ފަރަންސޭސިވިލާތުގެ މެޑިކަލް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ “ކާމެޓް” އިން އުފައްދާފައިވާ މަސްނޫއީ ހިތެއް، އެމެރިކާގައި ކުރިއަށްގެންދާ ކްލިނިކަލް ޓްރަޔަލްއެއްގެ ދަށުން ފުރަތަމަ ފަހަރަށް ބަލިމީހެއްގެ ގަޔަށް އިންޕްލާންޓް ކޮށްފިއެވެ. މިއީ މި ދިރާސާގައި ބައިވެރިކުރާ 10 މީހުންގެ ތެރެއިން ފުރަތަމަ މީހާއެވެ.
“އީސަން” ނަމަކަށް ކިޔާ މި ބަޔޯޕްރޮސްތެޓިކް އާލާތަކީ، ހިތުގެ ދެފަރާތް ފެއިލްވެފައިވާ ޔޫރަޕްގެ ބައެއް ބަލިމީހުންނަށް މީގެ ކުރިންވެސް ލައްވާފައިވާ އެއްޗެކެވެ. މި އާލާތުގެ އެހީގައި ބަލިމީހުން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ވެސް ގިނަ މަސްތަކެއް ވަންދެން ދިރިހުރުމުގެ ފުރުސަތު ލިބޭކަން ވަނީ ސާބިތުވެފައެވެ.
އެމެރިކާގައި ކުރިއަށްގެންދާ މި ފުރަތަމަ އޮޕަރޭޝަނަކީ ކާމެޓްގެ “އާލީ ފީޒިބިލިޓީ ސްޓަޑީ”ގެ ބައެކެވެ. މި ދިރާސާގެ ބޭނުމަކީ، ހިތް ބަދަލުކުރުމުގެ ފުރުސަތު ލިބެންދެން، މި އާލާތުގެ އެހީގައި މަދުވެގެން ހަ މަސް ދުވަހު ބަލިމީހާ ދިރިހުރޭތޯ ބެލުމެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ނޯތު ކެރޮލައިނާގެ ޑިއުކް ޔުނިވާސިޓީ ހޮސްޕިޓަލުގެ ހިތުގެ ސާޖަނުންނެވެ.
މި ދިރާސާގެ މައިގަނޑު މަގުސަދަކީ އާލާތް ލައްވާތާ 180 ދުވަހު ބަލިމީހާ ދިރިހުރުން ނުވަތަ ކާމިޔާބުކަމާއެކު ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރެވުމެވެ. މި ދިރާސާގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ފުރަތަމަ ތިން ބަލިމީހުންނަށް މި އާލާތް ލެއްވުމަށްފަހު، 60 ދުވަސް ވަންދެން އެމީހުންގެ ހާލަތު ބަލާނެއެވެ. ބާކީ ތިބި ހަތް ބަލިމީހުންގެ އޮޕަރޭޝަން ކުރިއަށް ގެންދާނީ އޭގެ ފަހުންނެވެ.
ހިތުގެ މަސައްކަތް ކުރުވުމަށް ބޭނުންކުރާ ބައެއް ޕަންޕުތައް ބޭނުންކުރާ ބަލިމީހުން ހޮސްޕިޓަލުގައި މަޑުކުރަން ޖެހުނު ނަމަވެސް، “އީސަން” ފަދަ ފުރިހަމަ މަސްނޫއީ ހިތްތައް ފަރުމާކޮށްފައިވަނީ ބަލިމީހުންނަށް ގެއަށް ގޮސް އާންމު ދިރިއުޅުމުގެ ކަންކަމުގައި އުޅެވޭ ގޮތަށެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި، މި އާލާތަކީ ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތައް ދެނެގަނެ، އިންސާނާގެ އަސްލު ހިތް މަސައްކަތްކުރާ ގޮތާ އެއްގޮތަށް ލޭ ދައުރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ އެއްޗަކަށް ވާންޖެހެއެވެ.
ޔޫރަޕްގެ 10 ބަލިމީހުން ބޭނުންކޮށްގެން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މި އާލާތް “އޮޓޯ މޯޑް” އަށް ބަދަލުކުރުމުން، މާ ބޮޑު ބަދަލުތަކެއް ގެންނަން ނުޖެހި ގިނަ ދުވަސްތަކެއް ވަންދެން ހިތުގެ މަސައްކަތް ފުރިހަމައަށް ކުރެއެވެ. މި ދިރާސާގައި ބައިވެރިވި ބަލިމީހަކު މި މަސްނޫއީ ހިތާއެކު ދެ އަހަރު ދުވަހު ދިރިއުޅެފައިވާކަން ފާހަގަކުރެވެއެވެ.
ޔޫރަޕްގައި “އީސަން” ބޭނުންކުރުމުގެ ހުއްދަ މިދިޔަ ޑިސެމްބަރު މަހު ލިބިފައިވާއިރު، އެންމެ ފުރަތަމަ ޖަރުމަނުވިލާތުގައި މިއާލާތް ވިޔަފާރީގެ އުސޫލުން ބޭނުންކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން، ފަރަންސޭސިވިލާތުގައި 52 ބަލިމީހުން ބޭނުންކޮށްގެން ކުރިއަށްގެންދާ ބޮޑު ކްލިނިކަލް ޓްރަޔަލްއެއްގައި ވެސް މި އާލާތް ދަނީ ބޭނުންކުރަމުންނެވެ.
