ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލްގެ ދެވަނަ ޖާގަ ފުވައްމުލައް ހޯދައިފި
ފުވައްމުލަށް ސިޓީ ކައުންސިލް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 2 ގެ ފައިނަލްގެ ދެވަނަ ޖާގަ ފުވައްމުލަށް ސިޓީ ހޯދައިފި އެވެ.

ސައުތު ޒޯން 2 ގައި ހިމެނޭ ތިން ޓީމުގެ މެދުގައި ކުރިޔަށް ދިޔަ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ވާދޫ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައިވާއިރު، ސައުތު ޒޯން 2 ގެ ލީގު ބުރުގެ ފަހު މެޗު އިއްޔެ ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗުން ވާދޫ އަތުން ބަލިވި ފަރެސްމާތޮޑާ އާއި ވާދޫއާ ބައްދަލުކޮށް އެއްވަރުކުރި ފުވައްމުލަށް އިއްޔެ މެޗަށް ނުކުތްއިރު، މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ. އަދި ބޮޑު ތަފާތަކުން ފަރެސްމާތޮޑާ ބަލިކޮށް ލީގު ބުރުގެ އެއްވަނައަށް އެރުމުގެ ފުރުސަތުތައް ވެސް ފުވައްމުލަކަށް އޮތެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފަރެސްމާތޮޑާއިން ވެސް ވަނީ ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ފުވައްމުލަކުން ޖެހީ މެޗުގެ 14 ވަނަ މިނިޓްގަ އެވެ. ފަރެސްމާތޮޑާގެ އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފުވައްމުލަކު ކުޅުންތެރިއެއް ޖައްސާލި ބޯޅައެއްގެ ބޭނުން ހިފައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ވިސާހް އިބްރާހިމް އެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ.

މިވެސް ކިޔާލަން:  ތިމަރަފުށްޓާއި އިސްދޫ ސެމީއަށް

ދެވަނަ ހާފުގައި ފުވައްމުލަކުން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި މުޙައްމަދު ވިސާހް އިބްރާހީމް އޭނާގެ ދެވަނަ ލަނޑު ޖެހީ، ފަރެސްމާތޮޑާ ކީޕަރު އޭރިޔާ ދޫކޮށް ކުރިޔަށް ޖެހުނު ވަގުތެއްގައި ފުވައްމުލައް ކުޅުންތެރިއަކު ހޯދި ބޯޅައެއްގެ ބޭނުންކޮށް އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ. ދެވަނަ ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ފުވައްމުލަކުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ރަޝީދު އެވެ. ޢަބްދުﷲ ރަޝީދު މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭރިޔާތެރެއިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ކީޕަރުގެ އަތް ކައިރިން ނެއްޓުނު ވަގުތު ގޯލު ކުރިމަތީ މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ފުވައްމުލަކުން ހަތަރު ޕޮއިންޓް ހަމަކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދިއިރު، އެއްވަނައިގައި އޮތް ވާދޫއަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ވާދޫއަށް އެއްވަނަ ލިބެނީ ފައިދާ ލަނޑު ގިނަވުމުން ނެވެ.

ސައުތު ޒޯން 2 ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top