​‎‎މިއަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދިވެހި ރާއްޖޭގައި ހައްދުފަހަނައަޅާފައި ތިނި ބަޔަކު އުޅޭކަމެވެ. ދީނީގޮތުންނާ ލާދީނީގޮތުންނެވެ. ދީނީގޮތުންނޭ މިދަންނަވަނީ ދީނަށް ލޯބިކުރުމުގެ ނަމުގައި ދީނުގައި އަންގަވާފަައި ނުވާ ކަންކަން އެއީ އަންގަވާފައިވާ ކަންތައްތަކެއް ކަމަށް އަމިއްލައަކަށް ހަދައި، ހަރުކަށި އުސޫލުތަކެއް ގެންގުޅުމަށެވެ. ލާދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން، މިނިވަންކަމުގެ ނަމުގައި އަޅުގަނޑުމެން ހެއްދެވި އިލާޙާއި އެންމެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރުމެވެ. އިސްލާމް ދީނަކީ އެއްވެސް ގޮތަކަށް ހައްދުފަހަނައަޅާ ދިއުމަށް ގޮވާލާ ދީނެއް ނޫނެވެ. އެހެނީ ހައްދުފަހަނައެޅުމަކީ ފަސާދަ އުފެދޭނެ ކަމެކެވެ.

ދީނީ އިލްމުވެރިންގެ ތެރެއިން ހަރުކަށިކަމަށް ތާއީދުކުރާ އިލްމުވެރިއެއް އަޅުގަނޑަކަށް ނުފެނެއެވެ. އެހެންނަމަވެސް ޤްރުއާނާއި ރަސޫލާގެ ސުންނަތުން ވަކިގޮތަކަށް ކުރަން އަނގަވާފައި އޮތް ކަމެއް އަޅުގަނޑުމެނަށް ނުކޮށް ދޫކޮށްލުމަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެއެވެ. އެފަދަ ކަމެއް ކުރާކަށް ނުޖެހޭނޭ ކިޔައިގެން އަޅުގަނޑުމެންނަށް ވާހަކައެއް ނުދެއްކޭނެއެވެ. ސަބަބަކީ އެއްޗެއްގައި ޖެހޭނެ މައްސަލައާއި ބަލިކަށިވާނެ ދިމަދިމާ އެނގޭނީ އެ އެއްޗެއް ހަދާމީހާ އަށެވެ. އެހެންކަމުން އަޅުގަނޑުމެން އިންސާނުންގެ ހުރިހައިކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ ﷲ ތަބާރަކަ ވަތަޢާލާއަށް ކަމާމެދަކު އެއްވެސް ވަހުމެއް ނެތެވެ. އަޅުގަނޑުމެން އިންސާނުންގެ ނުކުޅެދުންތެރިކަން ހުރި ވަރަކީ ބޮލުން ފައިބާ އިސްތަށިކޮޅު ނުފައިބާނެ ގޮތެއް ނުހޯދިގެން އުޅުމެވެ. އިންސާނާ ޚަލްޤުކުރައްވައި ގެންގުޅުއްވާ އިލާހަށާއި އެކަލާންގެ ފޮނުއްވި މާތް ރަސޫލާއަށް ހަޖޫޖަހާ މީހުންނަށް އެވަރު ވޭހެއްޔެވެ؟ ސައިންސްވެރިން އެތަކެއް ދުވަހަކު މަސައްކަތުން ހޯދާ ހޯދުންތައް މީގެ އެތަކެއް ގަރުނެއް ކުރީން ކީރިތި ޤްރުޢާނުގައި އައިސްފައި ވެއެވެ.

‎ދިވެހީން މީގެ އެތައް ޒަމާނެއްކުރީން އިސްލާމްދީން ގަބޫލުކުރުމަށްފަހު މިއަދާ ހަމައަށް ވެސް ތިބީ އެގޮތުގައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވަރަށް ސަރީޙަ އިބާރާތުން ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމަށް ލިޔެފައިވެއެވެ. ހަމަ އެހެންމެ، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ވެސް މުސްލިމަކު ކަމުގައި ވާން ޖެހޭނެއެވެ.

ލާދީނީ ފިކުރު ފެތުރުމަށް ފެންބޮވައިގެންފައިތިބޭ އެވެރިން ބުނަނީ ދީނީ މިނިވަން ކަން ނޯނަވާހަކައެވެ. މި ދައްކާ ވާހަކައެއްގެ ދެކޮޅު ޖައްސަން ޚުދު އެވެރީންނަށްވެސް ނޭނގޭ ކަހަލައެވެ. އެވެރީން އަބަދުވެސް ބުނަމުން އަންނަނީ ޑިމޮކްރެސީއަކީ ރައްޔިތުންގެ މެޖޯރިޓީ އަށް ތަބާވުން ކަމަށެވެ. ކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގައި މިހާރުވެސް އިސްލާމް ދީން ނޫން ދީންތަކަށް ފުރުސަތުދޭން ސަތޭކައަކުން މީހަކުވެސް ތާއީދު ނުކުރާނެއެވެ. އެހެން ވީމާ އެބުނާ ޑިމޮކްރެސީއަކީ ޅެމުގެ މާނަ ޅެންވެރިޔާ ބަނޑުގައި އޮންނަ ގޮތަށް އެވެރީން ބަނޑުގައި އޮންނަ އެއްޗަކީ ކަމަށްވެސް ވެދާނެއެވެ.

ކުޑަވެސް ވަހުމެއް ނެތެވެ. ދިވެހީންގެ އެއްބައިވަންތަކަމާއި ދިވެހިންގެ އެކުވެރިކަންވެސް ގުޅިފައި ވަނީ އަޅުގަނޑުމެންގެ ދީނީ ތަފާތު ފިކުރު ނެތުމާއެވެ. މިއަދު ދުނިޔެ އެނބުރެމުން ގޮސް ކަނޑިބަޑިން ހަނގުރާމަ ކުރުން މަދުވެއްޖެއެވެ. މުސްލިމު ހުރިހާ ޤައުމެއް ނިކަމެތިކޮށްލަން އެވެރިން ބޭނުންކުރި ހަތިޔާރަކީ ޑިމޮކްރަސީއެވެ. އެ ބުނާ ޑިމޮކްރަސީގެ ދަށުން އެ ގައުމަކަށް އެންމެ އެކަށޭނަ ހަތިޔާރެއް ނަގާ އުސޫލުން މި ޤައުމަށް އެންމެ އެކަށީގެންވާ ހަތިޔާރަކީ ދީނީ މިނިވަންކަން ނެތްވާހަކަ ދެއްކުންކަމަށް އެވެރިން ނިންމާފައިވެއެވެ. އެވެރިން ދުނިޔޭގެ އެދުމަށް ފެންބޮވައިގެންފައި ތިބޭ ދިވެހީންނަކީ ކޮބައިކަން ހުނިޖަހައި ހޮވާފައި އެމީހުނަށް ދައްކާލަނީ ޑޮލަރެވެ. ދެން ބުނެދެނީ ކަން ކުރަންވާ ގޮތެވެ. ގައުމު ފުނޑުފުނޑު ވިޔަސް ޖީބު ފުރާލަދެއެވެ. މި ދެންނެވި ގޮތަށް ކަންކަން ތަރުތީބުވެފައި ނެތްނަމަ، ބާރަށް މީހަކު ހަޅޭއްލަވާލާ އިރަށް ބޭރު ކަރަކަރައަށް ގޮސް ބަނޑަހަ ޖަހައިގެން ނޫޅޭނެއެވެ. އެހެން ނޫންނަމަ، ލާދީނީ މީހުންގެ ހަންފެތުރުމާ ދެކޮޅަށް ސަރުކާރުން މިއަދު ފިޔަވަޅު އަޅައިފިއްޔާ އެފަދަ ފިޔަވަޅެއް ނޭޅުމަށް ސަރުކާރަކަށް ގޮވައެއް ނުލާނެއެވެ. މިކަންކަމަށް ވިސްނައިލުމުން، މިކަންކަމަކީ އިސްލާމްދީނުގެ އަދުއްވުންނާއި އެވެރީން ވަރަށް ބޮޑަށް ގުޅިގެން ކުރާކަމެއްގެ ގޮތުގައި ސިފަނުވޭ ހެއްޔެވެ؟

‎ގަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ދިވެހިން ގެ ތެރޭން 99.99 އިންސައްތަ ދިވެހީންނަކީ ދީނަށް ފުރައްސާރަ ކުރަންޏާ ލޭ ކެކޭނެ މީހުންނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ބަދުބަސް ބުނަންޏާ ލޭ ކެކޭނެއެވެ. ދީނަށް ބަދުބަސްބުނާ މީހުންނާ ދެކޮޅަށް މީހަކު އެއްޗެކޭމީހަކު ބުނާ އިރަށް، މިއަދު ކިތައް ނަމާދު ކުރިންތޯ އަހާ އިރު ނަމާދު ނުކުރުމާއި ޝިރްކު ކުރުމާ އެއްވަރު ވާނީ ކިހިނަކުން ތޯއެވެ. އަޅުގަނޑު މި ދަންނަވަނީ ދޮގެއްތޯ ބަލައިލަން މިހާރު މި ކިޔާ ގޮތަށް މަގުމަތީގައި އުޅޭ “ޕާޓޭ”އެއް ކައިރީގައި ވެސް މި ދެންނެވި ގޮތަށް އެއްޗެއް ބުނެބަލާށެވެ. ހަމަ ވަގުތުން އެ މީހާގެވެސް ލޭ ކެކޭނެއެވެ. ސަބަބަކީ އެމީހާގެ ހިތުތެރޭގައިވެސް އީމާންތެރިކަމުގެ ހުޅުކޮޅު ނުނިވި ހުރުމެވެ. ދިވެހީންގެ ދީނާއި ކުޅުނީމާ ލޭ ކެކެނީ ދިވެހިންގެ އަޤީދާއާ ދިވެހިންގެ ޝަގާފަތާއި އިސްލާމްދީނާއި ގުޅިލާމެހިފައި ވުމެވެ. އިސްލާމް ދީނަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނާ ހަވާލުކޮށްފައިވާ އެންމެ އަގުބޮޑު ރައުސުލްމާލެވެ. އެންމެ އަގުބޮޑު އަމާނާތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.