ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިމަރަފުށްޓާއި ދެއްވަދޫ ފައިނަލަށް  
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 1 ގެ ފައިނަލަށް ތިމަރަފުށްޓާއި ދެއްވަދޫ ދަތުރުކޮށްފި އެވެ. މި ޒޯންގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފަ އެވެ.

ސައުތު ޒޯން 1 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ތިމަރަފުށްޓާއި އިސްދޫ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިސްދޫއިން ނެވެ. މެޗުގެ 5 ވަނަ މިނިޓްގައި އިސްދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން އަފްޚާން އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމުން ވެސް ތަނަވަސްކުރި މި މެޗު ތިމަރަފުށިން އެއްވަރުކުރީ 18 ވަނަ މިނިޓްގައި އިބްރާހިމް އަސްވާދު ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ފަހަތުން އަރައި މޮޅުވި ތިމަރަފުށީގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހުކޮޅު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮހްސެން މޮންތަޒެމި އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އިސްދޫއިން ކުޅުން ރަނގަޅުކޮށް މެޗު އެއްވަރުކުރި އެވެ. 27 ވަނަ މިނިޓްގައި މުޙައްމަދު ނާބިތު ހުސައިން ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަކުރި އިސްދޫގެ ހުސައިން އަފްޚާން ވަނީ 37 ވަނަ މިނިޓްގައި ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އިސްދޫ މޮޅުވެގެން ނިމިދާނެކަމަށް ހީވި މި މެޗުގެ އިތުރު ވަގުތުގައި ތިމަރަފުށިން ވަނީ މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރައިލާފަ އެވެ. މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު ވިލްފް ކާމިޔާބުކޮށްދިން ދެ ލަނޑާއިއެކު ތިމަރަފުށިން މެޗު ކާމިޔާބުކުރީ 3-4 އިން ނެވެ.

މިވެސް ކިޔާލަން:  ފައިނަލްގެ ދެވަނަ ޖާގަ ފުވައްމުލައް ހޯދައިފި

ފައިނަލްގެ ފުރަތަމަ ޖާގަ ތިމަރަފުށި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ މުޙައްމަދު ވިލްފް އެވެ.

ސައުތު ޒޯން 1 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވޭމަންޑޫ އާއި ދެއްވަދޫ އެވެ. ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ދެއްވަދޫއިން ނެވެ. 4 ވަނަ މިނިޓްގައި ދެއްވަދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ވޭމަންޑޫއިން ލަނޑެއް ޖެހުމުގެ ކުރިން މުޙައްމަދު އިމްރާން ވަނީ ދެއްވަދޫގެ ލީޑު ފުޅާކޮށްދީފަ އެވެ.

ހާފުގެ ފަހުކޮޅު އައިހަމް ސައީދު ކާމިޔާބުކޮށްދިން ލަނޑުން ވޭމަންޑޫއިން އުންމީދު އާކުރިއިރު ދެވަނަ ހާފުގެ ކުރީކޮޅު ޢަބްދުﷲ ސުޒައިރު ވޭމަންޑޫއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ފަހަރަށް ދެއްވަދޫއަށް ލީޑު ނަގައިދިނީ ޢަލީ ހައިޝަމް އެވެ. 32 ވަނަ މިނިޓްގައި ހައިޝަމް ނަގައިދިން ލީޑަށް 35 ވަނަ މިނިޓްގައި ވޭމަންޑޫގެ ސޮލާހް ޢަލީ ނިމުން ގެނައެވެ.

ފުރިހަމަ ވަގުތުގެ ކުޅުން 3-3 އިން އެއްވަރުވެގެން ނިމިދާނެހެން ހީވި އެތައް ވަގުތެއް އައި، މި މެޗުގެ ވެސް ނަތީޖާ އެނބުރުނީ އިތުރު ވަގުތުގެ ފަހުކޮޅު އެވެ. ދެއްވަދޫއަށް ލިބުނު ދުރު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި އެ ޓީމު މޮޅުކޮށްދިނީ އަޙްމަދު ރާހިލް ރަޝީދު އެވެ.

ފައިނަލްގެ ދެވަނަ ޖާގަ ދެއްވަދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު އިމްރާން އެވެ.

މިވެސް ކިޔާލަން:  މަތިވެރި އާއި ގާފަރު ފެށީ މޮޅަކުން

ސައުތު ޒޯން 1 ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހުގެ ރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top