ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުޑަހުވަދޫ އާއި ކެޔޮދޫ ސެމީ ފައިނަލަށް
ކުޑަހުވަދޫ ކައުންސިލް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 2 ގައި ކުޑަހުވަދޫ އާއި މާއެނބޫދޫ ކުޅުނު މެޗު އެއްވަރުވިއިރު، ކެޔޮދޫ ކުޅުނު މެޗުން އެ ޓީމު މޮޅުވެ ކުޑަހުވަދޫ އާއި ކެޔޮދޫ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދ. ކުޑަހުވަދޫގައި ކުރިޔަށްދާ ސެންޓްރަލް ޒޯން 2 ގެ ދެ މެޗު އިއްޔެ ވެސް ވަނީ ކުޅެފަ އެވެ. އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުޑަހުވަދޫ އާއި މާއެނބޫދޫ އެވެ. މިއީ ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމުގެ ތެރެއިން ކުޑަހުވަދޫގެ ދެވަނަ މެޗު ނަމަވެސް، މާއެނބޫދޫގެ ފުރަތަމަ މެޗެވެ. ކުޑަހުވަދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެން ނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުޑަހުވަދޫއިން ނެވެ. 4 ވަނަ މިނިޓްގައި ކުޑަހުވަދޫއަށް މި ލަނޑު ޖަހައިދިނީ އަލީ އެބްރަހިމި އެވެ. ކުޑަހުވަދޫގެ ލަނޑަށް މާ ގިނައިރެއް ނުވެ ޢަލީ ޝާމިއު ވަނީ މާއެނބޫދޫއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެވަނަ ފަހަރަށް އަލީ އެބްރަހިމި ކުޑަހުވަދޫއަށް ނަގައިދިން ލީޑުގައި ވެސް އެ ޓީމަށް ހަފަހައްޓައިލެވުނީ ކުޑަ އިރުކޮޅަކު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޢަލީ ޝައިހާން ވަނީ މާއެނބޫދޫއަށް އެއްވަރުކޮށްދީފަ އެވެ.

މިވެސް ކިޔާލަން:  މަތިވެރި އާއި ގާފަރު ފެށީ މޮޅަކުން

ދެވަނަ ހާފުގައި މާއެނބޫދޫގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ދައްކާފައިވާއިރު، ތިންވަނަ ފަހަރަށް ކުޑަހުވަދޫން ލީޑުނެގީ އޭގެ އިރުކޮޅެއް ފަހުން ނެވެ. ކުޑަހުވަދޫ މޮޅުވެގެން ނިމިދާނެކަމަށް ބެލެވުނު މި މެޗު މާއެނބޫދޫއިން އެއްވަރުކުރީ އިތުރު ވަގުތުގެ ވެސް ފަހުކޮޅު އަޙްމަދު ޝައިހާން ޖަހައިދިން ދެވަނަ ލަނޑުން ނެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ގުރޫޕްގެ އެއްވަނައަށް ޖެހިލި ކުޑަހުވަދޫއަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ޔަގީންވެފަ އެވެ.

ސެންޓްރަލް ޒޯން 2 ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ދިއްގަރާއި ކެޔޮދޫ އެވެ. މިއީ މުބާރާތުގައި ދިއްގަރު ކުޅޭ ދެވަނަ މެޗު ނަމަވެސް، ކެޔޮދޫގެ ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުން ބަލިވެފައިވާ ދިއްގަރު ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ބޭނުންނަމަ މޮޅުވާން މަޖުބޫރުވި މި މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ލަނޑެއް ޖެހުމަށް ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރީ ކެޔޮދޫއިން ނެވެ. 2-0 އިން ކެޔޮދޫ މި މެޗު ކާމިޔާބުކުރުމާއިއެކު ދިއްގަރު ވަނީ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. އަދި މި ގުރޫޕްގައި ހިމެނޭ ދަރަނބޫދޫ އާއި ކެޔޮދޫއަށް ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ޖާގަ ޔަގީންވެފަ އެވެ.

މި ގުރޫޕްގެ އެއްވަނަ ޓީމު ޔަގީންވާނީ 21 ވަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރާ މެޗަށްފަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top