ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގައި މަތިވެރި އާއި ގާފަރުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފެށުން މޮޅަކުން ފަށައިފި އެވެ.
ކ. ހިންމަފުށީގައި މިއަދު އިއްޔެ ފެށި ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަނީ، ގުރޫފް އޭގައި ހިމެނޭ ގާފަރާއި މަންދޫ އަދި ދަނގެތީގެ އިތުރުން ގުރޫޕް ބީގައި ހިމެނޭ މަތިވެރި އާއި ބޮޑުފޮޅުދޫ އަދި ހިންމަފުށްޓެވެ.
މިއަދު ކުޅެވުނު މި ޒޯންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަތިވެރި އާއި ހިންމަފުށްޓެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 4-2 އިން ކާމިޔާބުކުރީ މަތިވެރި އެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނު މަތިވެރިން ވަނީ މެޗުގެ 8 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޒާހިދު އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ހިންމަފުށިން ލަނޑެއް ޖެހުމުގެ ކުރިން މަތިވެރިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހި އެވެ. 12 ވަނަ މިނިޓްގައި މަތިވެރިއަށް މި ލަނޑު ޖަހައިދިނީ އަޙްމަދު ފިރާޝް އެވެ. ދެވަނަ ލަނޑު ޖަހައި ހަމަޖެހި ނުލެވި އުޅެނިކޮށް މަތިވެރީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ނަތީޖާގެ ފަރަގު ކުޑަވި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިސްމާއިލް ނަސީމް ވަނީ މަތިވެރީގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
ދެވަނަ ހާފުގައި ހިންމަފުށިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. 30 ވަނަ މިނިޓްގައި ޢަލީ ސާޖިދު ޖަހައިދިން ލަނޑުން ހިންމަފުށިން އުންމީދު އާކުރި ނަމަވެސް، މެޗުގެ ފަހުކޮޅު މުޙައްމަދު ޝަފުރާޒް ޖަހައިދިން ލަނޑާއިއެކު މަތިވެރިން ހަތަރު ލަނޑު ހަމަކުރި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަތިވެރީ ޓީމުގެ އަޙްމަދު ނަސީމެވެ.
މި ޒޯންގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގާފަރާއި ދަނގެއްޗެވެ. ރޭ ކުޅެވުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި މޮޅު ކުޅުމެކެވެ. މެޗުން މޮޅުވުމަށް ދެ ޓީމުން ވެސް ބޭނުންވެފައިވާވަރެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ގާފަރަށް ވަނީ ދުރު ޕެނަލްޓީއެއް ވެސް ލިބި ބޭނުން ނުކުރެވިފަ އެވެ. މި މެޗުގެ ފަހުކޮޅު ދަނގެތި ޓީމުގެ ގޯލްކީޕަރަށް ރަތް ކާޑް ދައްކާފައިވާއިރު، މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ގާފަރުން ޖެހީ އެ ރަތް ކާޑާއިއެކު ލިބުނު ފްރީކިކް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑު ގާފަރަށް ކާމިޔާބުކޮށްދިނީ ޢަލީ މާއިސް އެވެ.
1-0 އިން ގާފަރު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރު ޓީމުގެ ޢަލީ މާއިސް އެވެ.
މި ޒޯންގެ ކުޅުން ދެން އޮންނާނީ 17 ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ހިންމަފުށްޓާއި ބޮޑުފޮޅުދޫ އެވެ. އަދި ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ގާފަރާއި މަންދޫ އެވެ.
