މިހާރު ކުރިޔަށްދާ އދ. މަހިބަދޫ ޒުވާނުންގެ 23 ވަނަ ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި ޖިބިއްލީ ޖޫނިއާސް ބަލިކޮށް ސްޕޯރޓިންގް އަޒިއޯންއިން ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.
ގުރޫޕްގެ އޭގެ ދެވަނަ މެޗުގައި މިއަދު އަޒިއޯން އާއި ޖިބިއްލީ ޖޫނިއާސް ބައްދަލުކުރިއިރު، މި ގުރޫޕްގެ ފުރަތަމަ މެޗު އަޒިއޯން އާއި އެންޓީ ޔުނައިޓެޑް ބައްދަލުކޮށް ވަނީ 2-2 އިން އެއްވަރުވެގެން ނިމިފަ އެވެ.
ސެމީ ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި މެޗުން މޮޅުވުން މުހިންމުވެފައިވާ އަޒިއޯންއިން ވަނީ މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގިނަ ވަގުތު މެޗު ލީޑުކުރި އަޒިއޯންއިން ވަނީ މެޗުގެ 4 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. ޖިބިއްލީ ޖޫނިއާސްގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށް ވަދެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަޒިއޯންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސާދު އަބްދުލް އަޒީޒް އެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ޖިބިއްލީ ޖޫނިއާސްއިން ލަނޑެއް ޖެހުމުގެ ކުރިން، އަޙްމަދު ޔާނިޝް ވަނީ އަޒިއޯންއަށް އިތުރު ލަނޑެއް ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އަޒިއޯންއިން މި ލަނޑު ޖެހީ މެޗުގެ 21 ވަނަ މިނިޓްގަ އެވެ. ލަނޑު ޖަހާނެ ފުރުސަތު ޖިބިއްލީ ޖޫނިއާސްއަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ އަޒިއޯންއިން ނެވެ. މި ހާފުގައި އަޒިއޯންއިން އިތުރު ދެ ލަނޑު ޖެހި އެވެ. އަޒިއޯންގެ ތިންވަނަ ލަނޑު ޖަހައިދިނީ ހަސަން ނާއިމް އެވެ. 70 ވަނަ މިނިޓްގައި ނާއިމް މި ލަނޑު ޖަހާފައިވަނީ އޭރިޔާގެ އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން ގޯލު ކައިރިއަށް ޖެހިލުމަށްފަހު ކީޕަރުގެ ދުރުކަނަށް ތިރިތިރިން ބޯޅަ ވައްދާލައިގެން ނެވެ.
އަޒިއޯންއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ޖިބިއްލީ ޖޫނިއާސްގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލުމަށްފަހު، ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ހަސަން ނާއިމް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕޯރޓިންގް އަޒިއޯންގެ ހަސަން ނާއިމް އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަތަރު ޕޮއިންޓް ހަމަކޮށް އަޒިއޯންއިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކުރިއިރު، މި ގުރޫޕުން ސެމީ ފައިނަލަށް ދާނެ ދެވަނަ ޓީމެއް އެނގޭނީ މި މަހުގެ 23 ވަނަ ދުވަހު އެންޓީ ޔުނައިޓެޑާއި ޖިބިއްލީ ޖޫނިއާސް ބައްދަލުކުރާ މެޗަށްފަހު އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުގައި ބައްދަލުކުރާނީ ޖިބިއްލީ އާއި އަޒިއޯން ޖޫނިއާސް އެވެ.
