މިވަގުތު ރާއްޖޭގެ ފިލްމު ޕްރޮޑަކްޝަން ހައުސްތަކުން އެންމެ ކުރީގައި އުޅޭ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުން އުފައްދަމުން އަންނަ ފިލްމް “މާމުއި” ގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ފިލްމްގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ. އެގޮތުން ފިލްމުގެ 95 އިންސައްތަ ނިމިފައިވާކަމަށް އޭނާ ބުނެއެވެ.
އަންނަ އަހަރު އޭޕްރީލް މަހު އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ މި ފިލްމަކީ ވަރަށް ތަފާތު ރަހަތަކެއް އެކުލެވޭ ކޮމެޑީއެއް ކަމަށް ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނެއެވެ.
އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ ލިޔެ ޢަލީ ޝިފާޢު ޑައިރެކްޓްވެސް ކުރަމުން އަންނަ “މާމުއި“ ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.
މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަޙްމަދު ސަޢީދުގެ އިތުރުން އަލީ ޝަޒްލީމް އެވެ.
މީގެ އިތުރުން “މާމުއި“ ގެ ކާސްޓުންގެ ތެރޭގައި ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް ހިމެނެ އެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓުން ވަނީ ފާއިތުވި ތިން އަހަރު ވެސް ވަރަށް ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި “މީ ލޯތްބަކީ” އާއި 2016 ގައި ރިލީޒް ކުރި “ވާށޭ މަށާއެކީ” ގެ އިތުރުން 2015 ގައި ރިލީޒް ކުރި “އެންމެ ފަހު ވިންދާ ޖެހެންދެން” އެވެ. މި ފިލްމްތަކުގެ އިތުރުން ވެސް ޑާކް ރެއިނުން ވަނީ ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފަ އެވެ.
