ބަހަކީ ގައުމުގެ ހިތެވެ. މިހިތް ހަލާކުވެ ނެތި ފަނާވެގެން ދިއުމީ ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންކަމުން ބަސް އުވިދިއުމުން ސަލާމަތްކުރުމަށްޓަކައި ބަސް ދެކެ ލޯބިވާން ޖެހެއެވެ. ދިވެހި ބަހަށް ދިވެހިން ލޯބިޖެއްސުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ބަހަށް އިޙްތިރާމު ކުރުމެވެ. ދިވެހި ބަހަކީ މުއްސަނދި ބަހެއްގެ ގޮތުގައި ޤަބޫލުކޮށް އެއަށް މުޖުތަމައުގެ އެންމެހައި ފަރުދުން ގަދަރު ކުރުމެވެ. ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ގައުމީ ބަހަށް ލޯތްބާއި ގަދަރާއި އިހުތިރާމް އޮންނަން ޖެހޭނެއެވެ. ދިވެހިބަހަކީ އަހަރެމެން އެބަހަކަށް ފަޚުރުވެރިވާންވީ އަހަރަމެންގެ އަމިއްލަ ބަހެކެވެ. ދިވެހިންގެ އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ އެންމެ ބޮޑު އެއްޗަކީ ދިވެހިން ވާހަކަދައްކަމުން އަންނަ ދިވެހިބަހެވެ. ދިވެހިބަސް މަސްހުނިވަމުން އަންނަ މިންވަރާއި، ބަހަށް ކުރިމަތިވަފއިވާ މައްސަލަތަކުން އަރައިގަތުމަށް ކުރަންޖެހިފައިވާ މަސައްކަތް ބޮޑެވެ.

“ކުރާ ޢަމަލާ ބަހާއެކުގައި ދެބަސް މަސްހުނިކުރުން ސަހަރޯ
ތުރާލާ ވޭންލިބޭ ފަދައިން ވެވޭ އޭ ބޮޑު ޚިޔާނާތެއް

ދެމީހަކު އެކުވެ ވާހަކަ ދައްކަނީ ނަމަވެސް ފަޚުރުވެރިވާން
އެމީހުން ދައްކަނީ ވާހަކަ ދެބަހު ލަފުޒުން އެމުނި ފައްޗެއް”

ބަހަށް ބާރުވެރިކަން ހޯދައިދީ، ދަރިވަރުންގެ ހިތްތަކުގައި ބަހަށް ލޯބި ޖައްސަން ޤައުމީ ފެންވަރުގައި، ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ ޝާމިލްވުން ހިމެނޭނެ ފުރުޞަތުތައް ފަހިކޮށްދޭން ޖެހެއެވެ. ދިވެހިބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ވުޒާރަތާކައި، އޮފީސްތަކާއި، މުވައްސަސާތަކުގައި ދިވެހިބަހަށް އިސްކަންދީ ކުށެއް ނެތް ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ބާރުއަޅަން ޖެހެއެވެ.

ވަކިވަކި ފަރުދުންގެ ޙައިސިއްޔަތުން ކޮންމެ ފަރުދަކަށްވެސް އެމީހަކު ދިވެހި ބަސް ބޭނުން ކުރާއިރު އެހެން ބަސްތަކާ މަސްހުނި ނުކޮށް ބޭނުން ކުރެވިދާނެއެވެ. އަދި ކޮންމެ މަޔަކަށް ވެސް އެމީހެއްގެ ދަރިއެއް ބަސްމޮށެމުން އަންނަ ދުވަސްވަރު ރީތި ޞަރީޙަ ދިވެހި ބަސް މުޚާތަބު ކުރުމުގައި ބޭނުން ކުރެވިދާއެވެ. ކުދިން އުޅެމުންދާ ގޭތެރޭގެ ވެށްޓަކީ ދިވެހިބަހާއި ރައްޓެހި ތަނަކަށް ހަދަންޖެއެވެ. މިހެން ހެދުމުގެ ސަބަބުން ދުވަހީ ދިރިއުޅުމުގައި ދިވެހިބަސް ބޭނުންކުރާ ތަން ދަނީ ފެންނަމުން އަދި އަޑު އިވެމުންނެވެ. މިހެންވުމުގެ ސަބަބުން އެކިއެކި އެއްޗެއްސަށް ކިޔާ ނަންތައް ކުދިންނަށް ދަސްވެގެންދާނެއެވެ. ވީމާ، ކުދިންނަށް މާދަރީބަސް ދަސްވެ، ބަހަށްދޭ ސަމާލުކަން އިތުރުވާނެއެވެ.

ކޮންމެ މުދައްރިއްސަކަށް ވެސް ދިވެހި ބަސް އުނގަންނައި ދިނުމުގައި ދަރިވަރުން ދިވެހި ބަހަށް ލޯބި ޖެހޭނެ ތަފާތު ޙަރަކާތްތައް ހިންގާ އެކުދިންނަށް ބަސް ދިރުވާ އާލާ ކުރުމުގެ މުހިންމުކަން ހާމަކޮށްދީ ކުދިން ކިޔާހިތްވާ ކަހަލަ ވާހަކަތައް ލިޔެވިދާނެއެވެ. ކުދިންނަށް ކިޔަވައިދޭ އެއްޗެހި މާދަރީބަހުން ބުނެދިނުމަކީ އެކުދިންނަށް އެ ކިޔަވައިދޭ އެއްޗެއް ފަސޭހައިން އަވަހަށް ދޭހަވާނެ ކަމެކެވެ. ވީމާ، ކުދިންނަށް މާދަރީބަސް ކިޔަވައިދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. މަދަރުސާތަކުގައި ކިޔަވައިދޭ ދިވެހި ގަޑިތައް ވާންޖެހޭނީ ކުދިން ބަހަށް ޝައުޤުވެރި ކުރުވުމަށްޓަކައި ހޭދަވާ ގަޑިތަކެއް ކަމުގައެވެ.

ސްކޫލުތަކަށް ނަޒަރު ހިންގައި ބަލާއިރު އެންމެ ފުރަތަމަވެސް އަޅައިގަންނަނީ ގަޑިތަށް ރޭވިފައިވާ ޓައިމްޓޭބަލަށެވެ. ދިވެހި މާއްދާއަށް ތިން ހަތަރު ގަޑި ދީފައި، އިނގިރޭސި މާއްދާއަށް ހަގަޑި ހަތްގަޑި ދީފައިވާ ތަނެވެ. މިފަދަ ގޮތްތަކަށް ކިޔަވައިދިނުމުގެ އުސޫލްތައް ބައްޓަންވެގެން ދިއުމީ ދިވެހި ބަހަށް ދަރިވަރުން ޝައުގުވެރިކަން އިތުރުވެގެންދާނޭ ކަމެއްތޯއެވެ؟ ނޫނެކެވެ. މިފަދަ ގޮތްތަކަށް ގަޑިތައް ރާވައި ހިންގުން ވެގެންދާނީ ދިވެހި ބަހަށް ދަރިވަރުން ފޫހިވެ އިނގިރޭސި ބަހަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފެދިގެން ހިނގައިދާނެ ކަމަކަށެވެ. ވީމާ ދިވެހި ބަހަކީ ދަރިވަރުން ކިޔަވާހިތްވާ މާއްދާއެއްގެ ގޮތުގައި ފަވާލުމަށްޓަކައި ކިޔަވައިދޭ ވައްޓަފާޅި ބަދަލްކުރަން ޖެހެއެވެ. ގަޑިތައް އިތުރު ކުރަންޖެހެއެވެ.

ދިވެހި ބަސް ދިރުވައި ދެމެހެއްޓުމަށްޓަކައި، ކުޑަކުދީންނަށް ޚާއްޞަ، ދިވެހި ކާޓޫނާއި ޑްރާމާ އަދި ތަމްސީލާއި ފިލްމު އުފެއްދުމުގެ މަސައްކަތް، މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވިދާނެއެވެ.

ދިވެހި ބަސް އުފެދި މިއަދާ ހަމަޔަށް ތަފާތު ތަރައްޤީ ތަކެއް އައިސްފައިވާކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންނަމަވެސް ބަވަނަވުމުގެ ސަބަބުން ދިވެހި ބަހަށް ތައުލީމީ ދާއިރާއިން ދޭ އަހައްމިއްޔަތުކަން ކުޑަވެ، ދިވެހީންގެ މެދުގައިވެސް ބަހުގެ ޝައުގުވެރިކަން ކުޑަވެ ބަސް ނެތިވެ ވަޅުޖެހެމުން ދާކަމުގެ ބިރުވަނީ ފެށިފައެވެ. އެހެންކަމުން ބަސް ދިރުވައި އާލާ ކުރުމަށް ދިވެހިބަހުގެ އެކެޑަމީއެއް އުފެދި އައުބަސްތަކެއް އުފައްދާ، ދިވެހި ދަރީން ދިވެހި ބަހަށް ލޯބި ޖެއްސުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ.

ބެލިފައިވާ ސައިޓްތައް
http://saruna.mnu.edu.mv/jspui/bitstream/123456789/1018/1/SAAMIYA%20ALI.pdf
http://educational-writings.blogspot.com/2016/10/blog-post.html
https://psmnews.mv/21505
https://psmnews.mv/21505
https://www.dhivehi.mv/language/
https://mihaaru.com/report/7261

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.