ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗު ފަސޭހަކަމާއި އެކު ޓީމު އަހުލީއިން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އަހުލީއިން ކާމިޔާބު ކޮށްފައި ވަނީ ޓީމު ޔުނިފޯމް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗު ކޮންޓްރޯލު ކޮށްގެން މޮޅަށް ކުޅެފައިވަނީ އަހުލީ ޓީމުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 5 ހަސަން ސަލީމެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައި ވަނީ ބޮޑު އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅައަކުންނެވެ. ދެވަނަ ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 9 އަހުމަދު ޝަރީފެވެ. ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ 68 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޒީ ނަންބަރު 19 މުހައްމަދު އައްސަދެވެ.

ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ
ޔުނީފޯމު ޓީމުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ ފަހު ހާފުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ޖޯޒީ ނަންބަރު 6 ހުސެއިން އަހުމަދެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހުލީ ޓީމުގެ ޖޯޒީ ނަންބަރު 5 ހަސަން ސަލީމެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށް ދެއްވީ މިއަދު މެޗުގެ ޝަރަފުވެރި މެހެމާނު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަބޫބަކުރު މުހައްމަދެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޓީމު ރިއަލް ސްޓާރސް އާއި ޓީމު ރޫހެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ
