ބައިސްކޯފު އޮރިޖިނަލްސްގެ ދަށުން ‘އެމްއީ ޕްރޮޑަކްޝަން’ އާއި ގުޅިގެން އުފައްދާފައިވާ ހަތަރެސްކަން ލޯބީގެ ސީރީޒް “އަހަރެންވެސް ލޯބިވޭ” ބައިސްކޯފުން ވަރަށް އަވަހަށް ދައްކަން ފަށާނެކަމަށް ބައިސްކޯފުން ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ހަމައެކަނި ބައިސްކޯފުން ދައްކަން ފަށާ ލޯބީގެ ސީރީޒް “އަހަރެންވެސް ލޯބިވޭ”ގެ މަޢުލޫމާތު މުނިއަވަސް އަށް ދެމުން ‘އެމްއީ ޕްރޮޑަކްޝަންގެ ފަރާތުން އިބްރާހިމް ޞަބާޙް (ކުޑަ ސޮބާ) ބުނީ މިއީ ދެ އާއިލާއެއްގެ ދެމެދުގައި ހިނގާ ހަތަރެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ސީރީޒެއް ކަމަށެވެ.

ގިނަ ޓްވިސްޓުތަކެއް ފެނިގެންދާނެ މި ސީރީޒްގައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ މުޙައްމަދު އަބޫބަކުރު (މާއެނބޫ)، އާއިޝަތު ޔާސިރާ، އިބްރާހިމް ޞަބާޙް (ކުޑަ ސޮބާ)ގެ އިތުރުން މަޝްހޫރު ނެށުންތެރިޔާ ފާތިމަތު ސަމާއެވެ. މީގެ އިތުރުން މަރިޔަމް ޙަލީމް، ޢަލީ ފާރޫޤް، ޒުލައިޚާ މަނިކެވެސް ފެނިގެންދާނެ ކަމަށް ސޮބާ ބުންޏެވެ.

“އަހަރެންވެސް ލޯބިވޭ” އުފެއްދުމުގެ މަސައްކަތުގައި – ފޮޓޯ: މުނިއަވަސް

ލޯބީގެ ސީރީޒް “އަހަރެންވެސް ލޯބިވޭ” ޑައިރެކްޓްކޮށްފައިވަނީ މާއެނބޫ އެވެ. އެސިސްޓެންޓް ޑައިރެކްޓަރަކީ ކުޑަ ސޮބާ އެވެ. ފިލްމު ޝޫޓްކޮށްފައިވަނީ މާލޭގައެވެ. ވާހަކަ ލިޔުނީ ކުރިއަރަމުން އަންނަ ވާހަކަލިޔުންތެރިޔާ ސާފިރާ މޫސާ އެވެ.

މިހާރު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށްދާ ލޯބީގެ ސީރީޒް “އަހަރެންވެސް ލޯބިވޭ” އަކީ ގިނަދުވަސްތަކެއް ވާންދެން ފިލްމީ ކަންތައްތަކާއި ތަންކޮޅެއް ދުރުގައި ހުރުމަށްފަހު މާއެނބޫ ޑައިރެކްޓްކޮށް އެކްޓްވެސް ކޮށްފައިވާ ސީރީޒެކެވެ. ހަމައެހެންމެ މި ސީރީޒަކީ ގިނަ ދުވަސްތަކެއްވާންދެން ކުޑަ ސޮބާގެ އެކްޓިން ނުފެނި ހުރުމަށްފަހު ސޮބާގެ އެކްޓިންވެސް ފެނިގެންދާނެ ސީރީޒެކެވެ.

ލޯބީގެ ސީރީޒް “އަހަރެންވެސް ލޯބިވޭ”ގެ ބެކް މިއުޒިކާއި ބެކިންގ ވޯކަލްސް ހަދާފައިވަނީ ‘ސޮލް ސީރީޒް’އިންނެވެ. ތީމް ލަވައިގެ ޅެން ހެދީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.

“އަހަރެންވެސް ލޯބިވޭ” ގެ ޑައިރެކްޓަރ މާއެނބޫ އާއި އ. ޑައިރެކްޓަރ ކުޑަ ސޮބާ – ފޮޓޯ: މުނިއަވަސް

“އެމްއީ ޕްރޮޑަކްޝަން”ގެ އޯޑިއޯ އަދި ވީޑިއޯ މަސައްކަތްތައް ކުރިއަށްދަނީ އެއް ފުރާޅެއްގެ ދަށުންނެވެ. “އެމްއީ ޕްރޮޑަކްޝަން” އިން ވީޑިއޯ މަސައްކަތް ކުރާއިރު ހަމަ އެ ފުރާޅުގެ ދަށުން “ސޮލް ސީރީޒް” އިން އޯޑިއޯ މަސައްކަތްތައް ކުރާކަން ފާހަގަކޮށްލެވެއެވެ.

“އެމްއީ ޕްރޮޑަކްޝަން”ގެ އިތުރު މަސައްކަތްތައް މިއަހަރު ފެނިގެންދާނެ އެވެ. އެގޮތުން ފީޗާ ފިލްމު “ކާކު؟” އަކީ އެތަނުން އުފައްދައި އެންމެ އަވަހަށް ސިނަމާ ކުރާނެ ފިލްމުކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.