ހައްދުންމަތީ ގަމުގައި މި ދިޔަ ޖޫންމަހުން ފެށިގެން ހިންގަމުން އަންނަ ވިލާ ކޮލެޖް ކެމްޕަސް ރަސްމީކޮށް ހުޅުވައިފިއެވެ. ވިލާ ކޮލެޖުގެ ގަމު ކެމްޕަސް ހުޅުވައިދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ. ވިލާ ކޮލެޖް ގަމު ކެމްޕަސް ހުޅުވީ 29 ޖުލައި 2019 ވީ ހޯމަ ދުވަހު އެވެ.

ވިލާ ކޮލެޖުން ހިންގަމުން އަންނަ ބައެއް ކޯސްތައް މިހާރުވެސް ހިންގަމުން އަންނަ ވިލާ ކޮލެޖު ގަމު ކެމްޕަހަކީ މާލޭގައި ހިންގަމުންގެންދާ ވިލާ ކޮލެޖުގެ ފަރާތުން އަތޮޅު ތެރޭގައި ގާއިމުކުރި ހަތްވަނަ ކެމްޕަހެވެ. މި ކެމްޕަހުން ވިލާ ކޮލެޖުގައި ހިންގާ ޕްރޮގްރާމްތަކާއި ކޯސްތައް ގަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ގަމު ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ރަސްމީ ގެމައަށް ދިވެހި ސަގާފީ ވެދުމާ ދިއުމުގެ ހަރަކާތަކުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. ރަސްމީ ގެމައިގައި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރުގެ އިތުރުން ލ. އަތޮޅު ކައުންސިލްގެ ރައީސް ޢަބުދުﷲ ޝަރީފް، ގަމު ކައުންސިލްގެ ރައީސް މުޙަންމަދު ޝިޔާމް، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުޙައްމަދުގެ އިތުރުން ކެމްޕަސް މެނޭޖަރ ޠާހާ އަބޫބަކުރު ހިމެނިވަޑައިގަންނަވައެވެ.

ވިލާ ކޮލެޖް ގަން ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ރަސްމީ ގެމައަށް ސަގާފީ ވެދުމާ ދިއުމެއް އެރުވި – ފޮޓޯ: ވިލާ ކޮލެޖް ގަން ކެމްޕަސް

މި ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަރގެ އިތުރުން ގަމު ކައުންސިލްގެ ރައީސް މުޙަންމަދު ޝިޔާމާއި، ލ. އަތޮޅު ކައުންސިލްގެ ރައީސް ޢަބުދުﷲ ޝަރީފު ވާހަކަފުޅު ދެއްކެވިއެވެ. ރެކްޓަރގެ ވާހަކަފުޅުގައި ގަމުގައި މި ހުޅުވުނު ކެމްޕަހުގެ ކޯސްތަކުގައި ބައިވެރިވާނެ އެކަށީގެންވާ ޢަދަދެއްގެ ދަރިވަރުން ތިބިނަމަ މާލޭގައި ހިންގާ ކޯސްތައް މި ކެމްޕަހުގައި ވެސް ހިންގަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު – ފޮޓޯ: ވިލާ ކޮލެޖް ގަން ކެމްޕަސް

ގަމު ކައުންސިލްގެ ރައީސް މުޙަންމަދު ޝިޔާމުގެ ވާހަކަފުޅުގައި ވިލާ ކޮލެޖު ގަމު ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށާއި، ކޮލެޖަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ގަމު ކައުންސިލުން ދެއްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ. އަތޮޅު ކައުންސިލްގެ ރައީސް ޢަބުދުﷲ ޝަރީފުގެ ވާހަކަފުޅުގައި މި ކެމްޕަހުގައި ކިޔެވުމަށް އަތޮޅުގެ ރަށްރަށުން އަދި އެހެން އަތޮޅުތަކުން ވެސް ގަމަށް އަންނަން ބޭނުންވާ ދަރިވަރުން ގަމުގައި ތިބެވޭނެ ގޮތް ހޯދައިދިނުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވިލާ ކޮލެޖް ގަން ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ވިލާ ކޮލެޖް ގަން ކެމްޕަސް

ގަމު ކައުންސިލާއި އަތޮޅު ކައުންސިލް އަދި މި ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކުން ވިލާ ކޮލެޖް ގަމު ކެމްޕަސް ހިންގުމުގައި ކެނޑިނޭޅި ލިބެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ އެ ފަރާތްތަކަށް ވިލާ ކޮލެޖް ގަމު ކެމްޕަސް މެނޭޖަރ ޠާޙާ އަބޫބަކުރު ޝުކުރުއަދާކުރެއްވި އެވެ.

ވިލާ ކޮލެޖް ގަން ކެމްޕަސް މެނޭޖަރ ޠާހާ އަބޫބަކުރު – ފޮޓޯ: ވިލާ ކޮލެޖް ގަން ކެމްޕަސް

ގަމު ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަން-ފޮނަދޫ ސަރަހައްދުގައި ހުރި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، ގަމުގެ ބައެއް ކިޔަވާ ކުދީން ވެސް ބައިވެރިވިއެވެ.

ވިލާ ކޮލެޖު ގަން ކެމްޕަސް ރަސްމީކޮށް ހުޅުވުނުއިރު މި ވަގުތު އެ ތަނުގައި ދެ ކޯހެއްގެ ކިޔެވުން ކުރިޔަށް ދެއެވެ. އެއީ ސެޓިފިކެޓް ފޯ އިން އައިޓީ އާއި ސެޓިފިކެޓް ފޯ އިން ބިޒްނަސްއެވެ.

ސެޕްޓެމްބަރ 2019 ގައި ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާ އިން ނާސިންގ، ސެޓިފިކެޓް ފޯ އިން ފާމަސީ، ބެޗްލާ އޮފް ސަރީއާ އިން ލޯ، ފައުންޑޭޝަން އިން ލޯ އަދި ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތު މާކެޓިންގ (ޔޫކޭ) ހިމެނެއެވެ. މީގެ އިތުރުން ސެޓިފިޓި ފޯ އިން ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އޮޕަރޭޝަންސް ކޯސް ސެޕްޓޭމްބަރ މަހުގެ ކޯސްތަކުގެ ތެރޭގައި ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެ ކަން ހަމަޖެހޭނެއެވެ.

ލ. ގަމުގައި ވިލާ ކޮލެޖުގެ ގަމު ކެމްޕަސް ގާއިމު ކުރެވިފައި މިވަނީ ކުރިން ލ. ގަމު ތުނޑީ ސްކޫލް ހިންގި އަދި ފަހުން މަންދު ކޮލެޖު  ވެސް ހިންގި އިމާރާތުގައެވެ. ގަމު ކެމްޕަސް ހުޅުވުނުއިރު އެތަނުގައި ހަތަރު ކްލާސްރޫމާއި، ނާރސިންގ ލެބަކާއި ކޮމްޕިއުޓަރ ލެބެއްގެ އިތުރުން ފެންވަރު ރަނގަޅު ލައިބްރަރީއެއް ޤާއިމުކުރެވިފައިވެއެވެ.

ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދިނުމަށް އަމިއްލަ ފަރާތަކުން އެއްމެ ފުރަތަމަ ހުޅުވި އެއް ކޮލެޖެވެ. ވިލާ ކޮލެޖު ހުޅުވުނީ 2007 ވަނަ އަހަރުއެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ލ. ގަން ކައުންސިލް ރަސްމީ ވެބްސައިޓުން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ