ފުވައްމުލަކުގެ އުޑުމަތި ބަނަކޮށްލައި، ހެނދުނުގެ ފިނިފިނި ވަގުތު ފެށުނީ ގަދަ ވަޔާއި ވިލާގަނޑަކުންނެވެ. ރުއްގަސްތައް ހޫރެމުން ދިޔައިރު، މޫދުވެސް ފެންނަނީ ހަލަބޮލިވެފައިވާ ތަނެވެ. އާންމުކޮށް ރަށުތެރެއިން އިވޭ ދޫނިސޫފާސޫފީގެ އަޑުތައްވެސް މިއަދު އިވެނީ އާދަޔާ ޚިލާފަށް ދުރުންނެވެ.
މަރިޔަމްގެ ގޭގެ ކޮޓަރިއެއްގެ އެނދުކައިރީގައި އިށީނދެގެން އިން ޝައިނާގެ ދެއަތް ތުރުތުރުއަޅަމުން ދިޔައީ އޭނާގެ އަތުގައި އޮތް ޕްރެގްނެންސީ ޓެސްޓް ކިޓް ފެނިފައެވެ. އެތައް ދުވަހެއް ކުރިން ކުރި އެ ޓެސްޓްގެ ނަތީޖާ ބަދަލުވެދާނެކަމަށް އުންމީދުކޮށް، މިއަދުވެސް އޭނާ ދެފަހަރަކު ޓެސްޓު ކޮށްފިއެވެ. އެކަމަކު ނަތީޖާއަކަށް ބަދަލެއް ނައެވެ. އޭނާ އިނީ ބަލިވެއެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ ހަނދާނަށް އަންނަނީ ސަލްމާނެވެ. ކިތަންމެ ފަހަރަކު ފޯނު ކުރި ނަމަވެސް ސަލްމާން ފޯނެއް ނުނަގައެވެ. ދުވަހަކުވެސް ވަކިނުވާނެ ކަމަށް ވަޢުދުވި މީހާ، އެންމެ ބޮޑަށް އޭނާގެ އެހީތެރިކަން ބޭނުންވި ވަގުތު ފިލައި ރައްކާވީއެވެ.
ދޮރުގައި ޓަކިދިން އަޑު އިވުނެވެ. “ޝައިނާ.”
އޭނާ އަވަސްއަވަހަށް އެ ޓެސްޓް ކިޓް ބާލީސް ދަށަށް ލިއެވެ. “އާނ މަންމާ.”
މަރިޔަމް ކޮޓަރިއަށް ވަނެވެ.
“ކީއްވެ ތިރިއަށް ނުފައިބާ ތިއިނީ؟ އަމާންގެ އާއިލާ ވަރަށް އަވަހަށް އަންނާނެ.”
ޝައިނާ އިސްޖަހައިލިއެވެ. “ތަންކޮޅެއް ވަރުބަލީ.”
މަރިޔަމް އޭނާގެ ނިތްކުރީގައި އަތްލިއެވެ. “ބަލިވީތަ؟”
“ނޫން. ހަމަ ވަރުބަލިވަނީ.”
“ދެން ތައްޔާރުވާން އުޅޭ. ވަރަށް މުހިންމު މެހެމާނުން އެ އަންނަނީ.”
ޝައިނާ މަޑުމަޑުން ބޯޖަހައިލިއެވެ. އޭނާގެ މުޅި ދިރިއުޅުން ފުނޑުފުނޑުވަމުންދާކަން ނޭނގި މަރިޔަމް ކޮޓަރިން ނުކުތެވެ.
*****
އެވަގުތު، އެއާޕޯޓުގައި ކާފަ ބަލައި ދިއުމަށް އަމާން ހުރީ ތައްޔާރުވެގެންނެވެ. އޭނާގެ ކައިރީގައި ހުރި ރާހިލް ހުރީ އާދަޔާ ޚިލާފަށް ސީރިއަސްވެފައެވެ.
“ސަރ، އާއިލާއާ ބައްދަލުވުމުގެ ކުރިން ކާފައަށް ޒައިނާގެ ވާހަކަ ކިޔައިދިނުން ރަނގަޅުވާނެހެން ހީވަނީ.”
އަމާން އަތުކުރީ ގަޑި ރަނގަޅުކޮށްލިއެވެ. “އަހަރެން ބުނާނަން.”
“އަދި އަހަރެމެން ދެމީހުންގެ ވަނަވަރު ބަދަލުކުރި ވާހަކަޔޯ؟”
އަމާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެނގޭ. އެއީ އަހަންނަށް ހެދުނު ގޯހެއް.”
ރާހިލް އޭނާއަށް ބަލައިލިއެވެ. “އެންމެ ގޯހެއް ނޫން ސަރ. އެތައް ދުވަހަކު އެހެން މީހެއްގެ ގޮތުގައި ތިހުރީ.”
އަމާން ކުޑަކޮށް ހިނިތުންވެލިއެވެ. “އެންމެންނަށްވެސް ހަޤީޤަތް ކިޔައިދޭން ޖެހޭނެ.”
“ޚާއްސަކޮށް ޒައިނާއަށް.” ރާހިލް ހަނދާންކޮށްދިނެވެ.
އަމާން އެއާޕޯޓުގެ ދޮރާށްޓާ ދިމާއަށް ބަލައިލިއެވެ. އާއިލާގެ އުންމީދުތަކުގެ މައްޗަށް ބިނާކޮށް ކައިވެނި ނުކުރުމަށް އޭނާ ވަނީ ނިންމައިފައެވެ. ކާފައާ ތެދުބަހުން ވާހަކަދައްކައި، ޒައިނާގެ ކައިވެންޏަށް އެދުމަކީ އޭނާގެ އަޒުމެވެ. ފުރަތަމަ ފަހަރަށް، ކައިވެންޏަކީ މަޖުބޫރީއެއްގެ ބަދަލުގައި، އޭނާ ހިތުގެ އަޑިން އެދޭ އުފާވެރި މުސްތަޤުބަލެއްގެ ގޮތުގައި އިޙުސާސް ކުރެވުނެވެ.
އިބްރާހީމް އައުމާއެކު އަމާން އޭނާގެ ގައިގައި ބައްދައިލިއެވެ. “ކާފާ!”
އިބްރާހީމް ހިނިތުންވެލިއެވެ. “އަހަރެން މަތިން ހަނދާންނެތުނީ ކަމަށް ހީކުރީ!”
“ދުވަހަކުވެސް ތިހެންނެއް ނުވާނެއެއްނު.”
އިބްރާހީމް ރާހިލްއަށް ބަލައިލިއެވެ. “ކަންތައްތައް ކިހިނެއް؟”
ރާހިލްއާއި އަމާން އެކަކު އަނެކަކަށް ބަލައިލިއެވެ.
“ހުރިހާ ކަމެއްވެސް ރަނގަޅު، ސަރ.” ރާހިލް ބުންޏެވެ.
އިބްރާހީމް ބޯޖަހައިލިއެވެ. “ވަރަށް ރަނގަޅު. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ އާއިލާއާ ބައްދަލުކުރަން.”
އަމާން ކަރުކެހިލިއެވެ. “ކާފާ، އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައެއް އެބައޮތް.”
“ކޮން ވާހަކައެއް؟”
އަމާން ކުޑަކޮށް ފަސްޖެހުނެވެ. “އަޅުގަނޑު ޝައިނާއާ ކައިވެނިކުރާކަށް ބޭނުމެއް ނޫން.”
އިބްރާހީމް ހިނގުން ހުއްޓައިލިއެވެ. “ކީކޭ؟”
“އަޅުގަނޑަށް އެހެން ކުއްޖަކު ފެނިއްޖެ.”
އިބްރާހީމް ކާފަދަރިފުޅުގެ މޫނަށް ބަލައިލިއެވެ. “ކާކު؟”
“އޭނާގެ ނަމަކީ ޒައިނާ.”
އިބްރާހީމް ހައިރާންވިއެވެ. “އެއީ އެ އާއިލާގެ ކުއްޖެއްތަ؟”
“އާނ. އެކަމަކު އެއީ އެ އަންހެންމީހާގެ ދަރިއެއް ނޫން.”
“ދެން ކަލޭގެ ބައްޕަގެ ވަޢުދޯ؟”
“ކާފާ، އަޅުގަނޑު ބައްޕަގެ ނިންމުމަށް އިޙްތިރާމްކުރަން. އެކަމަކު ހަމައެކަނި ކުރީގެ އެއްބަސްވުމަކަށްޓަކައި އަޅުގަނޑަކަށް ކައިވެންޏެއް ނުކުރެވޭނެ.”
އިބްރާހީމް ހިމޭންވިއެވެ. އަމާން ކުރިއަށް ގެންދިޔައެވެ. “އަޅުގަނޑު ކައިވެނިކުރަން ބޭނުންވަނީ އަޅުގަނޑު ލޯބިވާ ކުއްޖަކާ.”
އިބްރާހީމް ފުން ނޭވާއެއްލިއެވެ. “ވިސްނާފައިތަ ތި ނިންމީ؟”
“ލައްބަ.”
“އެހެންވިއްޔާ އަހަރެމެން އެ ކުއްޖާއާ ބައްދަލުކުރަންވާނެ.”
އަމާންގެ ހިތަށް ހަމަޖެހުމެއް ލިބި، ހިނިތުންވެލިއެވެ.
*****
މަރިޔަމްގެ ގޭގައި އިބްރާހީމްގެ އިންތިޒާރުގައި ތައްޔާރީތައް ވަމުން ދިޔައެވެ. ކާބޯތަކެތި ތައްޔާރުކޮށް، ކާމޭޒު ތަރުތީބުކުރުމުގައި އެހީތެރިވުމަށް މަރިޔަމް އެދުނީ ޒައިނާގެ ކައިރިންނެވެ. އަމާން އޭނާގެ ކާފައާއެކު ގޭތެރެއަށް ވަންއިރު، ޒައިނާ ހުރީ ތަށިތައް އަޅާފައިވާ ތަބަކެއް ހިފައިގެންނެވެ. އޭނާ އިސްއުފުލައި ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ނަމަވެސް އަމާންގެ ކައިރީގައި ހުރި ދޮށީ އުމުރުގެ މީހާ ފެނުމުން އެ ހިނިތުންވުން ފަނޑުވިއެވެ.
އަމާން ކައިރިއަށް ޖެހިލިއެވެ. “ޒައިނާ، މިއީ އަހަރެންގެ ކާފަ، އިބްރާހީމް.”
ޒައިނާ ތަބައް މޭޒުމަތީގައި ބެހެއްޓުމަށްފަހު އިޙްތިރާމާއެކު ސަލާމްކޮށްލިއެވެ.
“އައްސަލާމް ޢަލައިކުމް.”
“ވަޢަލައިކުމުއްސަލާމް.” އިބްރާހީމް ލޯތްބާއެކު ޖަވާބުދިނެވެ.
އަމާން ޒައިނާއަށް ބަލައިލިއެވެ. “މިއީ އަހަރެން އެ ދެއްކި މީހަކީ.”
ޒައިނާ އަދަބުވެރިކަމާއެކު ހިނިތުންވެލިއެވެ. “ދަތުރު ރަނގަޅު ކަމަށް އުންމީދުކުރަން.”
އިބްރާހީމް ބޯޖަހައިލިއެވެ. “ޝުކުރިއްޔާ.”
މަރިޔަމް ކޮޓަރިން ނުކުމެގެން އައެވެ.
“މަރުޙަބާ އިބްރާހީމް. ވަޑައިގަތީތީ ވަރަށް އުފާވެއްޖެ.”
ބޮޑެތި މީހުން ޙާލުއަހުވާލު ބަދަލުކުރިއެވެ. ދެން އިބްރާހީމް މަރިޔަމަށް ބަލައިލިއެވެ.
“އަހަރެމެން މިއައީ ކީއްކުރަންކަން އެނގޭނެ ކަމަށް ހީކުރަން.”
މަރިޔަމް ހިނިތުންވެލިއެވެ. “އާދެ، ޔަޤީނެއްނު.”
އަމާންގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. އެއްޗެއް ބުނަން އުޅެނިކޮށް މަރިޔަމް ޝައިނާއަށް ގޮވައިލިއެވެ.
“ޝައިނާ! މެހެމާނުންނަށް ސަލާމްކޮށްލަން އާދެބަލަ.”
ޝައިނާ ރީތި ހެދުމެއް ލައިގެން ކޮޓަރިން ނުކުތެވެ. އޭނާ އަމާނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ނަމަވެސް، އޭނާގެ ލޮލުގައި ރާހިލް އަޅައިގަތުމާއެކު މުޅިން ހައިރާންވެ އަންތަރީސްވިއެވެ.
“މީގެ ކުރިން އަހަރެމެންގެ ގެއަށް އައި މީހަކީ މިއީއެއް ނޫންތަ؟” ޝައިނާއަށް އަހައިލެވުނެވެ.
ރާހިލް އަވަސްއަވަހަށް އިސްޖަހައިލިއެވެ. އެއާއެކު، ވަނަވަރު ބަދަލުކޮށްގެން އުޅުނު ކުޅިގަނޑު ފަޅާއަރަން އުޅޭކަން އަމާނަށް ވިސްނުނެވެ. ދެން އިތުރަށް ހަޤީޤަތް ސިއްރު ނުކުރެވޭނެކަން އޭނާއަށް އެނގުނެވެ.
އިރުކޮޅެއް ފަހުން، އަމާން އެންމެން ސިޓިންގރޫމަށް އެއްކުރިއެވެ.
“އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން، އަޅުގަނޑު ކަމެއް ސާފުކޮށްދޭން ބޭނުން.”
މަރިޔަމް ކަންބޮޑުވެފައި ބަލައިލިއެވެ. “ކޮން ކަމެއް؟”
އަމާން ރާހިލްއަށް ބަލައިލިއެވެ. ރާހިލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އިސްއުފުލައިލިއެވެ.
“މެޑަމް، އަސްލު އަޅުގަނޑަކީ ރާހިލް. އަޅުގަނޑަކީ އަމާންގެ ދަށުން މަސައްކަތްކުރާ މީހެއް.”
މަރިޔަމްގެ ދެބުމަ ގޮށްޖެހުނެވެ. “ދެން މިއީ ކާކު؟”
އަމާން ތެދުވިއެވެ. “އަޅުގަނޑަކީ އަމާން.”
ޝައިނާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“މަޑުކުރޭ.. އޭގެ މާނައަކީ ކުރިން އަހަރެމެންގެ ގެއަށް އައި މީހަކީ އަމާނެއް ނޫނޭތަ؟”
ރާހިލް ބޯޖަހައިލިއެވެ. “ލައްބަ. އަޅުގަނޑުމެން ދެމީހުންގެ ވަނަވަރު ބަދަލުކުރީ.”
މަރިޔަމް އިންތިހާއަށް ރުޅިއައެވެ. “ކީއްކުރަން ތިފަދަ ދަށު ދަރަޖައިގެ ކަމެއް ކުރީ؟”
އަމާން އިސްޖަހައިލިއެވެ. “އެއީ އަޅުގަނޑުގެ މޮޔަކަމުން ކުރެވުނު ކަމެއް. ކައިވެނީގެ ވާހަކަތަކުން ދުރުވެ، ރަށުތެރެ ދަސްކޮށްލަން ބޭނުންވީ.”
އިބްރާހީމްގެ މޫނުމަތިންވެސް ފެނުނީ މާޔޫސްކަމެވެ. “އަމާން، މިއީ ސަމާސާ ކަމެއް ނޫން.”
“އެނގޭ ކާފާ. އަޅުގަނޑު މަޢާފަށް އެދެން.”
މަރިޔަމް ދެން އެނބުރުނީ ރާހިލްއާ ދިމާއަށެވެ. “ކަލޭ މިކަމަށް އެއްބަސްވިންތަ؟”
ރާހިލް ދެރަވެފައި ބޯޖަހައިލިއެވެ. “އަޅުގަނޑަށް މަޢާފުކުރައްވާ، މެޑަމް.”
ޝައިނާ ހުރީ ހިމޭންވެފައެވެ. ސްކޫލަށް އައި މީހާއާއި ގޭގައި ވާހަކަދެއްކި މީހާއާ ދެމެދު އެހާ ބޮޑު ތަފާތެއް ހުރި ސަބަބު އޭނާއަށް ކުއްލިއަކަށް ވިސްނުނެވެ.
މަރިޔަމް އަމާނާ ދިމާއަށް ބަލައިލިއެވެ. “އެހެންވިއްޔާ ކަލޭ މިހާ ދުވަހު ވަގުތު ހޭދަކުރީ ކާކާއެކު؟”
އަމާން ބަލައިލީ ޒައިނާއާ ދިމާއަށެވެ. “އޭނާއާއެކު.”
މުޅި ތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ޒައިނާ ލަދުންނާއި ބިރުން އިސްޖަހައިލިއެވެ. މަރިޔަމްގެ މޫނުމަތީގެ ކުލަވަރު ހަރުކަށިވިއެވެ. “ޒައިނާ؟”
އަމާން ފުން ނޭވާއެއްލުމަށްފަހު ސާބިތުކަމާއެކު ބުންޏެވެ. “އަޅުގަނޑަށް އޭނާދެކެ ލޯބިވެވިއްޖެ.”
އިބްރާހީމް ކާފަދަރިފުޅަށް ބަލައިލުމަށްފަހު ޒައިނާއަށް ބަލައިލިއެވެ. މަރިޔަމް ހުރީ ޝޮކެއްގައެވެ.
“ތިއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން!”
އަމާން ގޮތްދޫނުކޮށް ބުންޏެވެ. “މިހާރުން މިހާރަށް މިކަމަށް ރުހުން ދޭށެކޭ އަޅުގަނޑު ނުބުނަން. އެކަމަކު އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ އިޙުސާސްތަކަށް ތެދުވެރިވާން.”
ޒައިނާއަށް އަމާނާ ދިމާއަށް ބަލައިލަންވެސް ނުކެރުނެވެ. ހިނދުކޮޅަކަށް ނަމަވެސް، ހުރިހާ ކަމެއް ރަނގަޅުވެދާނެކަމުގެ އުންމީދެއް އޭނާގެ ހިތުގައި އުފެދުނެވެ. ނަމަވެސް އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޝައިނާއެވެ. އޭނާގެ ކޮއްކޮ އިނީ މޫނުމަތި ދޮންފޫޑުވެ، އިންތިހާއަށް ބިރުގެންފައެވެ. ކޮންމެވެސް ވަރަށް ބޮޑު ގޯހެއް އުޅޭކަން ޒައިނާއަށް ޔަޤީންވިއެވެ.
*****
އެރޭގެ ވަގުތެއްގައި، މަރިޔަމް ޝައިނާގެ ކޮޓަރިއަށް ވަދެ އޭނާއާ ކުރިމަތިލިއެވެ.
“ކަލޭ އެއްވެސް އެއްޗެއް ނުބުނީ ކީއްވެ؟”
ޝައިނާ އިނީ އެނދުގައި އިށީނދެގެންނެވެ. “ކޮން ކަމަކާ؟”
“އަމާން އެ ދެއްކި ވާހަކަތަކާމެދު! ކަލޭގެ ހިތުގައި އެހެން މީހަކު އެބައޮތްތަ؟”
ޝައިނާގެ ލޮލުން ކަރުނަ އޮހިގަތެވެ. މަރިޔަމްގެ އަޑު ބާރުވިއެވެ. “ޖަވާބުދީބަލަ!”
ޝައިނާ ދެއަތުން މޫނު ފޮރުވިއެވެ. “ލައްބަ، މަންމާ.”
“ކާކު އެއީ؟”
“ސަލްމާން.”
މަރިޔަމް ބަލަހައްޓައިގެން ހުއްޓެވެ. “އެ ފިރިހެން ސޮރު؟”
ޝައިނާ ބޯޖަހައިލިއެވެ. “ކިހާ ދުވަހެއް ވެއްޖެ؟”
“ވަރަށް ގިނަ މަސްތަކެއް ވެއްޖެ.”
މަރިޔަމް ވަރުދެރަވެގެން އެނދުގައި އިށީނެވެ. “ކީއްވެ މަންމަ ގާތު ނުބުނީ؟”
“ކުރިންވެސް މަންމަ ގާތު ބުނިން.”
މަރިޔަމް ދުރަށް ބަލައިލިއެވެ. “އޭނާ ކަލެޔާ ކައިވެނިކުރަން ގަސްތުކުރޭތަ؟”
ޝައިނާ ގިސްލަމުން ރޯންފެށިއެވެ. “އޭނާ އަހަރެން ދޫކޮށްލާފައި ހިނގައްޖެ.”
މަރިޔަމް ކުއްލިއަކަށް އޭނާއާ ދިމާއަށް އެނބުރުނެވެ. “ކީކޭ ތި ކިޔަނީ؟”
ދެން އިތުރަށް ހަޤީޤަތް ސިއްރުކުރާނެ ހިތްވަރެއް ޝައިނާގެ ނެތެވެ. “މަންމާ.. އަހަރެން މިއިނީ ބަލިވެ.”
މަރިޔަމް ގަނޑުވިއެވެ. އެތައް ސިކުންތެއް ވަންދެން އެއްވެސް އެއްޗެއް ބުނަން ނޭނގިފައި އިނެވެ. “ކީކޭ؟”
ޝައިނާ އިސްޖަހައިލިއެވެ. “އަހަރެން މިއިނީ ބަލިވެޔޭ.”
މަރިޔަމް ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. “ކަލެޔަށް ތިވަރުގެ ކަމެއް ކުރަން ކެރުނީ ކިހިނެއް؟”
ޝައިނާ އިހުނަށްވުރެ ބާރަށް ރޯން ފެށިއެވެ. “މަންމާ، އާދޭސްކޮށްފައި މިބުނީ!”
“ތީގެ މާނައަކީ ކޮބައިކަން އެނގޭތަ؟ އާއިލާއަށް މޫނު ދައްކާނީ ކިހިނެއް؟ މީހުން ކީކޭ ކިޔާނީ؟”
ޝައިނާ ދެކަންފަތުގައި އަތްއެޅިއެވެ. “ހަޅޭއްނުލަވާ މަންމާ!”
މަރިޔަމް ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. ދެން ހުއްޓިފައި ދަރިފުޅަށް ބަލައިލިއެވެ. “ސަލްމާނަށް އެނގޭތަ؟”
“އަހަރެން ބުނަން އުޅުނިން. އޭނާ ފޯނެއް ނުނަގާ.”
މަރިޔަމް ގޮނޑިއަކަށް ވެއްޓިގަތެވެ. އޭނާގެ ދަރިފުޅަށްޓަކައި ރާވާފައިވާ ރީތި މުސްތަޤުބަލު މުޅިން އަނދައި އަޅިއަށް ވެގެން ދިޔަކަން އޭނާއަށް އިޙުސާސް ކުރެވުނެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނު، މަރިޔަމް ޝައިނާ ގޮވައިގެން ފުވައްމުލަކުގެ ޑޮކްޓަރެއްގެ ގާތަށް ދިޔައެވެ. ޓެސްޓުތަކަށްފަހު ޑޮކްޓަރު ކަށަވަރުކޮށްދިނީ ޝައިނާ އިނީ ބަލިވެ ކަމެވެ.
ޝައިނާ އިސްޖަހައިގެން އިންއިރު މަރިޔަމް އިނީ ނުތަނަވަސްވެފައެވެ.
“ހުރިހާ ކަމެއް ރަނގަޅުތޯ؟” މަރިޔަމް އެހިއެވެ.
ޑޮކްޓަރު ބޯޖަހައިލިއެވެ. “ރަނގަޅު. އޭނާއަށް ބޭނުންވަނީ ރަނގަޅު ސިއްޙީ ފަރުވާއާއި ޤަވާއިދުން ޑޮކްޓަރަށް ދެއްކުން.”
މަރިޔަމް ފަސްޖެހިފައި އަހައިލިއެވެ. “އެބޯޝަން ހެދޭނެ އެއްވެސް ގޮތެއް އެބައޮތްތޯ؟”
ޑޮކްޓަރު ސީރިއަސްކަމާއެކު އޭނާއަށް ބަލައިލިއެވެ.
“އެއީ ފަސޭހަ ހައްލެއްގެ ގޮތުގައި ދެކެވޭނެ ވާހަކައެއް ނޫން. އެކަމަށް ސިއްޙީ ގޮތުން ފުންކޮށް ވިސްނަންޖެހޭނެ. ތިޔަ ކުއްޖާއަށް މިވަގުތު ބޭނުންވަނީ އެހީތެރިކަމާއި ހިތްވަރު، ޕްރެޝަރެއް ނޫން.”
ކުއްލިއަކަށް ޝައިނާ ވާހަކަދެއްކިއެވެ. “އަހަރެން މި ދަރިފުޅު ވައްޓާލާކަށް ބޭނުމެއް ނޫން.”
މަރިޔަމް އޭނާއަށް ބަލައިލިއެވެ. “ޒަރްތާބް..”
“އަހަންނަށް ކުށް ކުރެވިއްޖެކަން އެނގޭ. އެކަމަކު މި މައުސޫމު ފުރާނައިގެ އެއްވެސް ކުށެއް ނެތް.”
ޑޮކްޓަރު މަޑުމައިތިރިކަމާއެކު ބޯޖަހައިލިއެވެ.
“އެހެންވީއިރު، އެންމެ މުހިންމު ކަމަކީ އޭނާގެ ސިއްޙަތާއި ރައްކާތެރިކަން.”
މަރިޔަމް އެއްވެސް އެއްޗެއް ނުބުނެ ހިމޭންވިއެވެ.
*****
އެދުވަހުގެ މެންދުރުފަހު، ދޮންމަންމަ މަރިޔަމް ސިޓިންގރޫމުގައި އެކަނިމާއެކަނި އިންދާ ޒައިނާއަށް ފެނުނެވެ. “މަންމާ؟”
މަރިޔަމް އިސްއުފުލައި ބަލައިލިއެވެ. “މިކޮޅަށް އައިސްބަލަ.”
ޒައިނާ ކައިރިއަށް ޖެހިލިއެވެ. “ކިހިނެއްވީ؟”
މަރިޔަމް ޒައިނާގެ އަތުގައި ހިފިއެވެ. “ޝައިނާއަށް ވަރަށް ބޮޑު މުސީބާތެއް ޖެހިއްޖެ.”
ޒައިނާ ވަގުތުން ކަންބޮޑުވިއެވެ. ކީއްވީ؟”
މަރިޔަމް ފަސްޖެހިފައި ހުރެ، ވީ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒައިނާ އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން ހުއްޓެވެ. މަރިޔަމް ވާހަކަ ދައްކައި ނިމުނުއިރު، ޒައިނާގެ ދެލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ.
“އޭނާ ރަނގަޅުތަ؟”
“ޖިސްމާނީ ގޮތުން އޭނާ ރަނގަޅު. އެކަމަކު ދެން ވާނެ ގޮތެއް އަހަންނަކަށް ނޭނގެ.”
ޒައިނާ އޭނާގެ ކައިރީގައި އިށީނެވެ. “ސަލްމާނާ ވާހަކަދެއްކިންތަ؟”
“އޭނާ ފޯނެއް ނުނަގާ.”
ހިނދުކޮޅަކަށް، މަރިޔަމް ޒައިނާއަށް ބަލައިލީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ނިކަމެތި، އާދޭހުގެ ނަޒަރަކުންނެވެ.
“އަހަރެންގެ ދަރިފުޅުގެ މުސްތަޤުބަލެއް ދެން ނެތް.”
ޒައިނާ ދެބުމަ ކައިރިކޮށްލިއެވެ. “މަންމާ، ތިހެން ނުބުނޭ. އަދިވެސް އޭނާއަށް މުސްތަޤުބަލެއް އެބައޮތް.”
މަރިޔަމް ކުއްލިއަކަށް ޒައިނާގެ ދެއަތުގައި ބާރަށް ހިފިއެވެ.
“ޒައިނާ، އަހަންނަށް ކަލޭގެ އެހީތެރިކަން ބޭނުން.”
“އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް؟”
މަރިޔަމް ބަލައިލީ ފާރުގައި ހަރުކޮށްފައި ހުރި އޭނާގެ ނިޔާވެފައިވާ ފިރިމީހާގެ ފޮޓޯއަށެވެ.
“ކަލޭގެ ކޮއްކޮގެ މުސްތަޤުބަލު ސަލާމަތްކޮށްދީ.”
ޒައިނާއަކަށް މަރިޔަމް ބުނަން އުޅޭ އެއްޗެއް ނުވިސްނުނެވެ. ދެން މަރިޔަމް ބުނެލި ބަސްތަކުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ.
“އަމާނާ ކައިވެނިކުރަން އެއްބަސްނުވޭ.”
ޒައިނާ ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ. “ކީކޭ؟”
“އާދޭސްކޮށްފައި މިބުނީ ޒައިނާ. އަމާން ޝައިނާއާ ކައިވެނިކުރިޔަދީ.”
ޒައިނާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. “މަންމާ، ތިކަހަލަ ކަމަކަށް އެދެން ކިހިނެއް ހިތަށް އެރީ؟”
މަރިޔަމްގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. “އެއީ އަހަރެންގެ ދަރިފުޅު. އޭނާ ހަލާކުވެގެންދާތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ.”
“ދެން އަހަރެންނޯ؟”
މަރިޔަމް އިސްޖަހައިލިއެވެ. “އަހަންނަށް އެނގޭ ކަލޭ އޭނާދެކެ ލޯބިވާކަން.”
ޒައިނާގެ ތުންފަތް ތުރުތުރުއަޅަން ފެށިއެވެ. “އެހެންވިއްޔާ އޭނާ ދޫކޮށްލަން ތި އެދެނީ ކީއްވެ؟”
މަރިޔަމް ގިސްލަމުން ރޯންފެށިއެވެ. “ސަބަބަކީ އެހީއަކަށް އެދި ދާނެ އެހެން އެއްވެސް މީހަކު އަހަރެންގެ ނެތީމަ.”
ޒައިނާ ތެދުވިއެވެ. އޭނާ ބަލައިލީ ޝައިނާގެ ކޮޓަރިއާ ދިމާއަށެވެ. އޭނާގެ ކޮއްކޮއަށް ކުށެއް ކުރެވިއްޖެއެވެ. ނަމަވެސް މިއަދު އޭނާ އެވަނީ އެކަނިވެ، ބިރުގެންފައެވެ. ޒައިނާގެ ހަނދާނަށް އައީ އެކުދިންގެ ޅަފަތުގެ ދުވަސްތަކެވެ. ކޮއްކޮގެ ހިމާޔަތުގައި އޭނާ ހުރި ދުވަސްތަކާއި، އެކަކު އަނެކަކު ބަލަހައްޓައި އެހީތެރިވުމަށް މަރުމަތީގައި ބައްޕައަށް ވީ ވަޢުދެވެ.
“އެކަމަކު އަމާން..”
އޭނާގެ ހިނިތުންވުމާއި، ހުނުމާއި، އެ ދުވަސްވީ ބޮޑު ގަސްދޮށުގައި އޭނާގެ އަތުގައި ހިފެހެއްޓި ގޮތް ޒައިނާގެ ހިތަށް އަރަމުން ދިޔައެވެ. ޙަޔާތުގައި އޭނާއަށް ދުވަހަކުވެސް އެދެވުނު ހަމައެކަނި އުފާ ދޫކޮށްލަންވީ ހެއްޔެވެ؟ އެވަރުގެ ބޮޑު ޤުރުބާނީއެއް ވެވިދާނެ ހެއްޔެވެ؟
*****
އެރޭ އަމާން ޒައިނާށް ގުޅިއެވެ. “އަހަރެމެންނަށް ބައްދަލުވެވިދާނެތަ؟”
ޒައިނާ ފޯނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ބުންޏެވެ. “މިއަދަކު ނޫން.”
“ކީއްވެ؟ ކަމެއް ގޯސްވީތަ؟”
“ނޫން. އަހަރެން ހަމަ ކުޑަ ވަގުތުކޮޅެއް ބޭނުންވަނީ.”
އަމާން ކަންބޮޑުވިއެވެ. “ޒައިނާ، އަހަންނާ ވާހަކަދައްކަބަލަ.”
ޒައިނާ ދެލޯ މަރައިލިއެވެ. “މާދަމާ ދިމާވާނެ.”
ފޯނު ކަނޑައިލުމަށްފަހު، ޒައިނާ އެނދު ކައިރީ ތަޅުންގަނޑުމަތީގައި އިށީނދެ ރޯން ފެށިއެވެ. އޭނާ ކުރަންޖެހޭ ކަންތައް އޭނާއަށް އެނގެއެވެ. ނަމަވެސް އެއީ ކުރަންޖެހޭ ކަމެއްކަން އެނގުމަކުން، އެކަމުން ހިތަށް ލިބޭ ވޭނަކަށް އެއްވެސް ލުޔެއް ނުލިބުނެވެ.
(ނުނިމޭ)
