ހަނދާނަނަށް އަންނަނީ 1980 ގެ އަހަރުތަކުގައި ރައްޓެހިންނާއެކު، ރަށުގެ އަތިރިމައްޗަށް ގޮސް ތައްޔާރުކޮށްލާ ބިލިމަގު ސަޓަނި ނުވަތަ ބިލިމަގު މަޖާގަނޑުގެ މަތިންނެވެ. ޅަ ރުކުގެ ގޮނުވަން ނުތޮޅޭ ފަން ނުވަތަ ކުރުއްޕަތް ދޮންވެލީގައި ވަޅުޖައްސާލައި، އޭގެ ތެރެއަށް ބިލިމަގު، ފިޔާ، ހިކިމިރުސް ނުވަތަ ރޯ ތޮޅިމިރުސް އަދި ޅަ ގޮބޮޅި ކޮށައިގެން މޫދުން ލޮނުފެން އަޅައިގެން ތައްޔާރުކޮށްގެން ހަދައި އުޅުނު ބިލިމަގު ސަޓަންޏަކީ ފިސާރި އަނގަޔަށް މީރު އެއްޗެކެވެ. މަޖާކޮށްލަން އަތިރިއަށްގޮސް ކޮށް އުޅުނު ކަމެކެވެ. އޭރު އެގޮތަށް ބިލިމަގު ކެއުމަކީ ވަރަށް ޢާއްމު ކަމެކެވެ.  ބިލިމަގުން މާބޮޑު ފައިދާތަކެއް ލިބޭކަމެއް އޭރަކު ނޭނގެއެވެ. ތެދުތެދަށް ބުނަންޏާ ބުނެވޭނީ މި މަޒުމޫނު ލިޔަން ފެށުމުގެ ކުރިންވެސް އެކަމެއް ނޭނގެއެވެ.

ގިނަ ބަޔަކަށް ބިލިމަގުން ލިބޭ ފައިދާތައް އެނގިފައި ނުވުމަކީ ހަމަ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ‘ކުއްލިއަކަށް ލޮލުގައި އަޅައިގަތް އާރޓިކަލްއެއް’ އަސްލަކަށް ބަލައިގެން، ބިލިމަގުން ލިބޭނެ ފައިދާތަކެއް ލިޔެލާނަމެވެ. ހީވެސް ނުކުރާހާ ގިނަގުނަ ފައިދާ ބިލިމަގުން ލިބެއެވެ.

ބިލިމަގަކީ އަހަރުމެންގެ ސަމާލުކަން އެހާބޮޑަށް އެއަށް ދެވިފައި ނުވާ މޭވާއެކެވެ. ވަރަށް ޢާއްމުވެސް މޭވާއެކެވެ. މިއީ ކާމަރަނގަ ޢާއިލާއަށް ނިސްބަތްވާ މޭވާއެކެވެ. ބިލިމަގުގައި ހުންނަ ޚާއްޞަ ހުތް ރަހައަކީ ގިނަގުނަ ކާބޯތަކެތި ހެދުމުގައިވެސް ބޭނުންކުރާ މޭވާއެކެވެ. މިއީ ފިލިޕިންސްގައި ވަރަށް ޢާއްމު މޭވާއެކެވެ. މި މޭވާގެ ފައިދާތައްވެސް އެމީހުން ވަރަށް ރަނގަޅަށް ދަނެއެވެ.

ބިލިމަގަކީ އޭގައި ގިނަ ޢަދަދަކަށް ވިޓަމިން ސީ އާއި ވިޓަމިން ބީ އެކުލެވޭ މޭވާ އެކެވެ. ހަމަ އެހެންމެ މައުދަނުގެ ބައެއް ބައިތައް ކަމަށްވާ ދަގަނޑު، ޕޮސްފަރަސް އަދި އެންޑިއޮކްސިޑެންޓްސް ހިމެނެ އެވެ. ބިލިމަގަކީ ހޫނު ސަރަޙައްދުތަކުގައި ހެދޭ އެހެނިހެން މޭވާއާއި އަޅާބަލާއިރު އެހާ މަޤްބޫލު މޭވާއެއް ނޫނެވެ. ނަމަވެސް ދާދިފަހުން މި މޭވާ އިން ލިއްބައިދޭ ނިއުޓްރިޝަނަލް ފައިދާތައް ހޯދުނުފަހުން މި މޭވާ އާއިމެދު ދެކޭގޮތް މިވަނީ ބަދަލުކުރާން ޖެހިފަ އެވެ.

ބިލިމަގަކީ ރާއްޖޭގައި ޢާއްމު މޭވާއެއް ނަމަވެސް އެއިން ލިއްބައިދޭ ފައިދާތައް ގިނަމީހުންނަކަށް ނޭނގެއެވެ. ދިވެހި ރުކުގެ ހަމަ ކޮންމެ ބައެއްގެ ބޭނުން ކުރެވޭ ބީދައިން، ބިލިމަގަކީވެސް އެ ގަހުގެ ހަމަ ކޮންމެ ބައެއްވެސް ތަފާތު ބޭނުންތަކަށް ބޭނުންހިފޭ ގަހެކެވެ.

ކެއްސުން ރަނގަޅުކުރުމަށް

ކެއްސުމަކީ ގިނަފަހަރަށް އިންސާނާއަށް އޭގެ ސަބަބުން އެތަކެއް އުނދަގު ތަކަކާއި ވޭނެއް ތަހައްމަލް ކުރަންޖެހޭ ކަމެކެވެ. މާގަދައަށް ކެއްސާ އުނދަގޫވާނަމަ ދަވިއްގަނދު ކޮޅެއްގެ ތެރެއަށް ކޮށާފައިހުރި ބިލިމަގު ކޮޅަކާއި ރަހަލާވަރަށް ހަކުރު ކޮޅެއް އަޅާލުމަށްފަހު ކައްކާލާށެވެ. އެއަށްފަހު ހެނދުނު ހުސްބަނޑާހުރެ އެއްބައި ބޯލާށެވެ. އަނެއްބައި ހަވީރު ބޯލާށެވެ. މިއީ ކެއްސުމަށް އޮތް ރަނގަޅު ފަރުވާ އެކެވެ.

ހަކުރުބަލީގެ ފަރުވާ

ހަކުރު ބައްޔަކީ، ފަހަކަށް އައިސް މީހުންގެ ތެރޭގައި އާންމު ވެފައިވާ ބައްޔެކެވެ. ބިލިމަގަކީ ހަކުރު ބަލީގެ މީހުންނަށް ދޭން ރަނގަޅު ފަރުވާއެކެވެ. އެގޮތުން ބިލިމަގު ޗަސްކޮށްލުމަށްފަހު ފެންއަޅާ ރަނގަޅަށް ކައްކާލުމަށްފަހު އެ ފެން ދުވާލަކު ދެފަހަރު ބޯލުމުން ހަކުރުބައްޔަށް ފަރުވާލިބޭ ކަމަށްވެއެވެ.

އޮށާޅައިގެ ފަރުވާ

މޫނުގައި އޮށާޅަނަގާތީ ކުރާޝަކުވާ ގިނައެވެ. ޚާއްސަކޮށް ޖިންސުއްލަތީފުންގެ މެދުގައެވެ. މިކަމަށް ފަރުވާ ބޭނުން ނަމަ ޗަސްކޮށްފައި ހުރި ބިލިމަގު ކޮޅެއް، އޮށާޅަ މަތީ އުނގުޅާށެވެ. އެއަށްފަހު، އިރުކޮޅެއް ފަހުން ރަނގަޅަށް ދޮވެލާށެވެ. ފަހަރުގައި ދިލަ ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ބިލަމަގަކީ އެއިގެ ޒާތުގައި އެސިޑިކް އެއްޗަކަށް ވުމެވެ.

ދަތުގައި ރިއްސާނަމަ

ގިނަފަހަރަށް، ދަތެއްއި ރިއްސާނަމަ މުޅިދުވަސް ބޭކާރު ގޮތުގައި ހޭދަވެގެން ދެޔޭ ބުނުން ދޮގަކަށް ނުވާނެއެވެ. ދަތުގައި ރިއްސާނަމަ، އެ ރިއްސާ ދަތުގައި ބިލަމަގު ކޮޅެއް ޗަސްކޮށްފައި އަޅާލާށެވެ. މިކަން ތަޖުރިބާ ކޮށްފައި ތިބި ގިނަ ބަޔަކު ބުނާ ގޮތުން މިކަމަކީ ރިހުން ކެނޑުވުމަށްޓަކައި ކައިއުޅޭ ބޭހަށްވުރެ ފައިދާ ބޮޑު ކަމެއް ކަމަށެވެ.ފައިދާ މިހާގިނަ، ބޭނުންތެރި ހުތްފޮނި މި މޭވާ ބޭކާރު ގޮތުގައި އުކައިނުލައި ބޭނުން ކުރެވެން މިއޮތީއެވެ. ވަރަށް ފަސޭހަ ކަމާއެކުގައެވެ.

އަނގަ ފާރު ރަނގަޅުކުރުމަށް

ކެއްސުން ރަނގަޅުކުރުމަށް ބޭސް ތައްޔާރުކުރި ގޮތަށް ތައްޔާރުކޮށް އަނގައިގައި ހުންނަ ފާރުގަނޑުގައި އުނގުޅާށެވެ. ދިލަ ނަގާނެކަން ހަނދާން ބަހައްޓާށެވެ.

ހުޅުހުޅުގައި ރިއްސުމަށް ފަރުވާ

ހުޅުހުޅުގައި ރިއްސުން ރަނގަޅުކުރުމަށް ބިލިމަގު ފަތްކޮޅެއް (ހައެއްކަ ފަތް) ތަޅައި ޗިސްކޮށް އޭގެ ތެރެއަށް ބިލިމަގެއް ލައިގެން ރަނގަޅު އޮލަ ޕޭސްޓަކަށް ވާންދެން ޗަސްކުރާށެވެ. ކުޑަ ފެންފޮދަކާއި އެއްކޮށްގެން ތަދުވާ ތަނުގައި އުނގުޅާށެވެ. ދޭއް ނުވަތަ ތިން އިރު މިގޮތަށް ހަދަންވާނެ އެވެ.

މީގެ އިތުރުން ހުސްބަނޑާހުރެ ކޮންމެ ދުވަހަކުވެސް ބިލިމަގެއް ކެއުމަކީވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެއްކަމަށް ވެއެވެ.

ލިޔުން ބިނާކުރުމަށް ބޭނުންކުރި މަސްދަރުތައް:-

http://aonews.mv

http://www.worldhealthguide.org/

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.