މިއަދަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ދިވެހިބަހުގެ ދުވަހެވެ. ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހެވެ. މިދުވަސް ދިވެހިބަހުގެދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ 2015ވަނަ އަހަރުގެ ޖަނަވަރީމަހުގެ 20ވީ އަންގާރަދުވަހުއެވެ.

ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ފަޚުރާއި ޝަރަފެވެ. ދިވެހީންގެ ޝުޢޫރާއި އިޙުސާސްތަކުގެ އަޑެވެ. ދިވެހީންގެ ސަގަފާތާއި ދުވަހު ދިރިއުޅުމުގެ ފެންއާރެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ “ބުނާނީ ލިޔާނީ ދިވެހިބަހުން” މިއެވެ.

މި ޝިއާރުން ބާރު އަޅަނީ ދިވެހިބަހުން މުއާމާލާތު ކުރެވެން އޮތް ހަމަ ކޮންމެ ހާލަތެއްގައި ދިވެހިބަހުން މުއާމަލާތު ކުރުމުގެ މައްޗަށެވެ. ދިވެހިބަހުން ދިވެހީން ކުރާ މުއާމަލާތު އިތުރު ކުރުމުގެ މައްޗަށެވެ. އޮފީސްތަކުގައްޔާއި ގޭތެރޭގައްޔާއި އިޖުތިމާއީ އެއްވުންތަކުގައި ދިވެހިބަހުން ސާފުކޮށް ރީތިކޮށް ވާހަކަ ދެއްކުމުގެ މައްޗަށެވެ. އާދޭހެވެ! ދިވެހީންގެ މަސްލަހަތު އޮންނަ ހަމަ ކޮންމެ ކަމެއްގައިމެ ސާފު ދިވެހިބަހުން ވާހަކަ ދެއްކުމުގެ މައްޗަށެވެ. އެ ފަދަ ކޮންމެ މުއާމަލާތެއްގައި ލިޔާން ޖެހޭ ލިޔުންތައް ދިވެހިބަހުން ތާނަ އަކުރުން ލިޔުމުގެ މައްޗަށް ވެސް މެއެވެ.

ދިވެހިބަހަކީ ވަރަށް ދޮށީ ބަހެކެވެ. ވަރަށް ދިގު ތާރީޚެއް އެއަށް ލިބިގެންވީ ބަހެކެވެ. އެއީ ދިވހީންގެ ޤައުމީ ތަރިކައެކެވެ. މުހިންމު ތަރިކައެކެވެ. މިތަރިކަ ޙިމާޔަތްކޮށް ތަރައްޤީކޮށް ކުރިއެރުވުމަކީ އަދުގެ ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ. މިކަމަށްޓަކައި ދިވެހިބަހުން ބުނާން ޖެހެއެވެ. ދިވެހިބަހުން ލިޔާން ޖެހެއެވެ. ބޭރުގެ ބަސްބަސް ބޭނުންކުރުމުގެ ބަދަލުގައި ދިވެހިބަސް ބޭނުންކުރުން އިސްކުރާން ޖެހެއެވެ.ދިވެހިބަހުން ނުބުނެވޭނެ، ނުލިޔެވޭނެ ލަފުޒެއް ވަރަށް މަދުވާނެއެވެ. އެކަން އެނގޭނީ ބަސް ދަސްކޮށްގެންނެވެ. ދިވެހިބަހުގެ ތެރެއަށް ވަދެވިގެންނެވެ.

އަދު ދިވެހިބަހުގެ މައްޗަށް ނުފޫޒުފަތުރަމުންދާ ބޭރުގެ ބަސްބަހުގެ ސަބަބުން ޚާއްޞަކޮށް އިނގިރޭސިބަހުގެ ސަބަބުން ދިވެހިބަސް ބަދަލުވުމަށް މަގުފަހިވެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިކަން ޙައްލުވާނީ މިކަމުގެ މައްޗަށް މުޅި އުންމަތް ބަސް ބުނެގެންނެވެ. ދިވެހިބަހަށް ސަމާލުކަން ދީގެންނެވެ. ދައުލަތުގެ މުވައްސަސާތަކުންނާއި އާންމުފަރުދުން ދިވެހިބަހަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. ކުރާ ކޮންމެ ކަމެެއްގައި ދިވެހިބަހަށް އިސްކަން ދީގެންނެވެ. ދިވެހިބަހަކީ ދިވެހީންގެ ޝަރަފްފުކަމުގައި ވާނީ އޭރުންނެވެ. “ބުނާނީ ލިޔާނީ ދިވެހިބަހުން” މި ޝިޢާރުގައި ހިފައިގެން ކޮންމެ ދިވެއްސަކުވެސް ސާފު ދިވެހިބަސް ބޭނުންކުރުމަށް އިސްކަންދެމާތޯ އެވެ.

ދިވެހިބަހުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހީންނަށް މުނިއަވަސް ނޫހުގެ ފަރާތުން އަރިސްކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.