ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ލޯތްބަށްޓަކައި އަމިއްލަ ނަފްސު ގެއްލުވައިނުލާށެވެ.
މުނިއަވަސް ގްރެފިކްސް

އާންމުކޮށް މީހުން އެވާހަކައެއް ދައްކައިނޫޅޭ، ހިތްދަތި ކަމެއްވެއެވެ. އެއީ މީހަކު ބަދަލުވާނެކަމުގެ އުންމީދުގައި އެމީހަކުދެކެ ލޯބިވުމުގައި، މަޑުމަޑުން އަމިއްލަ ނަފްސު ގެއްލެމުންދާ ދިއުމެވެ މިކަން އަބަދު ހިނގަނީ ވަރުގަދަ ޒުވާބުތަކަކުން ނުވަތަ ހިތްދަތި ވަކިވުންތަކަކުންނެއް ނޫނެވެ. ބައެއް ފަހަރު، ކަންކަން ރަނގަޅުވާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީ، އެމީހެއްގެ އަތުގައި ހިފަހައްޓައިގެން ހުއްޓާ، މަސްތަކެއް ނުވަތަ އަހަރުތަކެއްގެ ތެރޭގައި ހިމޭންކަމާއެކު މިކަން ހިނގައިދެއެވެ.

އެމީހުންގެ އަމަލުތައް ދިފާއުކުރަން ތިބާ ބަހަނާ ދައްކަން ފަށައެވެ. ތިބާއީ މާ ކެތްތެރި، މާ ބޮޑަށް ކަންކަން ވިސްނޭ އަދި މާ އަވަހަށް މާފުކުރާ މީހަކަށް ބަދަލުވެއެވެ. ކުރިން ތިބާއަށް މުހިންމުވި ކަންކަމަށް ފަރުވާކުޑަކޮށް، ބުނަންޖެހޭ ބަސްތައް ހިންދާލައި، ގުޅުމުގެ ސުލްހަވެރިކަން ދެމެހެއްޓުމަށްޓަކައި އަމިއްލަ ނަފްސުގެ ބައެއް ސިފަތައް ފޮރުވަން މަޖުބޫރުވެއެވެ.

މި ދަތުރުގެ ކޮންމެވެސް ހިސާބަކުން، ލޯބިވުމަކީ މުސާރައެއް، ޗުއްޓީއެއް، އަދި އެއްވެސް އިނާޔަތެއް ނެތް، ވަގުތު ހުސްކުރަންޖެހޭ ބުރަ މަސައްކަތަކަށް ބަދަލުވެއެވެ.

މީގެ އެންމެ ދެރަ ކަމަކީ، ބައެއް ފަހަރު އަހަރެމެންނަށް ލޯބިވެވެނީ ކުރިމަތީގައި ހުރި މީހާދެކެ ކަމަށް ނުވުމެވެ. އޭގެ ބަދަލުގައި އަހަރެމެންނަށް ލޯބިވެވެނީ އެމީހަކު ބަދަލުވެދާނެކަމަށް އަހަރެމެންގެ ޚިޔާލަށް ފެންނަ ސިފައަކަށެވެ. އަހަރެމެން ހިފަހައްޓަނީ އެމީހުންގެ ކިބައިން މަދުން ނަމަވެސް ފެންނަ އޯގާތެރިކަމާއި، ރީތި ވަޢުދުތަކާއި، މަދު ފަހަރަކު ފެންނަ ލޯބިވެތި ވަގުތުކޮޅުތަކުގައެވެ. މުޅި މުސްތަޤުބަލު ބިނާކުރަނީ ހަމައެކަނި ޚިޔާލީ ސޫރައެއްގެ މައްޗަށެވެ. ނަމަވެސް، އިންސާނުން ބަލައިގަންނަންވާނީ އެމީހުން ތިބި ގޮތަށެވެ. އަހަރެމެން އެދޭ ގޮތަކަށް ނޫނެވެ.

މިވެސް ކިޔާލަން:  މޭޒުމަތި ސާފުކުރުމުގައި ވެއިޓަރަކަށް އެހީތެރިވަންތަ؟

ޔަގީނުންވެސް، އިންސާނުންނަށް ބަދަލު އާދެއެވެ. ގުޅުންތަކުގެ ސަބަބުން ކުރިއެރުން ލިބިދާނެއެވެ. އަދި އެކަކީވެސް ފުރިހަމަ މީހެއް ނޫނެވެ. އަހަރެމެން އެންމެންގެވެސް އުނި ސިފަތަކާއި، އުނދަގޫ ދުވަސްތަކާއި، ނަފްސާނީ ބުރަތައް ހުރެއެވެ. އެކަމަކު، ކުށެއް ކުރެވޭ މީހަކާއި، ބަދަލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތަކުރާރުކޮށް ތިބާއަށް އަނިޔާކުރާ މީހަކާ ދެމެދު ތަފާތެއްވެއެވެ.

ތިބާއަށް މީހަކަށް ހިތްވަރުދީ، އެހީތެރިވެ، އެމީހަކަށް އިތުބާރު ކުރެވިދާނެއެވެ. ނަމަވެސް އެމީހެއްގެ ބަދަލުގައި ތިބާއަށް ކުރިއަކަށް ނުދެވޭނެއެވެ. އަމިއްލަ ނަފްސަށް ބަލަން ބޭނުންނުވާ މީހަކަށް، އަމިއްލަ ކަންކަން އިޙުސާސްކޮށްދޭން މަޖުބޫރެއް ނުކުރެވޭނެއެވެ. އަދި ބަދަލުވާން ބޭނުންނުވާ މީހަކު، ތިބާވާ ލޯތްބަކުން އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ.

ބަދަލުވުން ފެށެންވާނީ އެމީހެއްގެ އަމިއްލަ ނަފްސުންނެވެ. އެއީ ހަމައެކަނި ޒުވާބަކުން ސަލާމަތްވުމަށް ނުވަތަ މީހަކު ވަކިވެގެން ހިނގައިދާނެތީ ކުރާ ކަމަކަށް ވެގެން ނުވާނެއެވެ. އެއީ ހެޔޮލަފާ އިންސާނަކަށް ވުމަކީ އެމީހަކަށް މުހިންމު ކަމަކަށް ވާތީ ކުރާ ކަމަކަށް ވާން ޖެހޭނެއެވެ.

މިހެން އުޅުމުގެ ތެރޭގައި، އަނެކާގެ އަމަލުތައް ދެނެގަތުމަށް އަހަރެމެން ހުސްވެފައި ތިބޭ މިންވަރުން، އެކަމުން އަހަރެމެންގެ އަމިއްލަ ނަފްސަށް ކުރާ އަސަރު ފާހަގައެއް ނުކުރެވެއެވެ. އަހަރެމެންނަކީ އެމީހުންގެ އަމަލުތައް މާނަކޮށްދިނުމުގައި ކުޅަދާނަ ބަޔަކަށް ވާއިރު، އަމިއްލަ އިޙުސާސްތަކަށް ބީރައްޓެހި ބަޔަކަށް ވެދެއެވެ.

އުންމީދުތައް ދަށްކޮށް، އަމިއްލަ އިންތައް ޤުރުބާންކޮށް، އިޙުތިރާމާއި، ތެދުވެރިކަމާއި، އޯގާތެރިކަން ފަދަ އަސާސީ ކަންކަމަށް އެދުމަކީ މާ ބޮޑު ކަމަކަށް އެދުން ކަމަށް އަހަރެމެން އަމިއްލަ ނަފްސަށް ވިސްނައިދެމެވެ. ނަމަވެސް އެއީ މާ ބޮޑު ކަމަކަށް އެދުމެއް ނޫނެވެ.

މިވެސް ކިޔާލަން:  އައިލެންޑް ޕިކްޗަރޒްގެ "ނަފްސު" ސީރީޒަށް ބޮޑު ތަރުހީބެއް

ލޯތްބަކީ އެކަކު އަނެކަކަށް ދޫދިނުން ހިމެނޭ ކަމެކެވެ. ނަމަވެސް އެއީ ތިބާގެ އަމިއްލަ އައިޑެންޓިޓީ ނުވަތަ ތިބާއަކީ ކާކުކަން ދާއިމީކޮށް ފޮހެލަންޖެހޭ ކަމަކަށް ވެގެން ނުވާނެއެވެ. ލޯތްބަކީ ދެމީހުންނަށްވެސް ކުރިއަރަން ފުރުސަތު އޮންނަންޖެހޭ ކަމެކެވެ. އެއީ އަނެކާގެ ހިތްހަމަޖެހުމަށްޓަކައި، އެކަކު އަބަދު ކުޑަވެ، ހަނިވާންޖެހޭ ކަމެއް ނޫނެވެ.

ތިބާއާ ނުގުޅޭ މީހަކުދެކެ ލޯބިވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. ކަންކަން ރަނގަޅުވާނެކަމަށް އިޚްލާސްތެރިކަމާއެކު ޤަބޫލުކޮށް، ހުންނަންޖެހޭ މިންވަރަށްވުރެ ގިނަ ދުވަހު މަޑުކުރުމަކީވެސް އައިބެއް ނޫނެވެ. އުންމީދަކީ ނިކަމެތިކަމެއް ނޫނެވެ. އަދި މީހަކުދެކެ ފުންކޮށް ލޯބިވުމަކީ ހެދޭ ގޯހެއްވެސް ނޫނެވެ. އެހެންނަމަވެސް، ވަފާތެރިކަމާއި އަމިއްލަ ނަފްސު ދޫކޮށްލުމާ ދެމެދު ހުރި ތަފާތު އަހަރެމެން ދަސްކުރަން ޖެހެއެވެ.

ކޮންމެ ގުޅުމެއް ނިމެނީ އެކަކު މާ ގޯސްވެފައި އަނެކަކު މާ ރަނގަޅުވެގެނެއް ނޫނެވެ. ބައެއް ފަހަރު، ދެމީހުންނަށް ބޭނުންވާ ކަންކަން އެކަކު އަނެކަކަށް ފޯރުކޮށްނުދެވޭތީއެވެ. ބައެއް ފަހަރު، އެކަކު ބަދަލުވާން ތައްޔާރަށް ހުންނައިރު، އަނެކާ އެ ހުރި ގޮތުގައި ހުންނަން މާ ބޮޑަށް ބޭނުންވާތީއެވެ. އަދި ބައެއް ފަހަރު، ވަކިވެގެން ދިއުމަކީ ނަފުރަތެއް ނޫނެވެ. އެއީ އެންމެ ފަހުން އަމިއްލަ ނަފްސުގެ މަތިން ހަނދާންކުރުމެވެ.

އެހެންކަމުން، މީހަކު ބަދަލުވާނެކަމުގެ އުންމީދުގައި ތިބާ ހުރިނަމަ، އެމީހަކީ މިއަދު ކާކުކަން ބަލާލުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. އެމީހުންގެ ވަޢުދުތަކަކަށް ނޫނެވެ. އެމީހުންގެ ކިބައިގައި ހުރި ފުރުސަތުތަކަކަށްވެސް ނޫނެވެ. އަދި ހަމަ ގައިމުވެސް ތިބާގެ ހިތުގައި ކުރަހާފައިވާ ޚިޔާލީ ސޫރައަކަށްވެސް ނޫނެވެ.

ތިބާއަށް ޙައްޤީ ތިބާގެ އަގު ވަޒަންކުރާ، އިޙުތިރާމްކުރާ، އަދި ނަފްސާނީ ގޮތުން ރައްކާތެރިކަން އިޙުސާސްކޮށްދޭ މީހެކެވެ. ތިބާދެކެ ލޯބިވުމަކީ، އެމީހުންގެ އަމަލުތަކުން ތިބާއަށް ކުރާނެ އަސަރަށް ސަމާލުވުންކަން ދަންނަ މީހެކެވެ. އެންމެންގެވެސް އުންމީދަކީ، އެމީހަކު ހޯދުމަށްޓަކައި އަމިއްލަ ނަފްސު ގެއްލުވައިލަން ނުޖެހޭ ފަދަ ބައިވެރިއަކު ތިބާއަށް ލިބުމެވެ. އަދި އެދުވަސް އަންނަންދެން، ތިބާއަކީވެސް ލޯތްބާއި، ރައްކާތެރިކަމާއި، ވިސްނައިދިނުމާއި، އިސްކަންދިނުން ޙައްޤުވާ މީހެއްކަން ހަނދާން ކުރާށެވެ.

މިވެސް ކިޔާލަން:  "ނަފްސު" ގެ ޝޫޓިން ބާރަށް ކުރިއަށް!

ލޯތްބަކީ ރީތި އެއްޗެކެވެ. ނަމަވެސް، މީހަކު ތިބާދެކެ ރަނގަޅަށް ލޯބިވުމަށް ވިސްނައިދިނުމުގައި އަމިއްލަ ނަފްސު ގެއްލުވައިލުމަކީ ލޯބީގެ ބަދަލުގައި ދައްކަންޖެހޭ އަގަކަށް ވެގެން ނުވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top