ކުކުޅުއަޅާބިސް އާންމުގޮތެއްގައި ހުންނަނީ ދެކުލައެއްގައެވެ. މުށިބިހާއި ހުދުބިހެވެ. ނަމަވެސް އެ ދެކުލައިގެ ބިހުގައި ސިއްހީ ފައިދާގެ ތަފާތެއް ވޭހެއްޔެވެ؟ ފުރަތަމަ ކަމަކަށް، ބިހުގެ ތޮށިގަނޑުގެ ކުލަ ތަފާތުވާން މެދުވެރިވަނީ ކޮންކަމެއް ހެއްޔެވެ؟
މިސުވާލުތައް، ސީ ކްލައިބޯން ރޭ އާ ނިއުޔޯކް ޓައިމްސްއިން ކުރިމަތިކުރިއެވެ. އޭނާ މިސުވާލުތަކުގެ ޖަވާބު ހޯދަން، ކޯންވޯލް ޔުނިވަރސިޓީގެ ސައިންޓިސްޓް ޓްރޯ ވީ ބުއި އާ ވާހަކަ ދެއްކިއެވެ. ޖަވާބު ވަރަށް ސާދާއެވެ. މިދެކުލައިގެ ބިހުގެ ސިއްހީ ފައިދާގައި ފާހަގަކުރެވޭ ތަފާތެއް ނުވެއެވެ. މުށިބިހުގައި އޮމެގާ3 ފެޓީއެސިޑް ގިނަނަމަވެސް އެއީ މިނޭވަރަށްވުރެ ކުޑަ މިންވަރެކެވެ. ދެވައްތަރުގެ ބިހުގެ ގޮބޮޅީގައާއި ރަހައިގައިވެސް ތަފާތެއް ނުވެއެވެ.
ޑރ. ބުއި ބުނާގޮތުގައި ތޮށިގަނޑުގެ ކުލަ ބިނާވެފައި އޮންނަނީ ކުކުޅުގެ ޖީން އާއެވެ. ހުދުފަތާއި ހުދުކަންފަތުފޫޅު ހުންނަ ކުކުޅު އަޅާނީ ހުދުބިހެވެ. ކަންފަތުފޫޅު ރަތްކޮށް ހުންނަ، ރަތްކުލައިގެ ނުވަތަ މުށިކުލައިގެ ކުކުޅު އަޅާނީ މުށިބިހެވެ. އެމެރައުކާނާ ކުކުޅު ނުވަތަ އިރުމަތީ ބްރީޑްގެ ކުކުޅު އަޅާބިހުގެ ތޮށިގަނޑު ހުންނަނީ ނޫކުލައިގައެވެ. މިއީ ވަރަށް މަދު ވައްތަރެކެވެ.
ބިހުގެ ތޮށި ބޯވަނީ ވަކިވައްތަރެއްގެ ކުކުޅެއްގެ ސަބަބަކުން ނޫނެވެ. ކޮންމެ ވައްތަރެއްގެ ކުކުޅެއްވެސް ޅައިރު އަޅާބިހުގެ ތޮށި ބޯވާނެއެވެ. މުށިބިސްއަޅާ ކުކުޅު ތިބެނީނީ ތަންކޮޅެއް ބޮޑެތިކޮށެވެ. ވީމާ ގިނައިން ކާންދޭން ޖެހެއެވެ. މުށިބިސް އަގުބޮޑީ އެހެންވެއެވެ.
ކާންދޭ އެއްޗެއްގެ ސަބަބުން ބިހުގެ ސިއްހީ ފައިދާއަކަށް ނުވަތަ ގޮބޮޅީގެ ކުލައަކަށް ބަދަލެއް ނާންނާނެކަމަށް ބުނެވެއެވެ.
