ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 2 ގެ ސެމީ ފައިނަލަށް ކެޔޮދޫ އާއި ދަރަނބޫދޫ އަދި ކުޑަހުވަދޫ އާއި ނިލަންދޫ ދަތުރުކޮށްފި އެވެ. މި ޒޯންގެ މެޗުތައް ރޭ ނިމިފައިވާއިރު، މި ޒޯންގެ ފަހު ދެ މެޗުގައި ބައްދަލުކުރީ ނިލަންދޫ އާއި މާއެނބުދޫ އަދި ދަރަނބޫދޫ އާއި ކެޔޮދޫ އެވެ.
ރޭ ކުޅެވުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރި ނިލަންދޫ އާއި މާއެނބޫދޫއަކީ ގުރޫޕް އޭގެ ދެ ޓީމެވެ. ކުރިން ކުޅުނު މެޗުން ބަލިވެފައިވާ ނިލަންދޫ އާއި ކުރިން ކުޅުނު މެޗު އެއްވަރުކޮށްފައިވާ މާއެނބޫދޫ މި މެޗަށް ނުކުތްއިރު، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗުގައި މާއެނބޫދޫއިން ކުރިން މެޗުގައި ދެއްކި ކުޅުން ތަކުރާރެއް ނުކުރެވުނެވެ. މެޗު ޑްރޯކޮށްލައިގެން ވެސް ސެމީއަށް ދިއުމުގެ ފުރުސަތު އޮތް މާއެނބޫދޫ ކައިރިން ނިލަންދޫއިން ކާމިޔާބު ހޯދީ ހީކުރި ވަރަށްވުރެ ފަސޭހަކޮށެވެ. މެޗުގެ ހަތްވަނަ މިނިޓްގައި އަޙްމަދު ނަބީލް ކާމިޔާބުކުރި ލަނޑާއިއެކު މެޗުގެ ލީޑު ހޯދިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަޙްމަދު ނިލަންދޫގެ ލީޑު ފުޅާ ވެސް ކޮށްދިނެވެ.
ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ނިލަންދޫއިން ނެވެ. މި ހާފުގެ ކުރީކޮޅު މޫސާ ޖަމީލް ނިލަންދޫގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. މި މެޗުގައި މާއެނބުދޫއިން ޖެހި ލަނޑު ޖެހީ 37 ވަނަ މިނިޓްގައި އަޙްމަދު ޝައިހާން އެވެ. ޝައިހާން ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން ހަސަން ރާއިދު ވަނީ ނިލަންދޫގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ.
މި މެޗުން ތިން ޕޮއިންޓާއިއެކު ނިލަންދޫއިން ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކުރިއިރު، މި ގުރޫޕްގެ އެއްވަނައަކީ ކުޑަހުވަދޫ އެވެ.
ސެންޓްރަލް ޒޯން 2 ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބައްދަލުކުރީ ކެޔޮދޫ އާއި ދަރަނބޫދޫ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. ދަރަނބޫދޫ ކުޅުނު ފުރަތަމަ މެޗު އެ ޓީމު ކާމިޔާބުކޮށްފައިވާއިރު، ކެޔޮދޫ ވެސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.
މި މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕްގެ އެއްވަނަ ލިބޭނެތީ ދެ ޓީމުން ވެސް ވަނީ މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ކެޔޮދޫއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރައިލާފަ އެވެ. މެޗުގެ ފަހުކޮޅު ކެޔޮދޫއަށް މި ލަނޑު ޖަހައިދިނީ އަޒްޔާން އާދަމް ރަޝީދު އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ކެޔޮދޫ ހޯދިއިރު، އެ ޓީމާއިއެކު މި ގުރޫޕުން ސެމީ ފައިނަލަށް ދިޔަ ދެވަނަ ޓީމަކީ ދަރަނބޫދޫ އެވެ.
ސެންޓްރަލް ޒޯން 2 ގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ.
