އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ބުނަމުން އައީ ފަޚުރުވެރިކަމާއެކުގައެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި އެއްވަރަށް މި ރާއްޖެއަކީ ސުލްޙަވެރި އަމާން ޤައުމެކޭ އަޅުގަނޑުމެންގެ ދޫތަކުން ބުނަމުން އައީ ވެސް ވަރަށް ފަޚުރުވެރިކަމާއެކުގައެވެ. ނަމަވެސް މިއަދު މިވަނީ އަޅުގަނޑުމެން ފަޚުރުވެރިވީ ހުރިހާކަމެއް ބަދަލުވެެފައެވެ. މީހަކު ރީތި ވަނީ އޭނާގެ ބޭރު ފުށުން ފެންނަ ރީތި ކަމަކުން އެކަނި ނޫން ކަން އެންމެން ވެސް ޤަބޫލު ކުރެއެވެ. ހަމަ އެފަދައިން މި ރާއްޖޭގެ ރީތިކަމަށް އަޅުގަނޑުމެންގެ ޢަމަލުތަކުން ވެސް އަސަރުކުރާނެކަން ޔަގީނެވެ. މި ދިވެހި މުޖުތަމަޢުގައި ހިނގަމުން މިދާ ހުރިހާ ކަމަކާއި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންގެ އަޚުލާގާއި މިވަނީ ގުޅި ލާމެހިފައެވެ. ދަރިންނަކީ މާތް ﷲ އަޅުގަނޑުމެންނާއި ޙަވާލު ކުރައްވާފައިވާ އަމާނާތަކަށް ވާއިރު އެ އަމާނާތަށް ރައްކާތެރި ވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެކެވެ.

އެއްބަޔަކު މަސްތުގެ ޙާލަތުގައި މަގުމަތީ ގުދަށް އޮންނައިރު، އަނެއްބަޔަކު ކުށެއް ނެތް އެތައްބަޔަކު މަރަމުން ދަނީއެވެ. ބަދުއަޚުލާގީ ޢަމަލުތަކާއި ޒިނޭ ކުރަމުން ދަނީ ރޯމާ ދުވާލު އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައެވެ. ފައިސާ ހޯދުމުގައި ޙަރާމެއް ޙަލާލެއް ބެލުމެއްނެތެވެ. މަކަރުވެރިކަމާއި، ހީލަތުން މީހުންގެ މުދާ ފޭރިގަންނަނީ ވެސް އެއްވެސް ބިރެއް ނެތިއެވެ. ފައިސާ ހޯދުމަށްޓަކައި ހަށިވިއްކައެވެ. މަސްތުވާތަކެތި ވިއްކައެވެ. މީހުން އެތަައް ބުރަމަސައްކަތެއް ކޮށްގެން ހޯދާ އަގުބޮޑު މުދާ ވަގަށް ނަގައިގެން އެ ވިއްކަމުން ދެއެވެ. މިހުރިހާ ކަމެއް މިހެން ހުރި އިރު ތިމާގެ ދަރިފުޅު ދޮންފުތު ކޮށްގެން ތިބެންވީ ތޯއެވެ؟ ތިމާގެ ދަރިފުޅު ކުށެއް ކުރިޔަސް ހަމަ “އޯކޭ” ވެގެން ތިބެންވީ ހެއްޔެެވެ؟ ދަރިފުޅު ދެކެ ލޯބި ވުމަކީ ކޮންމެ ގޮތަކަށް އުޅުމުގެ މިނިވަން ކަން ދިނުމެއް ނޫނެވެ. ކުޑައިރުއްސުރެ އެކުދިންނަށް ހެޔޮ ނުބައި ވިސްނައި ދޭންޖެހެއެވެ. އިސްލާމީ ތަރުބިއްޔަތަކުންނެވެ.

ކުށެއް ކުރުމުން އެކަން ކުއްވެރި ކުރާނެ ވަރަށް ގިނަ މީހުން ތިބޭނެއެވެ. ނަމަވެސް އެފަދަ ކުށެއް ކުރިޔަނުދީ ކުދިން ރައްކާތެރި ކުރަން ތިބީ ކޮންބަައެއްތޯއެވެ؟ ކަމެއް ގޯސްކޮށް ކުރެވުމުން އެއީ ހަމައެކަނި ގޯސް ކަމެކޭ ބުނުމަކުން ނުފުދެއެވެ. ގޯސްވީ ސަބަބާއި އިސްލާމްދީނުގައި އެކަން އޮންނަގޮތް އަންގައިދޭންޖެހެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީ ހިނދު ދީނުގައި އޮންނަ ގޮތް ބަޔާން ކޮށްދޭން ލަދުގަނެގެން ނުވާނެެއެވެ.

އާއްމު އަޚުލާގުގެ މިންގަޑާއި ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތައް ފެނެއެވެ. މަގުމައްޗަށް ކުނި އަޅާ ފަރާތްތަކެވެ. ސިގިރޭޓް ބޮއެފައި މީހުންގެ މޫނު މައްޗަށް ދުން ބުރުވާ ފަރާތްތަކެވެ. ހަޑިހުތުރު ބަސް ބޭނުންކޮށް މަގުމަތީގައި އަޑުގަދަކުރާ ފަރާތްތަކެވެ. އަޅުގަނޑުމެންގެ ކުޑަކުދީން ގޮވައިގެން މަގުމައްޗަށް ނުކުތުމުން ފެންނަ މިފަދަ ކޮންމެ މަންޒަރަކުން އެކުދިންނަށް ދަސްވާނީ ކޮން އެއްޗެއްތޯއެވެ؟ ކުއްޖާ ބޮޑުވެގެން އަންނަނީ އެފަދަ ހުރިހާ ކަމެއް ފެނިގެން ކަމަށް ވަނީނަމަ އެ ދެއްކެނީ ރަނގަޅު ނަމޫނާއެއް ނޫނެވެ. ދަރިފުޅަށް ފެނިދާނެތީ ނުވަތަ އެ ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ ގޭގައި ސިގިރޭޓް ނުބޮއި މަގުމައްޗަށް ނުކުންނަ ތަނުން ކޮންމެވެސް އެހެން ކުއްޖަކަށް އެ މަންޒަރު ފެނެއެވެ. ތިމާގެ ދަރިފުޅު ފަދައިން އެހެން މީހުންގެ ދަރިންނަކީވެސް ރައްކާތެރިކަން ލިބެންޖެހޭ ކުދިން ކަމުގައި ނުދަންނަނީ ހެއްޔެވެ؟

މިފަދަ ކިތަންމެ ކަމެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަހުއްޓެވެ. ނަމަވެސް މިކަންކަން ހުއްޓުވަން ގަދަ ހިތްވަރާއެކު މަސައްކަތް ކުރާނެ ބަޔަކު ނެތެވެ. ޤާނޫނުތަކާއި ޤަވާޢިދުތަކެއް ހެދިދާނެއެވެ. އެއަށް ޢަމަލު ކުރާ މީހުންނަން ވުރެން ގިނައީ އެއަށް އަމަލު ނުކުރާ މީހުންނެވެ. ޢަމަލު ނުކުރިޔަސް ކުރެވޭނެ ކަމެއް ވެސް ނެތެވެ. ދެވޭނެ އަދަބެއް ވެސް ނެތެވެ. އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަކީ ކުށްކުރާ މީހުންނަށް އަދަބު ނުލިބި އެ ކަން ކުށްވެރި ކުރާ މީހުންނަށް އަދަބު ލިބުންކަމުގައި މިއަދު ވެއްޖެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.