ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގދ. ގައްދޫ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް ބިސްބުރު ސްޕޯރޓްސް ކުލަބް ލީގުގެ ތިންވަނައަށް ޖެހިލައިފި އެވެ. ގައްދޫ ރެކްރިއޭޝަން އާއި ބިސްބުރު ސްޕޯރޓްސް ކުލަބް ބައްދަލުކުރި މެޗު ބިސްބުރުން ކާމިޔާބުކުރީ 1-0 އިން ނެވެ.
މިއީ ދިވެހި ޕްރިމިއާރ ލީގަށް އަލަށް ކޮލިފައިވި މި ދެ ޓީމުން ވެސް ކުޅުނު ހަތްވަނަ މެޗެވެ. ބިސްބުރު ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ގައްދޫ ކުޅުނު ހަތް މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. ބިސްބުރު ތިންވަނައަށް ޖެހިލީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެން ނެވެ.
ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ބިސްބުރުން ޖެހީ މެޗުގެ 23 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ނެވެ. މި ޕެނަލްޓީ ބިސްބުރަށް ކާމިޔާބުކޮށްދިނީ އަރެމޫ ޓިމޮތީ އެވެ.
މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނުއިރު، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ. ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ގައްދޫއިން ފޮނުވާލި ގިނަ ހަމަލާތަކެއް ބިސްބުރުގެ ކީޕަރު ދިފާއުކޮށްފައިވާއިރު، އިތުރު ލަނޑެއް ޖެހުމަށް ބިސްބުރުން ކުރި މަސައްކަތް ހުއްޓުވުމުގައި ގައްދޫގެ ޑިފެންޑަރުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
1-0 އިން ބިސްބުރު ސްޕޯރޓްސް ކުލަބް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަރެމޫ ޓިމޮތީ އެވެ.
ލީގުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި ބުރު ސްޕޯރޓްސް ކުލަބެވެ.
