ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އަމާން – 5
މުނިއަވަސް ގްރެފިކްސް

ޖެހިގެން އައި ދުވަހުގެ ހެނދުނު ޒައިނާއަށް ހޭލެވުނީ އާދަޔާ ޚިލާފަށް އަވަހަށެވެ. މުޅި ރޭ އޭނާއަށް ރަނގަޅަށް ނުނިދެއެވެ. ސިކުނޑީގައި ތަކުރާރުވަމުން ދިޔައީ އަމާންގެ ބަސްތަކެވެ.

“ޤަބޫލުކުރަންތަ ދުވަހަކުވެސް އުންމީދު ނުކުރާ ގޮތަކަށް ދެމީހަކު ބައްދަލުވެ، އެކަކު އަނެކަކަށް ވަރަށް މުހިންމު މީހަކަށް ވެދާނެ ކަމަށް؟”

އެ ސުވާލު ހަނދާނުން ފޮހެލަން އޭނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އަމާންގެ މޫނުމަތީގައިވި ސީރިއަސް އަސަރުތައް އެކަމަށް ހުރަސްއަޅައެވެ.

ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރެ، ހެނދުނުގެ ފިނި ވައިރޯޅީގައި ހެއްލެމުންދިޔަ ރުއްތަކާއި، ގޭގޭގެ ފުރާޅުތަކުގެ މަތިން ފެންނަން އޮތް ނޫކުލައިގެ ފުޅާ ކަނޑަށް އޭނާ ބަލަހައްޓައިގެން ހުއްޓެވެ. ތުންފަތްމައްޗަށް ވެރިވީ މަޑުމައިތިރި ހިނިތުންވުމެކެވެ.

“އަހަންނަށް އޭނާއާމެދު މިހާވަރަށް މި ވިސްނެނީ ކީއްވެބާ؟” ޒައިނާ މަޑުމަޑުން ހިތާހިތުން ކިޔާލިއެވެ. އަދި އޭނާގެ ހިތުގެ އަޑު މީހަކަށް އިވިދާނެ ފަދައިން އަވަސްއަވަހަށް ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ.

ތިރީގައި، ބަދިގޭގައި މަރިޔަމް ހުރީ ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ.

“ޒައިނާ، މިކޮޅަށް އައިސްބަލަ.” މަރިޔަމް ގޮވާލިއެވެ.

ޒައިނާ ބަދިގެއަށް ވަނެވެ. “ކީކޭ މަންމާ؟”

“އަމާނާއި ރާހިލް ސަޔަށް މިގެއަށް އަންނާނެ. އަވަހަށް މޭޒުމަތި ތައްޔާރުކޮށްލާ.”

ޒައިނާ ހުއްޓުން އެރިއެވެ. “އަމާން؟”

“އާނ. އިއްޔެ އޭނާގެ ކާފަ ގުޅި. ހީވާގޮތުން އެ އާއިލާއިން ބޭނުންވަނީ މި ކައިވެނީގެ ކަންތައް އަވަހަށް ނިންމަން.”

ޒައިނާ އިސްޖަހާލިއެވެ. “ރަނގަޅު.”

މަރިޔަމް ވިސްނުންތެރިކަމާއެކު ދަރިފުޅަށް ބަލައިލިއެވެ. “އަދި ބުނަން، ކޮންމެހެން ޖެހިގެން ނޫނީ އޭނާއާ ވާހަކަދައްކައި، ވަގުތު ހޭދަކުރާކަށް އަހަރެން ބޭނުމެއް ނޫން.”

ޒައިނާ ހައިރާންވެފައި ބަލައިލިއެވެ. “ކީއްވެ މަންމާ؟”

“ސަބަބަކީ އޭނާ އެއައީ ޝައިނާއާ ބައްދަލުކުރަން. ކަލެޔާ ބައްދަލުކުރާކަށް ނޫން.”

އެ ބަސްތައް ޒައިނާގެ ހިތުގައި ޖެހުނީ އުންމީދުވެސް ނުކުރާހާ ބޮޑަށެވެ. “ވިސްނިއްޖެ މަންމާ.”

އިތުރު އެއްޗެއް ނުބުނެ، އޭނާ އަނެއްކާވެސް މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

*****

އަނެއްކޮޅުން، ގޭގައި އަމާނާއި ރާހިލް ތިބީ ބަހުސެއްގައެވެ.

“ސަރ، މިކަން ހުއްޓާލަން ވެއްޖެ.” ރާހިލް ބުންޏެވެ.

އަމާން ފޯނުން ނަޒަރު ވަކިކޮށްލަމުން ބުންޏެވެ. “ކޮން ކަމެއް ހުއްޓާލަންވީ؟”

“މި ދޮގު ހެދުން. އަހަރެމެން ދެމީހުންގެ ސިފައާއި ނަން ބަދަލުކޮށްގެން މި އުޅޭ އުޅުން. މިއީ ކުރިއަށް ގެންދެވޭނެ ކަމެއް ނޫން.”

އަމާން ހިނިތުންވެލިއެވެ. “އެއްވެސް މީހަކަށް ޝައްކެއް ނުވެއެއްނު.”

“ކާފަ ދެފަހަރަކު ގުޅައިފި. ބޭނުންވަނީ ސަރއާ ވާހަކަދައްކަން.”

“އެހެންވިއްޔާ ބުނޭ އަހަރެން ބިޒީއޭ.”

ރާހިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. “ސަރ، ކާފަ މިކޮޅަށް އަތުވެއްޖެއްޔާ ވާނީ ކިހިނެއް؟”

އަމާން ކޮނޑު އަރުވައިލިއެވެ. “އައީމަ ވާގޮތެއް ބަލާނީ.”

ރާހިލް އަޑު މަޑުކޮށްލިއެވެ. “ދެން.. ޒައިނާގެ ކަންތައް ދެން ވާނީ ކިހިނެއް؟”

އަމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “އޭނާގެ ކީއްވީ؟”

“ސަރ މީ އަސްލު ކާކުކަން އޭނާއަށް އެނގޭތަ؟”

“ނޫން.”

“އެހެންވީއިރު ސަރ ތި ކުޅެނީ އެ ފަކީރުގެ އިޙުސާސްތަކާ.”

އަމާން އަތުގައި އޮތް ފޯނު ބޭއްވިއެވެ. “އަހަރެން އޭނާގެ އިޙުސާސްތަކަކާ ނުކުޅެން!”

ރާހިލް އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. “އެހެންވިއްޔާ ހަޤީޤަތް ހާމަނުކުރަނީ ކީއްވެ؟”

އަމާން ހިމޭންވިއެވެ. ރާހިލް އެ ދައްކަނީ ރަނގަޅު ވާހަކައެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް ހުރިހާ ހަޤީޤަތެއް ހާމަކުރަން އޭނާ ޖެހިލުންވަނީއެވެ. ޒައިނާއާއެކު ހޭދަކުރެވޭ އާދައިގެ، އުފާވެރި ވަގުތުތަކަށް އޭނާ ލޯބިކުރަން ފަށައިފިއެވެ. ހަޤީޤަތް އެނގުމުން އެ ގުޅުމަށް ބުރޫއަރައި، ހުރިހާ ކަމެއް ގެއްލިދާނެތީ އޭނާ ބިރުގަންނަނީއެވެ.

*****

ހެނދުނުގެ ނާސްތާ ގަޑީގައި ޝައިނާ ފެނުނީ ރީތި ފިޔާތޮށި ހެދުމެއްގައެވެ. އަމާނަކީ ރާހިލް ކަމަށް ހީކޮށް، އޭނާ ރާހިލްއަށް ވަރަށް އަދަބުވެރިކަމާއެކު ސަލާމް ގޮވައިލިއެވެ.

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ފަސްވަނަ ބައި

“ގުޑް މޯނިންގ.”

“ގުޑް މޯނިންގ.” ރާހިލް ޖަވާބު ދިނެވެ.

މަރިޔަމް ހިނިތުންވެލިއެވެ. “އިށީނދޭ. ޒައިނާ ހުރިހާ އެއްޗެއް ތައްޔާރުކޮށްފި.”

ރޮށި ތަށި ހިފައިގެން ޒައިނާ އެތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ލޮލާއި ރާހިލްގެ ލޯ ބައްދަލުވިއެވެ. މިއީ ސްކޫލް ކައިރިން ފެނުނު “އަމާން” ނޫންކަމާއި، މިއީ އޭނާގެ އެކުވެރިޔާކަން ޒައިނާއަށް ފާހަގަކުރެވުނެވެ. ރާހިލް މަޑުމަޑުން ހިނިތުންވެލުމުން ޒައިނާގެ ހިތުގައި ސުވާލު އުފެދުނެވެ. ސުވާލެއް ކުރަން އުޅުނު ވަގުތު މަރިޔަމް ގޮވައިލިއެވެ. “ތަށި މިތާ ބަހައްޓާ.”

ޒައިނާ ތަށި ބެހެއްޓިއެވެ. ސިއްރު ފަޅާއަރައިފާނެތީ ރާހިލް އިނީ ނުތަނަވަސްވެފައެވެ.

ޝައިނާ ވާހަކަ ދައްކަން ފެށިއެވެ. “އަމާން، ފުވައްމުލައް ކަމުދޭތަ؟”

ރާހިލް ފަސްޖެހިފައި ބުންޏެވެ. “އާނ.. ވަރަށް ރީތި.”

“ގިނަ ރަށްރަށަށް ދެވިއްޖެތަ؟”

“ކުޑަކޮށް.”

“ވަރަށް ދަތުރުކުރަންތަ؟”

“ބައެއް ފަހަރު.”

ޝައިނާ ހިނިތުންވެލިއެވެ. “އަހަރެން ވަރަށް ބޭނުން ދަތުރުކުރަން.”

ރާހިލް ހަމައެކަނި ބޯޖަހައިލީއެވެ. މި މަންޒަރު އަސްލު އަމާނަށް ފެނުނުނަމަ ވަރަށް މަޖާވީހެވެ. ނަމަވެސް ޒައިނާ އިނީ ހިމޭންވެފައެވެ. ކުރިމަތީގައި އިން މީހާގެ މިޒާޖާއި، ސްކޫލް ކައިރިން ބައްދަލުވި އަމާންގެ މިޒާޖާ މިހާ ބޮޑު ތަފާތެއް ހުރީ ކީއްވެގެންބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

*****

އެދުވަހުގެ ހަވީރު، އަމާނަށް ޒައިނާ ފެނުނީ ރަށުގެ އެއްފަރާތުގައި އޮތް ހަނި މަގަކުން ހިނގާފައި ދަނިކޮށެވެ. ވަށައިގެންވަނީ ފެހިކަން ގަދަ ގަސްތަކެވެ.

“ޒައިނާ!”

ޒައިނާ ފަސްއެނބުރި ބަލައިލިއެވެ. “މިތާ ކީއްކުރަނީ؟”

“ޒައިނާ ހޯދަނީ.”

އޭނާ މަޑުމަޑުން ހިނިތުންވެލިއެވެ. “ތިއީ މިހާރު އަމާން އެންމެ ގަޔާވާ ކަންތައް ދޯ؟”

އަމާން ހީނގަތެވެ. “ވެދާނެ.”

ދެމީހުން އެކުގައި ހިނގަމުން ގޮސް ހުއްޓުނީ މޫދު ފެންނަން އޮތް ހިތްގައިމު އުސް ފަސްގަނޑެއްގެ ކައިރިއަށެވެ. އެތާ ކައިރީގައި މޫދާ ދިމާއަށް ގޮފިތައް ދަމާލާފައިވާ ބޮޑު، ދުވަސްވީ ގަހެއް ހުއްޓެވެ. އެ ގަހުގެ މައިގަނޑުގައި ކުލަ ފަނޑުވެފައިވާ ފޮތިގަނޑެއް އައްސާފައި އޮތެވެ.

ޒައިނާ ހުއްޓުނެވެ. “މިއީ އަހަރެން އެންމެ ގަޔާވާ އެއް ތަން.”

އަމާން ވަށައިގެން ބަލައިލިއެވެ. “ވަރަށް ރީތި. އެކަމަކު އެ ގަހުގައި އެ ފޮތިކޮޅު އައްސާފައި އެއޮތީ ކީއްވެ؟”

ޒައިނާ ހިނިތުންވެލިއެވެ. “އެވާހަކަ އެނގޭތަ؟”

“ކޮން ވާހަކައެއް؟”

ޒައިނާ ހިލަގަނޑެއްގެ މަތީގައި އިށީނެވެ. “ވަރަށް ކުރިން، މި ރަށުގައި އުޅުނު ކައިވެނިކުރަން ބޭނުންވި ދެ ލޯބިވެރިން. އެކަމަކު ދެ އާއިލާއަކީ ޒަމާންވީ ދުޝްމަނުން ކަމަށްވާތީ، އެ ގުޅުމަށް އާއިލާތަކުން ވަރަށް ދެކޮޅު ހެދި. އާއިލާގެ ނުރުހުމުގައި އެކުގައި އުޅެވޭނެ އެއްވެސް މަގެއް އެމީހުންނަކަށް ނުފެނުނު.”

އަމާން ޒައިނާގެ ކައިރީގައި އިށީނދެލިއެވެ. “ދެން އެމީހުންނަށް ކިހިނެއްވީ؟”

“އެކުގައި ދިރިނޫޅެވޭނެކަން ޔަޤީންވީމަ، އެމީހުން ނިންމީ ދެމީހުން އެކުގައި މަރުވާން.” ޒައިނާ އަތްދިއްކޮށްލީ މޫދާ ދިމާއަށް އޮތް އުސް ތޮށިގަނޑަށެވެ. “މުސްކުޅިން ބުނާ ގޮތުގައި، އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތު އެ ދެމީހުން އައީ މިތަނަށް. މޫދަށް ފުންމާލުމުގެ ކުރިން، އެމީހުންގެ ލޯބީގެ ރަމްޒެއްގެ ގޮތުން މި ގަހުގައި ފޮތިކޮޅެއް އައްސައިލީ. އެމީހުން ޤަބޫލުކުރީ، އެ ފޮތިކޮޅު އެ ގޮތުގައި އައްސާފައި އޮތްހާ ހިނދަކު، އެމީހުންގެ ލޯބި އަބަދަށްޓަކައި ދެމިއޮންނާނެކަމަށް.”

އަމާން ވަރަށް ޝައުޤުވެރިކަމާއެކު އަޑުއަހަން އިނެވެ. “ދެން ކިހިނެއްވީ؟”

“އެމީހުން މޫދަށް ފުންމާލި ވަގުތު، ކުއްލިއަކަށް ގަހުގެ ގޮފިގަނޑުން އެ ފޮތިގަނޑު ވީދިގެން ގޮސް، އަނެއްކާވެސް އެހެން ގޮތްޕެއްގައި އަޅައިގަތީ. އެ ދެ ލޯބިވެރިން އަނބުރާ އެއްގަމާ ދިމާއަށް ދަމައިގަނެވި، ދެމީހުންގެ ފުރާނަ ސަލާމަތްވީ.”

އަމާން މަޑުމަޑުން ހީނގަތެވެ. “ތިއީ ވަރަށް އަސަރުގަދަ ފުލޯކު ވާހަކައެއް.”

ޒައިނާ އޭނާއަށް ބަލައިލިއެވެ. “ޤަބޫލެއް ނުކުރަންތަ؟”

“އަހަރެން ޤަބޫލުކުރަން ތީ ވަރަށް ރީތި ވާހަކައެއްކަން. އެކަމަކު ފޮތިކޮޅެއްގެ ސަބަބުން ވެއްޓެމުންދިޔަ ދެމީހުން ސަލާމަތްވި ކަމަކަށް އަހަންނަކަށް ޤަބޫލެއް ނުކުރެވޭ.”

މިވެސް ކިޔާލަން:  ވޭނުގާ - ސާދަވަނަ ބައި

ޒައިނާ ބޯހޫރާލިއެވެ. “އަމާނަށް އަބަދުވެސް ކޮންމެ ކަމަކަށް ސަބަބެއް ބޭނުންވޭ ދޯ؟”

“އާންމުކޮށް.”

“އެހެންވިއްޔާ އަހަރެން ދައްކާފާނަން.”

ޒައިނާ ތެދުވެގެން ގަހާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ދަބަހުން ރަތްކުލައިގެ ފޮތިކޮޅެއް ނަގާތަން ފެނުމުން އަމާން ބަލަހައްޓައިގެން ހުއްޓެވެ.

“ކީއް ތިކުރަނީ؟” އަމާން އެހިއެވެ.

“އެވާހަކަ ތެދުތޯ ބަލަނީ.”

ޒައިނާ އެ ރަތް ފޮތިކޮޅު ގަހުގެ ތިރި ގޮތްޕެއްގައި ވަރަށް ބާރަށް އައްސައިލިއެވެ. އެއަށްފަހު އަމާނާ ދިމާއަށް އެނބުރުނެވެ. “ދެމީހަކު ހަޤީޤަތުގައިވެސް ލޯބިވާނަމަ، ތަޤުދީރު އެ ދެމީހުން އަލުން ގުޅުވާނެކަމަށް ޤަބޫލުކުރަންތަ؟”

އަމާން އޭނާއަށް ބަލައިލިއެވެ. “އަހަންނަކަށް ނޭނގެ.”

“އެހެންވިއްޔާ ހިނގާ ބަލަމާ.”

އަމާނަށް ވާނުވާ ވިސްނައިގަނެވުމުގެ ކުރިން، ޒައިނާ ފިޔަވަޅުތައް އެޅީ މޫދާ ދިމާއަށް އޮތް ތޮށިގަނޑުގެ ކައިރިފަށަށެވެ.

“ޒައިނާ!”

އޭނާ އިތުރު ފިޔަވަޅެއް ކުރިއަށް އަޅައިލިއެވެ. އެވަގުތު އަމާން ދުވެފައި ގޮސް އޭނާގެ އަތުގައި ހިފައި، ފަހަތަށް ދަމައިގަތެވެ. ޒައިނާ ގޮސް އަމާންގެ ގައިގައި ލައްވިއެވެ. އަމާން ދެއަތުން އޭނާގެ ކޮނޑުގައި ވަރަށް ބާރަށް ހިފަހައްޓައިލިއެވެ.

“ކަލެޔަށް ކީއްވެގެން ތިއުޅެނީ؟” އަމާން ހަޅޭއްލަވައިގަތެވެ. “މޮޔަވީތަ؟ ވެއްޓުނުނަމަ ވާނީ ކިހިނެއް؟”

ޒައިނާ އަމާންގެ ދެލޮލަށް ބަލައިލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެނުނީ ހަޤީޤީ ބިރުވެރިކަމާއި ކަންބޮޑުވުމެވެ.

“ތިހާ ރުޅި އައީ ކީއްވެ؟” ޒައިނާ މަޑުމަޑުން އަހައިލިއެވެ.

“ސަބަބަކީ ކަލެޔަށް އަނިޔާއެއް ވެދާނެތީ!”

“އެކަމަކު އަހަރެން ހަމައެކަނި ބޭނުންވީ އެ ވާހަކައިގެ ތެދުކަން ސާބިތުކޮށްދޭން..”

“އެއީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ސާބިތުކުރަންޖެހޭ ކަމެއް ނޫން!”

އަމާން އޭނާގެ ގައިން ދޫކޮށްލުމަށްފަހު ފަހަތަށް ޖެހިލިއެވެ. ޒައިނާގެ މޫނުމަތީގައިވި ހިނިތުންވުން މަޑުމަޑުން ފިލައިދިޔައެވެ. އަމާން ގަހާ ދިމާއަށް ބަލައިލަމުން ބުންޏެވެ. “ދެން ދުވަހަކުވެސް ތިކަހަލަ ކަމެއް ނުކުރާތި.”

އޭނާ ފަސްއެނބުރި ހިނގައިގަތެވެ. އަމާން ދުރަށް ދާތަން ބަލަން ހުރި ޒައިނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ދެން އޭނާ ބަލައިލީ ގަހުގައި އައްސާފައި އޮތް ރަތް ފޮތިކޮޅަށެވެ.

“އަހަރެން އެ ފޮތިކޮޅު އެއްސީ ކާކުގެ ނަމުގައިތޯ އަހާވެސް ނުލި.” ތުރުތުރުއަޅަމުންދިޔަ އަޑަކުން އޭނާ ބުނެލިއެވެ. “އެއީ ތިބާގެ ނަމުގައި، އަމާން.”

*****

އެވަގުތު، ޝައިނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެ ހަވީރު އޭނާ ބަނދަރު ކައިރިން ސަލްމާނާ ބައްދަލުކުރިއެވެ. އިރުއޮއްސެމުން ދިޔައިރު، މަސްދޯނިތައް ފަޅަށް ވަންނަމުން ދިޔައެވެ. އިންޖީނުގެ އަޑާއި ކަނޑުކާޅުތަކުގެ އަޑު ވަށައިގެން ގުގުމަމުން ދިޔައެވެ.

ޝައިނާ ސަލްމާނާ ކުރިމަތިލިއެވެ. “އަހަރެމެން މިކަމަށް ގޮތެއް ނިންމަން ވެއްޖެ.”

ސަލްމާން ހުރީ އުނދަގޫވެފައެވެ. “އަހަރެން ބުނީމެއްނު ވަގުތު ބޭނުމޭ.”

“ކަލޭ އަބަދުވެސް ތިހެން ބުނަނީ!”

“ދެން އަހަރެން ކީއްކުރަންވީ؟”

“އަހަރެން ބޭނުމީ ކަލޭގެ އާއިލާއާ ވާހަކަދައްކައިގެން އަހަރެމެންގެ ގެއަށް އަންނަން.”

ސަލްމާން މޫނު އަނބުރާލިއެވެ. “އަހަރެންގެ އާއިލާގަ އެބަހުރި އެމީހުންގެ އަމިއްލަ މައްސަލަތައް.”

“ދެން އަހަރެންގެ ކަންތަކަށް ދެން ވާނީ ކިހިނެއް؟”

ސަލްމާން ހިމޭންވިއެވެ. ޝައިނާގެ އަޑުގައި ޖަޒުބާތު އެކުލެވިގެން ދިޔައެވެ. “މަންމަ އެދަނީ އަމާނާ އަހަރެންގެ ކައިވެނީގެ ހުރިހާ ކަމެއް ނިންމަމުން. ކަލޭ މިހާރު ކަމެއް ނުކޮށްފިއްޔާ، އަހަންނަކަށް އިތުރު ގޮތެއް ނޯންނާނެ.”

ސަލްމާން ކުއްލިއަކަށް ރުޅިއައެވެ. “އެހެންވިއްޔާ އޭނާއާ އިންނަންވީނު!”

ޝައިނާ ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުއްޓެވެ. “ކީކޭ ތިބުނީ؟”

“އިވުނު އެއްޗެއް.”

“ކަލޭ ތިބުނަނީ އަހަރެން އެހެން މީހަކާ އިންނާށޭތަ؟”

ސަލްމާން ކޮނޑު އަރުވައިލިއެވެ. “އަހަންނަކަށް މިކަމެއް މިހެންނެއް ނުބެލެހެއްޓޭނެ.”

ޝައިނާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. “ސަލްމާން، ކަލޭ ވަޢުދުވީމެއްނު އަހަންނާ އިންނާނެކަމަށް!”

“އަހަރެން ދުވަހަކުވެސް ނުބުނަން ކަންކަން ފަސޭހަވާނެޔެކޭ.”

މިވެސް ކިޔާލަން:  ވޭނުގާ - ދެވަނަ ބައި

“ކަލޭ އަހަންނަށް މުސްތަޤުބަލެއް ދައްކައިދިނީމެއްނު!”

ސަލްމާން އެނބުރި ހިނގައިގަތެވެ. “މަޢާފުކުރޭ ޝައިނާ. މި ގުޅުން މާ ބޮޑަށް އޮޅުންބޮޅުން ވެއްޖެ.”

ފަސްއެނބުރި ބަލައިވެސްނުލައި އޭނާ ދިޔައީއެވެ. ޝައިނާ ގަބުވެފައި ހުއްޓެވެ. އޭނާގެ ހުރިހާ އެއްޗެއް ޤުރުބާންކުރި ލޯބިވެރިޔާ އޭނާ އެކަނި ދޫކޮށްލާފައި އެ ދިޔައީއެވެ.

*****

އެރޭ ޒައިނާ ގެއަށް އައީ ވަރަށް މަޑުމަޑުންނެވެ. އޭނާގެ މޫނުމަތީގައިވި މާޔޫސްކަން މަރިޔަމަށް ފާހަގަކުރެވުނެވެ. “ކިހިނެއްވީ؟”

“ކަމެއް ނުވޭ މަންމާ.”

“މޫނުމަތިން ފެންނަނީ ދެރަވެފައި ހުރިހެން.”

ޒައިނާ ގަދަކަމުން ހިނިތުންވެލިއެވެ. “ވަރުބަލިވީ ހަމަ.”

މަރިޔަމް ފުންކޮށް ބަލައިލިއެވެ. “މިއަދު އަމާނާ ދިމާވިތަ؟”

ޒައިނާ ފަސްޖެހުނެވެ. “އާނ.”

މަރިޔަމްގެ މޫނުމަތި ހަރުކަށިވިއެވެ. “އަހަރެން ބުނީމެއްނު އޭނާއާ އެކީ ވަގުތު ހޭދަނުކުރާށޭ.”

“އަހަރެމެން ހަމައެކަނި ވާހަކަދެއްކީ.”

“އެހެން މީހުންނަށް ކަންކަން އޮޅޭކަށް އަހަރެން ބޭނުމެއް ނޫން. އޭނާ މިކޮޅަށް އައީ ޝައިނާގެ ސަބަބުން.”

ޒައިނާ އިސްޖަހައިލިއެވެ. “އެނގޭ.”

“އެހެންވިއްޔާ އެކަން ހަނދާނުގައި ބަހައްޓާތި.”

ޒައިނާ ބޯޖަހައިލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕައިލުމަށްފަހު އެނދު ކައިރީގައި އިށީނެވެ. މިހާތަނަށް އަމިއްލަ ނަފުސަށް ސިއްރުކުރަން އުޅުނު ހަޤީޤަތް، ފުރަތަމަ ފަހަރަށް އޭނާ ޤަބޫލުކުރިއެވެ. އޭނާއަށް އަމާންދެކެ ލޯބިވެވިއްޖެއެވެ. ނަމަވެސް، އޭނާއަކީ އޭނާގެ އުފަން ކޮއްކޮއާ ކައިވެނިކުރަން ހަމަޖެހިފައިވާ މީހާއެވެ.

އެވަގުތު، އަމާން އިނީ ގެސްޓްހައުސްގެ ބޭރުގައި އެކަނިމާއެކަނި އިށީނދެގެންނެވެ. ދެ ސައިތަށި ހިފައިގެން ރާހިލް އެތަނަށް އައެވެ.

“ސަރ، މާ ބޮޑަށް ކަންބޮޑުވެފައި އިންހެން ހީވަނީ.”

އަމާން ސައިތަށި ނެގިއެވެ. “ރާހިލް، ކަލެޔަށް ހީވޭތަ މިއަދު އަހަންނަށް ޒައިނާއާމެދު މާ ހަރުކަށިކޮށް ކަންތައް ކުރެވުނީހެން؟”

ރާހިލް އޭނާގެ ކައިރީގައި އިށީނެވެ. “ކިހިނެއްވީ؟”

އަމާން ގަސް ކައިރީގައި ހިނގައިދިޔަ ހުރިހާ ކަމެއް ކިޔައިދިނެވެ. ރާހިލް ވަރަށް ކަނުލައި އަޑުއަހަން އިނެވެ.

“ވެދާނެ އޭނާ ހަމައެކަނި ކަމެއް ސާބިތުކޮށްދޭން އުޅުނީ ކަމަށް.”

“އޭނާއަށް ވަރަށް ބޮޑު އަނިޔާއެއް ވެދާނެ.”

“އެހެންވިއްޔާ ސަރ އޭނާގެ ސަބަބުން ކިހާ ވަރަކަށް ބިރުގަތްކަން އޭނާއަށް ބުނެދޭންވީނު.”

އަމާން ދުރުގައިވާ މޫދާ ދިމާއަށް ބަލައިލިއެވެ. “އަހަރެން އެހާ ރުޅިއައީ ކީއްވެގެން ކަމެއް އަހަންނަކަށް ނުވިސްނުނު.”

ރާހިލް މަޑުމަޑުން ހިނިތުންވެލިއެވެ. “ސަބަބަކީ އޭނާއަކީ ސަރއަށް މުހިންމު މީހަކަށް ވާތީ.”

އަމާން އިރުކޮޅަކަށް ހިމޭންވިއެވެ. އެއަށްފަހު އޭނާ އަހައިލިއެވެ. “ރާހިލް، ދުވަހަކުވެސް ލޯބިވާން ނުޖެހޭ މީހަކުދެކެ ލޯބިވެވިއްޖެއްޔާ ވާނީ ކިހިނެއް؟”

ރާހިލް އޭނާއަށް ބަލައިލިއެވެ. “އެއީ ސަރ، އޭގެ ނަތީޖާއާ ކުރިމަތިލާން ތައްޔާރަށް ހުރި މިންވަރަކުން ވާނެ ގޮތެއް.”

އަމާން އުދަރެހާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ އަތުގައި އެ ސުވާލުގެ ޖަވާބެއް ނެތެވެ.

*****

އަނެއް ދުވަހުގެ ހެނދުނު ޒައިނާއަށް ހޭލެވުނީ ހިތް ނުތަނަވަސްވެފައިވާ ހާލުގައެވެ. ރޭގަނޑު އޭނާއަށް ނިދުނީ ވަރަށް ކުޑަކޮށެވެ. ކޮންމެ ފަހަރަކު ލޯ މަރައިލުމުންވެސް ފެންނަނީ، ގަލުގެ އަރިމަތިން އޭނާ ދުރަށް ދަމައިގަތް ވަގުތު އަމާންގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއި، އޭނާގެ އަޑުގައިވި ރުޅިވެރިކަމެވެ.

ޒައިނާ ހީކުރީ އޭނާ ދައްކައިލި ކުޑަކުޑަ މަންޒަރުގެ މާނަ އަމާނަށް ވިސްނޭނެ ކަމަށެވެ. އެހެންނަމަވެސް، އަމާން އެތަނުން ދިޔައީ ރުޅިއައިސްގެންނެވެ. ފަހަރުގައި އޭނާގެ ފަރާތުން އެއަށްވުރެ ބޮޑު ކަމަކަށް އުންމީދު ކުރެވުނީ އަމިއްލަ މޮޔަކަމުން ކަމަށް ވެދާނެއެވެ.

އޭނާ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓި، ރަށުތެރެއަށް ފެތުރެމުންދިޔަ ހެނދުނުގެ ރަން އަވީގެ ރީތިކަމަށް ބަލަހައްޓައިގެން ހުއްޓެވެ. ރުއްތައް މަޑުމަޑުން ހޫރެމުންދިޔައިރު، ދުރުން އިވޭ ރާޅުތަކުގެ އަޑުން ހަނދާންކޮށްދެނީ، އޭނާގެ ހިތަށް ކޮންމެފަދަ ހާލެއް ޖެހުނު ނަމަވެސް ދިރިއުޅުން ކުރިއަށްދާނެ ކަމެވެ.

އެވަގުތު އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ.

(ނުނިމޭ)

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top