ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ފަވާދު ޚާން އަދި މާހިރާ ޚާން ލީޑް ރޯލުން ފެނިގެންދާ އާ އުރުދޫ ވެބް ސީރީޒް “ޖޯ ބަޗޭ ހޭ ސަންގް ސަމޭޓް ލޯ” މަޤުބޫލު އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސް މެދުވެރިކޮށް ދައްކަން ނިންމައިފިއެވެ. “އޯލް ދަ ލަވް އަވާ ހާޓްސް ކެރީ” ގެ ނަމުގައިވެސް މަޝްހޫރުވެފައިވާ މި ސީރީޒަކީ ބެލުންތެރިންގެ މެދުގައި ބޮޑު އިންތިޒާރެއް އުފެދިފައިވާ އުފެއްދުމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 2023 ވަނަ އަހަރު އުފައްދަން ފަށާފައިވާ މި ސީރީޒް ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރު 2026 ގައެވެ. ނެޓްފްލިކްސްގެ ލިސްޓިންގައި މި ސީރީޒް މިހާރު ހިމަނާފައިވީ ނަމަވެސް، ޕާކިސްތާނާއި އިންޑިއާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން މި ސީރީޒް އިންޑިއާގައި ދައްކާނެކަމާމެދު އަދި ވަނީ ޔަޤީންކަމެއް ނުލިބިއެވެ.
މި ސީރީޒްގެ ވާހަކަ ބިނާވެފައިވަނީ ކަރާޗީގެ މުއްސަނދި ޒުވާނެއް ކަމަށްވާ ސިކަންދަރު ޝެހެރްޔާރުގެ ހަޔާތުގެ މައްޗަށެވެ. އޭނާގެ ކޮއްކޮގެ ކައިވެނި ހަމަޖެހިފައިވާ މަރިޔަމް، ސިކަންދަރުގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އެޅުވުމުގެ ސަބަބުން އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެންދެއެވެ. އާއިލާގެ އެއްވެސް އެއްބާރުލުމެއް ނުލިބުމުން، ގެއިން ނުކުމެގެން އެމެރިކާއަށް ގޮސް ދިރިއުޅުން އަލުން އާރާސްތުކުރަން އޭނާ މަސައްކަތްކުރަނީ މާޒީގެ ހިތްދަތި ހަނދާންތަކާ އެކުގައެވެ.
އޭގެ 12 އަހަރު ފަހުން، ރޯމްގައި މަސައްކަތްކުރަމުން ދަނިކޮށް ސިކަންދަރަށް ލީޒާ ނަމަކަށް ކިޔާ، ހިތްހެޔޮ މިޒާޖެއްގެ ޕާކިސްތާން-އިޓަލީ އާޓިސްޓަކާ ބައްދަލުވެއެވެ. ލީޒާގެ ލޯތްބާއި އަޅާލުމުގެ ސަބަބުން ސިކަންދަރުގެ މާޒީގެ ޒަޚަމްތައް ފަސޭހަވެ، ދެމީހުން ލޯބީގެ ގޮތުން ގުޅެއެވެ. ނަމަވެސް ކައިވެނީގެ ކުރިން އާއިލާއާ ބައްދަލުކުރުމަށް ކަރާޗީއަށް އެނބުރި ދިއުމުން ހާމަވަނީ ހައިރާންކުރުވަނިވި ހަޤީޤަތެކެވެ. އެއީ ލީޒާއާ ވަކިވެފައިވާ އޭނާގެ ދޮންބެދައްތަ “ސޭމް” އަކީ ސިކަންދަރުގެ މާޒީ ބަރުބާދުކޮށްލި މަރިޔަމް ކަމެވެ. ދެމީހުންގެ ދެމެދުގައި މައްސަލަތައް އުފައްދަން މަރިޔަމް މަސައްކަތްކުރި ނަމަވެސް، ލީޒާ ހަޤީޤަތް ހޯދައި، ސިކަންދަރުގެ ދިފާއުގައި ސާބިތުވެ ހުރެއެވެ. ވާހަކަ ކުރިއަށްދަނީ މާޒީގެ މި ހުރަސްތައް ގިރާކޮށް ދެމީހުންނަށް އުފާވެރި މުސްތަޤުބަލެއް ބިނާކުރެވިދާނެތޯ ބަލައިލުމުގެ މައްޗަށެވެ.
ފަރްހަތު އިޝްތިޔާޤް 2013 ގައި ނެރުނު މަޝްހޫރު ވާހަކައިގެ މައްޗަށް ބިނާކޮށް މޫމިނާ ދުރައިދް ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރާ މި ސީރީޒްގައި ފަވާދު ޚާން އަދި މާހިރާ ޚާންގެ އިތުރުން އަހަދު ރަޒާ މިރް، އިޤްރާ އަޒީޒް، ސަނަމް ސައީދު، ހާނިއާ އާމިރު، ހަމްޒާ އަލީ އައްބާސީ، މާޔާ އަލީ، ބިލާލް އަޝްރަފް އަދި ޚުޝްހާލް ޚާން ފަދަ ޕާކިސްތާނުގެ ފުންނާބުއުސް ތަރިން ފެނިގެންދާނެއެވެ.
