މަރު ސާބިތު ކުރުމުގެ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ހާއްސަ މަސައްކަތެއް ފަށައި މަރުވުމަށް ދިމާވާ ސަބަބު ބަޔާންކޮށް މަރު ސާބިތުކުރުމާއި ބެހޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމުކުރައްވައިގެން 27 އަދި 28 ޖުލައިގައި ކުރިއަށް ގެންގޮސްފައިވާ މިތަމްރީން ޕްރޮގްރާމުގައިމާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ 80އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވިއެވެ.
މިތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންނަށް މަރު ސާބިތުކުރުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށްމަރު ސާބިތުކުރުމާއި މި މަސައްކަތް މޮނީޓަރ ކުރާނެ ގޮތާއި ބެހޭ ގޮތުން ތަމްރީން ދިނުމެވެ. މި ތަމްރީނު ދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ކަނޑައަޅުއްވާފައިވާ މިދާއިރާގެ މާހިރުންނެވެ.

މިތަމްރީން ޕްރޮގްރާމަށްފަހު، ދިވެހި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އަލަށް ވަޒީފާއަށް ނިކުންނަ ޑޮކްޓަރުންނަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ޑޮކްޓަރުންވެސް ހާއްސަކުރެވުނެވެ.
މީގެ އިތުރުން މަރު ސާބިތުކުރުމާ ބެހޭގޮތުން އުސޫލެއްވެސް އެކުލަވާލެވިފައިވާނެއެވެ. އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލާއި ގުޅިގެން، އަލަށް ތަމްރީން ކުރެވޭ ޑޮކްޓަރުންގެ މުޤައްރަރުގައި މި ތަމްރީން ހިމެނުމަށްވެސް ރޭވިފައިވެއެވެ.
މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން ކުރިއަށް މިގެންދެވޭ މަސައްކަތުގެ އަމާޒަކީ މަރު ސާބިތުކުރާ ހިސާބުން ފެށިގެން، ބަލިތައް ކޯޑު ކުރުމާއި ސިއްޙީ މައުލޫމާތު ދިރާސާ ކުރުމުގެ ފެންވަރު ރަގަޅު ކުރުމެވެ.
