މިދިޔަ މަހު ސްރީ ލަންކާގައި ބާއްވަން އުޅުނު 9 ވަނަ ސާކް ފިލްމު ފެސްޓިވަލް އަންނަ ޖުލައި މަހު 02 ން 07 އަށް ބާއްވަން ތާވަލުކޮށްފި އެވެ.

ނުވަ ވަނަ ސާކް ފިލްމު ފެސްޓިވަލް ބާއްވާ ތާރީޚް ފަސްކުރީ އެޕްރީ މަހުގެ ތެރޭގައި ސްރީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ނެވެ. ކުރިން ފެސްޓިވަލް ބާއްވަން އޮތީ މެއި މަހުގެ 07 ން 12 އަށެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަންއިން އިންތިޒާމް ކުރައްވައިގެން ބާއްވާ ސާކް ފިލްމު ފެސްޓިވަލަކީ ސާކްގެ 8 ގައުމަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލެކެވެ. އަދި މިއީ ދިވެހި ފިލްމުތައް އާންމުކޮށް ބައިވެރިވާ ހަމައެކަނި ފެސްޓިވަލް ވެސް މެ އެވެ.

މިއީ މެދު ނުކެނޑި ސާކް ފިލްމު ފެސްޓިވަލް ބާއްވަމުން އަންނަތާ ނުވަ ވަނަ ފަހަރެވެ. ސާކްގައި ހިމެނޭ އަށް ގައުމުން މި ފެސްޓިވަލްގައި ބައިވެރިވެ އެކި ކަހަލަ ފިލްމުތައް ހުށައަޅައެވެ. ނިމިގެން ދިޔަ 2018 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ބަންގްލަދޭޝްގެ ”ހަލްދާ“ އެވެ.

ސާކް ފިލްމު ފެސްޓިވަލް 2017 ގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް ވަނީ ފިލްމު ވިޝްކާ އިން ލިބިފަ އެވެ.

ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތަކަށް ވެސް މީގެ ކުރިން ވަނީ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު އެ ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު ”އިނގިލި“އަށް ބްރޯޒް މެޑަލް ވަނީ ލިބިފަ އެވެ. އަދި 2015ގައި އަލީ ސީޒަންގެ ފިލްމު، ”އިންސާނާ“އަށް ވެސް ވަނީ ބްރޯންޒް މެޑެލް އެއް ލިބިފަ އެވެ.

މި ފެސްޓިވަލްގައި 02 ކުރު ފިލްމު އަދި 02 ފީޗަރ ފިލްމު އަދި 01 މާސްޓަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ވެސް ވަނީ ލިބިފައެވެ.

މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެއެވެ. މިބޭފުޅުންގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސައިދެނީ މުބާރާތް އިންތިޒާމުކުރާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަން ޖެހެނީ ބައިވެރިވާ ފަރާތަކުން އަމިއްލއަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.