިލިއެވެ. “އަހަންނަށް މިވަނީ ކީއްކަން ބުނެދީބަލަ!”

ނޫކުލައިގެ އަލިގަނޑު އިހުނަށްވުރެ ގަދަވެގެން ދިޔައެވެ. އަދި މަޑުމައިތިރި، ދުރުން އިވޭ ކަހަލަ އަޑެއް އޭނާގެ ކަންފަތުގައި ޖެހުނެވެ. “ކަލެއަށް ހަނދާންވަނީ.”

“ކޮން އެއްޗެއް ހަނދާންވަނީ؟”

އެ މަޚްލޫޤުގެ ދެލޮލުގެ ވިދުން އިތުރަށް ގަދަވިއެވެ. “ކަލޭގެ ހަޤީޤަތް.”

އަނާޔާއަށް އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ލިބުމުގެ ކުރިން، އެ އަލިގަނޑު ކުއްލިއަކަށް ގެއްލިގެން ދިޔައެވެ.

އޭނާ އަނެއްކާވެސް އެކަނިވެއްޖެއެވެ. ނަމަވެސް އެ އެންމެ ފަހު ބަސްތައް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. “ކަލޭގެ ހަޤީޤަތް.” އަދި އޭނާގެ އެތެރެހަށީގެ އެންމެ ފުންމިނުގައި ވަޅުޖެހިފައިވާ ހަނދާނެއް، މަޑުމަޑުން ހޭލަން ފެށިއެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top