މިދިޔަ ހުކުރު ދުވަހު ކުޑަ ދެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ޙަސަން އަލީ ގުރޫޕުން ވަކިކޮށްފައިވާ ކަމަށް އޭނާ އުޅުނު ބިދަބިން ބޮޑުބެރު ގުރޫޕުން ބުނެފިއެވެ.
ބިދަބިން ބޮޑުބެރު ގުރޫޕްގެ ކުރީގެ ނެށުންތެރިޔާ ހަސަން އަލީ އެ ގްރޫޕުން ވަކިކޮށްފައިވާކަން ބިދަބިން އިން ހާމަކުރީ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ބުނީ، ކުޑަކުދިންނަކީ މުސްތަގްބަލް އޭގެ މައްޗަށް ބިނާކުރާ ބިންގަލަށްވާއިރު އެއްވެސް މީހަކާ ނޭދެވޭ އެއްވެސް އަމަލެއް ހިންގުމަކީ އެ ގުރޫޕުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ހަސަން އަލީ ކުރި އަމަލަކީ އެ ގުރޫޕަށް ލިބުނު ބޮޑު ލަދެއް ކަމަށާއި ގުރޫޕްގެ މެންބަރުކަމުން އޭނާ ވަކިކޮށްފައިވާ ކަމަށް ވެސް ބިދަބިން ގުރޫޕުން ބުނެފައިވެއެވެ. ބިދަބިންގެ އާއިލާއަކީ އަބަދުވެސް އެފަދަ އިހްތިރާމް ކުޑަ އަމަލުތަކާ ދެކޮޅަށް ތެދުވާނެ ގުރޫޕެއް ކަމަށް ބުނެ އެ ގުރޫޕުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ވެސް ގޮވާލައިފައެވެ.
ކޯޓު އަމުރެއްގެ ދަށުން ހަސަން އަލީ މިހާރު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ވަނީ 12 ދުވަސް ޖަހައިފައެވެ.
