މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޢަލީ ސީޒަން އަށް “ލޯބި ވެވިއްޖެ” ކަމަށް އޭނާ ބުނެފިއެވެ. ސީޒަންގެ ފޭސްބްކްގައި އިއްޔެ ޖަހާފައިވާ ސްޓޭޓަސްއެއްގައި ލިޔެލާފައިވަނީ “ލޯބި ވެވިއްޖެ”ކަމަށެވެ.

ސީޒަން އަށް ލޯބި ވެވުނީ ކާކުދެކެ ބާވައެވެ؟ ނުވަތަ ކޮން އެއްޗެއްދެކެ ބާވައެވެ؟ ސީޒަން އަށް ލޯބި ވެވުނުކަން މިހާ ހާމަކަން ބޮޑު ގޮތެއްގައި ހާމަކޮށްފައި އެވަނީ މިހާރު ސީޒަން ހަދަމުން ގެންދާ “އަނދިރިކަން” ފިލްމުގެ ޝޫޓިން ތެރެއިން އަނދިރިކަންތައްގަނޑެއް ހިނގައި ކުއްޖެއްދެކެ ލޯބިވެވުނީ ނޫންބާވައެވެ؟

ހައްތަހާވެސް ސުވާލެވެ. ޖަވާބު ހޯދައިލުމަށް ސީޒަން އަށް ގުޅައިލުމުންވެސް ބުނީ “ލޯބި ވެވިއްޖެ” ކަމަށެވެ. ލޯބި ވެވުނީ ކާކުދެކެހޭ، ކިހިނެއް ވެގެންހޭ ތިޔަ އުޅެނީ އަހައިލުމުން ސީޒަން ފެށީ ހޭށެވެ.

“މިއީ މިހާރު އަހަންނާ މާސްކޭ އާ ހަދަމުންގެންދާ ‘އަނދިރިކަން” ފިލްމުގެ މަސައްކަތުގެ ތެރެއިން “ލޯބި ވެވިއްޖެ”ގެ ނަމުގައި ހަދަން އުޅޭ ފިލްމެއް. މިއީވެސް އެސް ޕްރޮޑަކްޝަންސް އާ މާސްކޭ ސްޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމެއް. މިއީ މި ދެ ސްޓޫޑިއޯ އިން ހަދާ ދެވަނަ ފީޗާ ފިލްމު.” ސީޒަން އަށް ލޯބިވެވުނު ގޮތުގެ ތަފުޞީލު ދެމުން ބުންޏެވެ.

ސީޒަން އިތުރަށް ބުނީ ފިލްމު “ލޯބި ވެވިއްޖެ”ގެ ސްކްރިޕްޓާއި ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަކަމަށެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީގައި ކަމަށްވެސް ސީޒަން ބުންޏެވެ.

“ލޯބި ވެވިއްޖެ”ކަން ކިތަންމެހާވެސް ރަނގަޅަށް މިހާރު އެނގިއްޖެއެވެ. ސީޒަން އާއި މާސްކޭގެ “އަނދިރިކަން” ފިލްމުގެ ފުރަތަމަ ޝެޑިއުލް ޝޫޓިން ނިމިފައިވާއިރު، ފިލްމުގެ ނިމުނު ބައިތަކުގެ ޑަބިން މަސައްކަތްވެސް ވަނީ ފަށާފައެވެ.

އަނދިރިކަންް” ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ މަހު 22ގައެވެ.

އާއިލީ ޑްރާމާއެއް ދައްކައިދޭ މި “އަނދިރިކަންް” ފިލްމުގެ ލީޑުން ފެނިގެންދާނީ ސީޒަން، ޝީލާ ނަޖީބު އަދި އައިމިނަތު ރިޝްފާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި ޒީނަތު އައްބާސް ހިމެނެ އެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރުއެވެ. ކެމެރާކުރަނީ މާސްކޭ އެވެ. މޭކަޕްގެ މަސައްކަތް ކުރަނީ ޒީނަތު އައްބާސް އެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.