ރީބްރޭންޑް ކުރުމަށް ސަން މީޑިއާ ވަގުތީގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ހުއްޓާލާފައި އޮތުމަށްފަހު ބަދަލުތަކަކާއި އެކު “ސަން އޮންލައިން” އަލުން ފަށައިފިއެވެ.
ސަން އޮންލައިންގެ ޚިދުމަތް އަލުން ފަށާފައިވާއިރު، ޓެމްޕްލޭޓަށް އެކަށީގެންވާ ފަހި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރިއާއި އަޅައި ބަލާއިރު މިހާރު މާބޮޑަށް ‘ޔޫސަރ ފްރެންޑްލީ’ ސިފަތައް ހިމަނާފައި ވެއެވެ.
ސަން މީޑިއާގެ ޚިދުމަތްތައް މެދުކަނޑައިލުމުގެ ކުރިން ސަން އޮންލައިން އިން އާއްމުކުރި ބަޔާނުގައި ބުނީ ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ “ސަން އޮންލައިން” ނޫހާއި “ސަން ޓީވީ” ޗެނަލް އަދި “މޯލްޑިވް އައިލެންޑްސް” މަޖައްލާގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމީ، ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ އޮންލައިން ނޫހާއި ރޭޑިއޯ އަދި ޓީވީގެ ވަސީލަތްތަކުގެ ހިދުމަތާއި ފެންވަރާއި ކޮންޓެންޓު ރަނގަޅުކޮށް، އެ ހިދުމަތްތައް އަމާޒުކުރެވޭ ފަރާތްތަކަށް މިހާރަށްވުރެ މަގުބޫލު ވަސީލަތްތަކަކަށް ހަދައި، ރީބްރޭންޑުކޮށް އަދި ރީލޯންޗުކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާތީ ކަމަށެވެ. އަދި ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ތެރެއިން، އެކަން އަންގަންޖެހޭ އިދާރާތަކަށް އަންގައި، އަދި ހުއްދަ ހޯދަންޖެހޭ އިދާރާތަކުގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ސަން އޮންލައިން އަލުން ފަށާފައިވީނަމަވެސް، ސަން ޓީވީ އަދި ފަށާފައެއް ނުވެއެވެ.
