ނަސަބުފުޅު
އަބޫބަކުރުގެ ފާނަކީ ޢަބްދުﷲ ބިން ޢުޘްމާން ބިން ޢާމިރު ބިން ޢަމްރު ބިން ކަޢުބު ބިން ސަޢުދު ބިން މުއްރަތު ބިން ކައުބު ބިން ޣާލިބު އަލްޤުރައިޝީ އައްތައިމީއެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނަށް ކިޔާ އުޅުނީ ޢަބްދުލްކަޢުބާއެވެ. އަބޫބަކުރުގެފާނުގެ ނަސަބުފުޅު މުއްރަތާ ހަމައިން ކީރިތި ރަސޫލާ صلى الله عليه وسلم ނަސަބުފުޅާ ގުޅެއެވެ. އަބޫބަކުރުފާނުގެ މައިކަނބަލުންގެ ނަންފުޅަކީ އުންމުލް ޚައިރު ސަލްމާ ބިންތު ޞަޚްރެވެ. މިކަމަނާއަކީ ބަނޫ ތައިމުގެ ބޭކަނބަލެކެވެ. އަބޫބަކުރުގެފާނު އުފަންވެވަޑައިގަތީ މީލާދީ ގޮތުން 573 ވަނަ އަހަރު މައްކާގައެވެ.

އަބޫބަކުރުގެފާނަށް الصديق ގެ ލަޤަބު ދެވުނީ ކީއްވެ؟

އަބޫބަކުރުގެފާނަކީ ޖާހިލިއްޔަ ޒަމާނުއްސުރެ ތެދުވެރިކަމުގައި މަޝްހޫރު ބޭކަލެކެވެ. އެ ޒަމާނުގައި ވެސް އެ ކަލޭގެފާނު އެއްވެސް ވަރަކަށް އިތުރުފުޅު ހައްދަވައި ނޫޅުއްވާ ކަމުގައިވެއެވެ. އެ ކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު ލިބިވަޑައިގަތީ ރަސޫލާ صلى الله عليه وسلم އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަށްފަހު ހިނގައި ދިޔަ ކަންތައްތަކަށް ފަހުގައެވެ. އެ ހާދިސާއަށްފަހު ބައެއް މުސްލިމުން ދީން ދޫކޮށްލިއެވެ. އަދި އަބޫބަކުރު رضي الله عنه އަށް ޤުރައިޝުން އިސްރާއާއި މިޢުރާޖުގެ ޚަބަރު ދިނުމުން އެކަލޭގެފާނު ވިދާޅުވިއެވެ. “އެ ކަލޭގެފާނު ތިޔަފަދައިން ޙަދީޘް ކުރެއްވި ކަމުގައިވަނީނަމަ އެކަލޭގެފާނު އެ ހަދީޘްކުރެއްވީ ތެދުފުޅެކެވެ.” އެ ބައިމީހުން ބުންޏެވެ. “އެކަލޭގެފާނު ރޭގަނޑު ބައިތުލް މަޤްދިސްއަށް ވަޑައިގަތުމަށްފަހު، ހެނދުނުވުމުގެ ކުރިން އެނބުރި ވަޑައިގަތްކަމަށް ބުނުމުން އެކަން ކަލޭގެފާނު ތެދުކުރައްވަނީ ހެއްޔެވެ؟” ފަހެ، އެ ކަލޭގެފާނު ވިދާޅުވިއެވެ. “އާދޭހެވެ. އެ ކަލޭގެފާނުގެ އަރިހުން ތިމަންކަލޭގެފާނު މިވަނީ އެއަށްވުރެ ބޮޑުކަމެއް ތެދުކޮށްފައެވެ. އެއީ އުޑުގެ ޚަބަރުތައް ދުވާލުގެ ކުރީކޮޅުގައި ނުވަތަ ދުވާލުގެ ފަހުކޮޅުގައި އެ ކަލޭގެފާނަށް ލިބޭކަމަށެވެ.” ދެންފަހެ، އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު ދެވުނެވެ.”

އަބޫބަކުރުގެފާނުގެ ސިފަފުޅުތައް

އެކަލޭގެފާނަކީ ހަމުގެ ކުލަ ހުދު އަދި ހިކި ބޭކަލެކެވެ. އަދި މޫނުފުޅުގެ ނާރުތައް ފެންނަން ހުރެއެވެ. އަދި ދެ ކޯފުޅުގައި އިސްތަށި މަދެވެ. އަދި ދެލޯފުޅު ހުންނަނީ ވަޅުވަދެފައެވެ. އަދި ނިތްކުރިފުޅު ފާޅުވެގެންވެއެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅު ބުޅިއެވެ. އެކަލޭގެފާނު ބޮޑުވެގެންއައީ ރިވެތި އަޚްލާޤުގެ މަތީގައެވެ. މިގޮތުން އެކަލޭގެފާނަށް ހެޔޮވިސްނުން ލިބިފައިވުމުން، ޖާހިލިއްޔަ ޒަމާނުގައި ވެސް އެކަލޭގެފާނު ބުދުތަކަށް އަޅުކަން ނުކުރައްވައެވެ. ރާވެސް ނުބޮއެވެ. އެކަލޭގެފާނު މަޝްހޫރު ވެފައިވަނީ ތަވާޟުޢުވެރި، ޒުހުދުވެރި ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނަކީ ޤުރައިޝުންގެ ބޮޑުންގެ ތެރެއިންވީ ބޭކަލެކެވެ. އެބައިމީހުންގެ ވިޔަފާރިވެރިންގެ ތެރެއިން ވިޔަފާރިވެރިއެކެވެ. އެބައިމީހުން ކަންކަމުގައި ލަފާ ހޯދާމީހުންގެ ތެރެއިންވީ ބޭކަލެކެވެ. އެ ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ލޯބި ލިބިވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނަކީ އެބައިމީހުންނަށް ނުހަނު އޯގާތެރި ބޭކަލެކެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި މަރުގެ ދިޔަ ނުދެއްކޭ މީހުންނަށް އެކަލޭގެފާނު އެހީތެރިވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަކީ ޤުރައިޝުންކުރެ އެންމެ ނަސަބު ރަނގަޅު އެއް ބޭކަލެވެ. އަދި މީގެ އިތުރުންވެސް މިފަދަ ފުރިހަމަ އެތައް އެތައްކަމެއް އެކަލޭގެފާނަށް ލިބިގެން ވެއެވެ.

އިސްލާމްވެ ވަޑައިގަތުން

ރަސޫލާ صلى الله عليه وسلم ރަސޫލު ކަމައިގެން ފޮނުއްވުމަށްފަހު ތިން އަހަރު ވާންދެން ދީނަށް ގޮވާލައްވައި އުޅުއްވީ ސިއްރިޔާތުގައެވެ. މި ދުވަސްތަކުގެ ތެރޭގައި އިސްލާމް ދީނަށް އެންމެ ފުރަތަމަ ރަސޫލާ صلى الله عليه وسلم ދަޢުވަތު ދެއްވި ބޭފުޅުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައި ގަންނަވައެވެ. މިދަޢުވަތާއެކު އެއްވެސް ދެކޮޅުވެރިކަމާއި، އެއްވެސް އުޒުރެއްނެތި އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތެވެ. އެކަމުގައި އެންމެ ވަގުތުކޮޅެއް ވެސް ފަސްޖެހުމެއް ނެތިއެވެ. އެހެންކަމުން ބޮޑެތި ފިރިހެނުންކުރެ އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރި ބޭކަލަކީ އަބޫބަކުރުގެ ފާނެވެ.

އަބޫބަކުރުގެފާނުގެ މާތްކަމާއި މަތިވެރިކަން

ރަސޫލާ صلى الله عليه وسلم އަށްފަހު މިދުނިޔެ ދުށް އެންމެ މާތް މަތިވެރި ބޭކަލަކީ އަބޫބަކުރުގެފާނުކަމާއި މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފެއް ނެތެވެ. މިގޮތުން ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު އަބޫބަކުރުގެފާނުގެ ޚަލީފާ ކަމުގައި، ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރާއި ތަފާތުވުމެއްނެތި ވެރިކަން ކުރެއްވުމަށް ގަދަ އަޅައި މަސައްކަތް ކުރެއްވިއެވެ. ޞަޙާބީންގެ ތެރެއިން އެންމެ ގިނައިން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އުޅުއްވީ އެކަލޭގެފާނެވެ. މިގޮތުން ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރު ހިނގާދިޔަ ބޮޑެތި ހާދިސާތަކުގައި ވެސް އެ ކަލޭގެފާނާއި އެކު އަބޫބަކުރުގެފާނު ހޭދަކުރެއްވިއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ހާދިސާތަކުގެ ތެރޭގައި މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ދަތުރުފުޅުގައި ނަބިއްޔާ صلى الله عليه وسلم އާއި އެކު އަބޫބަކުރުގެފާނު ބައިވެރިވެ ވަޑައިގެންނެވުން ހިމެނެއެވެ.

އަބޫބަކުރުގެފާނުގެ މާތްކަން ވާރިދުވެފައިވާ ނައްޞުތައް ވަރަށް ވެސް ގިނައެވެ. އޭގެ ތެރެއިން ޢަމްރު ބުން އަލްޢާޞްގެ އަރިހުން ޞަޙީޙު މުސްލިމުގައި ރިވާކުރައްވާފައިވެއެވެ.
أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، بَعَثَهُ عَلَى جَيْشِ ذَاتِ السَّلَاسِلِ، فَأَتَيْتُهُ فَقُلْتُ: أَيُّ النَّاسِ أَحَبُّ إِلَيْكَ؟ قَالَ: «عَائِشَةُ» قُلْتُ: مِنَ الرِّجَالِ؟ قَالَ «أَبُوهَا» قُلْتُ: ثُمَّ مَنْ؟ قَالَ: «عُمَرُ» فَعَدَّ رِجَالً
މާނައީ: ރަސޫލުﷲ صلى الله عليه وسلم ޛާތުއްސަލާސިލުގެ ލަޝްކަރުގައި އެކަލޭގެފާނު ފޮނުއްވިއެވެ. ފަހެ، ތިމަންކަލޭގެފާނު (ނަބިއްޔާ صلى الله عليه وسلم ގެ) އަރިހުގައި ދެންނެވީމެވެ. މީސްތަކުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިވެވަޑައިގަންނަވަނީ ކާކު ދެކެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޢާއިޝާއެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. ފިރިހެނުންގެ ތެރެއިން ކޮން ބޭކަލެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެކަމަނާގެ ބައްޕާފުޅެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. ދެން ކޮން ބޭކަލެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޢުމަރެވެ.” ދެން އެއަށްފަހުގައިވެސް ބޭކަލުންތަކެއްގެ ނަން ޛިކުރުކުރެއްވިއެވެ.

ޚަލީފާކަމުގެ ބައިޢަތު ހިއްޕެވުން

ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން އެޚަބަރު މަދީނާގައި ފެތުރިގެން ދިޔައެވެ. އަދި މީސްތަކުންގެ ތެރެއިން ބައެއްމީހުން އެ ޚަބަރު ތެދުކުރިއިރު އަނެއް ބަޔަކު އެ ޚަބަރު ދޮގުކުރިއެވެ. އެކަލޭގެފާނަށް އެ ޚަބަރު ލިބިވަޑައިގަތުމުން ސަވާރީއަށް އަރާވަޑައިގެން ޢާއިޝާ رضي الله عنها ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ދެން ފަހެ، އިޛުނަ ހޯއްދަވާ އެތެރެއަށް ވެދެވަޑައިގެންނެވިއިރު ނަބިއްޔާ صلى الله عليه وسلم ގެ ހަށިކޮޅުވަނީ ނިވާކުރައްވާފައެވެ. ފަހެ، އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ މަތިން އަޅާފައިވާ ފޮތިގަނޑު ކަޝްފުކުރައްވާ އެކަލޭގެފާނަށް ބޮސްދެއްވިއެވެ. ދެން އެއަށްފަހު މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެން ރަސޫލާ صلى الله عليه وسلم އަވަހާރަވެއްޖެ ކަން މީސްތަކުންނަށް ކަށަވަރު ކޮށްދެއްވިއެވެ.

މިހާހިސާބުން މުސްލިމުންގެ ތެރެއިން ދެން ވެރިޔަކަށް އިސްކުރައްވާނީ ކޮންބޭކަލެއްތޯ، ނުވަތަ އެކަމުގައި ޢަމަލު ކުރައްވާނެ ގޮތެއް ކަނޑައަޅަން މުސްލިމުންނަށް ޖެހުނެވެ. ދެން މިކަމުގައި ގޮތެއް ނިންމެވުމަށް މުހާޖިރުންނާއި އަންޞާރުން މަސްވަރާކުރެވުނެވެ. މިމަސްވަރާގައި ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުމެއް ކުރިމަތިވީ ކަމުގައިވެއެވެ. އަންޞާރުން ހުށަހެޅުންވީ ދެބައިމީހުންކުރެ ކޮންމެ ބަޔަކުން ބޭކަލަކު ނެންގެވުމަށެވެ. ނަމަވެސް އެކަމަށް އެންމެ ޙައްޤުކަން ބޮޑީ ޤުރައިޝުންނަށް ކަން އަބޫބަކުރު رضي الله عنه ބަޔާންކޮށްދެއްވިއެވެ. އެއީ އެފަދައިން ވާރިދުވެފައިވާ ޙަދީޘްތައް ހުރުމުންނެވެ. މިގޮތުން އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. لاَ يَزَالُ هَذَا الأَمْرُ فِي قُرَيْشٍ مَا بَقِيَ مِنْهُمُ اثْنَانِ މާނައީ: “މިކަން (އެބަހީ: އިސްލާމީ ޚިލާފަތު) އޮންނަން ޖެހޭނީ ޤުރައިޝުންގެ ތެރޭގައެވެ. އެއީ އެމީހުންގެ ތެރެއިން އެންމެ ދެމީހުން ބާކީ ތިއްބަސްމެއެވެ.” އަބޫބަކުރުގެފާނު މިކަން ބަޔާންކޮށްދެއްވުމުން އަންޞާރުން މިކަން މުޙާޖިރުންގެ މައްޗަށް ދޫކޮށްލެއްވުމުން އަބޫބަކުރުގެފާނު ދެ ބޭކަލެއްގެ ނަން ހުށަހެޅުއްވިއެވެ. އެއީ ޢުމަރާއި އަބޫ ޢުބައިދާ رضي الله عنهما އެވެ. އުމަރުގެފާނު މިކަމަށް އިންކާރުކުރައްވައި ވިދާޅުވި ބަސްފުޅުގެ މާނާގައި ވެއެވެ. ” ތިމަންމެން ބައިޢަތު ހިފާނީ ކަލޭގެފާނަށެވެ. ފަހެ، ކަލޭގެފާނަކީ ތިމަންމެންގެ ސާހިބާއެވެ. އަދި ތިމަންމެންގެ އެންމެ ހެޔޮމީހާއެވެ. އަދި ތިމަންމެންގެ ތެރެއިން ﷲ ގެ ރަސޫލާ صلى الله عليه وسلم އެންމެ ލޯބިވެވޮޑިގަންނަވާ ބޭކަލެވެ.” ދެން އެޔަށްފަހު އުމަރުގެ ފާނާއި މީސްތަކުން އަބޫބަކުރުގެފާނަށް ބައިޢަތު ހިއްޕެވިއެވެ.

ވިދިގެން އައި ދުވަހު އަލްމަސްޖިދުއް ނަބަވީގައި އަބޫބަކުރުގެފާނުގެ އަތްޕުޅުގެ މައްޗަށް އާންމު ބައިއަތު ހިފުން އޮތެވެ. އެދުވަހަކީ 13 ރަބީޢުލްއައްވަލް، ހިޖުރައިން 11 ވަނަ އަހަރުއެވެ. އެއަށްފަހު އެކަލޭގެފާނު މުސްލިމުންގެ ކުރިފުޅުމަތީ ވަރަށް އިބުރަތްތެރި އަސަރުގަދަ ތަޤުރީރެއް ދެއްވިއެވެ. އެތަޤުރީރުގައި އެކަލޭގެފާނު ފާހަގަ ކުރެއްވި ކަންކަމަކީ މިއަދު އިސްލާމީ އުންމަތަށްވެސް ބޭނުންތެރިކަން ބޮޑުކަންކަމެވެ. ވުމާއިއެކު އެޚުތުބާ މިތާގައި ބަޔާންކޮށްލާނަމެވެ.

އެކަލޭގެފާނު ދެންނެވިއެވެ. އޭ މީސްތަކުންނޭވެ! މާތްﷲ ގަންދެއްވަމެވެ. އަހަރެންގެ ހިތުގައި ވެރިކަމުގެ އެއްވެސް އެދުމެއް ނެތެވެ. އަހަރެން ފާޅުގައިވެސް އަދި އެކަނި ސިއްރުން އިނދެވެސް މާތްﷲ ގެ ހަޟްރަތަށް އެކަމަށް އެދި ދުޢާ އެއްވެސް ނުކުރަމެވެ. އަހަރެންގެ ހިތުގައި ވެރިކަމާއިމެދު ކުޑަވެސް ޝައުޤުވެރިކަމެއް ނެތެވެ. އެކަމަކު ފަހަރެއްގައި މިކަންތައް ބޮޑު ފިތުނައަކަށް ވެދާނެތީ، އަހަރެން ބިރުގަތީއެވެ. އެ ސަބަބާހުރެ މިބުރަ މައްސޫލިއްޔަތު އުފުލާން އަހަރެން ތައްޔާރުވީއެވެ. މިއީ އަހަންނަށް ކުޑަވެސް އުފަލެއް ލިބޭނެކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މިއީ އަހަރެންގެ ކޮނޑުގައި އެޅުނު ނުއުފުލޭ ފަދަ ބުރައެކެވެ. މާތް ﷲ ގެ ނަޞްރާއި ހެޔޮ ތަޢުފީޤާނުލައެއް އަހަންނަކަށް މިވާޖިބު އަދައެއް ނުކުރެވޭނެއެވެ. މިމައްސޫލިއްޔަތު އުފުލުމަށް އަހަންނަށްވުރެ ޤާބިލު އެހެންމީހަކާ މިކަން ހަވާލުކުރެވުނުނަމަ، އަހުރެން މާބޮޑަށް ހިތްހަމަޖެހުނީހެވެ.

އޭ މީސްތަކުންނޭވެ! ތިޔަބައި މީހުންގެ ވެރިކަން އަހުރެންނާއި ހަވާލުކުރެވިއްޖެއެވެ. އެކަމަކު އަހަރެންނަކީ ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހާއެއްނޫނެވެ. އަހަރެން ރަނގަޅަށް ކަންތައްކުރާނަމަ، އަހަންނާއި އެހީތެރިވެ ވާގިވެރިވެދޭށެވެ. އަހަރެން ނުބައިކޮށް ކަންތައް ކުރާނަމަ އަހަރެން އިސްލާހުކޮށް މަގަށް އަޅުވާށެވެ.

ތެދުވެރިކަމަކީ އަމާނާތެކެވެ. ދޮގުހެދުމަކީ ޚިޔާނާތެކެވެ. މާތްﷲ ގެ ވާގިފުޅާއެކު އަހަރެން އެމީހެއްގެ ހައްޤު އެމީހަކަށް ލިބިދީފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެންމެ ނިކަމެތި މީހާއަކީ އަހަރެންގެ ގާތުގައި އެންމެ ގަދަފަދަ މީހާއެވެ. ތިޔަބައިމީހުންކުރެ އެންމެ ގަދަފަދަ މީހާގެ އަތުން އޭނާ އެހެން މީހުންނަށް ދޭންޖެހޭ ހައްޤު އަތުލައިދީފުމަށް ދާންދެން، އެމީހަކީ އަހަރެންގެ ގާތުގައި އެންމެ ބަލިކަށި ނިކަމެތި މީހާއެވެ.

މާތްﷲ ގެ މަގުގައި ޖިހާދުކުރުން ހުއްޓާލައިފި ޤައުމެއް، އެކަލާންގެ ދެރަ ނިކަމެތި ބައެއްކަމުގައި ލައްވާނެއެވެ. އެބައެއްގެ ތެރޭގައި ޒިނޭކުރުން އާންމުވެއްޖެ ބައެއްގެ ތެރޭގައި، މާތްﷲ ބަލިމަޑުކަން އާންމު ކުރައްވާނެއެވެ.

އަހަރެން މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށް ކިޔަމަންވާހާ ހިނދަކު ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާށެވެ. އަހަރެން މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށް އުރެދިއްޖެނަމަ، އަހުރެންނަށް ކިޔަމަންވުމެއް ތިޔަބައިމީހުންގެ މައްޗަކަށްނެތެވެ.

ޚާލީފާކަމުގައި ހިނގާފައިވާ މުހިންމު ބައެއް ހާދިޘާތައް

މުރުތައްދުވީމީހުން ނުވަތަ ރަސޫލުކަމަށް ދަޢުވާކުރިމީހުންނާއިމެދު ކަންކުރެއްވިގޮތް
ރަސޫލާ صلى الله عليه وسلم އަވަހާރަވުމާއި އެކު މުޅި އިސްލާމީ އުންމަތަށް ޖެހުނު އެންމެ ބޮޑުފިތުނައަކީ ރަސޫލުކަމަށް ދަޢުވާކޮށް ނުކުތް މީހުންނާއި އަދި މިނޫންވެސް ގޮތްގޮތުން ދީންދޫކޮށްލި މީހުންނާއި، ޒަކާތްދިނުމުން މަނާވެގަތް މީހުންގެ ފިތުނަތައް ފާޅުވެގަތުމެވެ. މިކަންތައް ފެށިގެން އައިސްފައިވަނީ ނަޖްދުކަރައާއި ޔަމަނު ކަރައިގެ މީހުންނާއި ސަހަރާގައި ދިރިއުޅޭ ބައެއް ޤަބީލާތަކުގެ މީހުންގެ ތެރެއިންނެވެ. މިކަމުން އެނގި ހާމަވެގެން ދަނީ އިސްލާމްދީން މައްކާއާއި މަދީނާ އަދި ޠާއިފްގައި މެނުވީ ފުރިހަމައަށް އަށަގަނެފައިނުވާކަމެވެ. ކުރިން އިޝާރާތްކުރެވި ދިޔަ ޤަބީލާތަކުގައި ފުރިހަމައަށް އިސްލާމްދީން އަށަގަނެފައިނުވުމުގެ ސަބަބުން މި ފިތުނަތައް ފާޅުވެގެން ދިޔައެވެ. މިފިތުނަތައް ފާޅުވެގެން ދާން މެދުވެރިވި ސަބަބުތަކަށް ބަލާލާއިރު ޤަބީލާތަކުގެ ވެރިކަމާއި ޒަޢާމަތާއި ރިޔާސަތަށް ލޯބިކުރުން އެބައިމީހުން ގައިގައި އިތުރުވުމާއި، އެބަޔަކު ނިސްބަތްވާ ޤަބީލާއަށް އޮންނަ ލޯބި އިތުރުވުމުގެ އިތުރުން އެޤަބީލާތައް މީހުންގެ މެދުގައި މަޝްހޫރުވެގެން ދިޔުމަށް އެދުމާއި، މުދަލަށް ހުރި ދަހިވެތި ކަމުގެ ސަބަބުން ޒަކާތްދިނުންފަދަ ކަންކަމަށް އިންކާރުކުރެވުން ފަދަ ސަބަބުތައް ހިމެނެއެވެ.

މުރުތައްދުވެ ރަސޫލުކަމަށް ދަޢުވާކުރި މީހުންގެ ތެރޭގައި ހިމެނޭ ޠަލީހަތު ބުން ޚުވައިލަދު އަސްދީއަކީ އަސަދުވަންހައިގެ ވެރިމީހާއެވެ. މިނާވެސް ވަނީ ރަސޫލުކަމަށް ދަޢުވާކޮށް އެތައް ބަޔަކު މަގުފުރައްދާފައެވެ. މީނާއަށް ތަބާވީ މީހުންގެ ތެރޭގައި އަސަދު ވަންހައިގެ މީހުންނާއި ޠައްޔުވަންހައިގެ މީހުން ހިމެނެއެވެ. މީނާއާއި ހަނގުރާމަ ކުރެއްވުމަށް އަބޫބަކުރުގެފާނު ލަސްކަރެއް ތައްޔާރުކުރައްވައި އެލަސްކަރުގެ ކޮމާންޑަރަކަށް ޚާލިދުބުން ވަލީދު ލައްވައި ފޮނުއްވައި ހަނގުރާމަކޮށް އެބައިމީހުން ބަލިކޮށް ނެތިކޮށްލިއެވެ.

ރަސޫލުކަމަށް ދަޢުވާކުރި މީހުންގެ ތެރޭގައި މުސައިލަމަތުލްކައްޒާބް ވެސް ހިމެނިވަޑައި ގަންނަވައެވެ. މީނާއަކީ ޔަމާމާގެ ހުނެއިފަތު ވަންހައިގެ މީހެކެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހުމުގެ ޚަބަރާއިއެކު މީނާވެސް ނަބީކަމަށް ދަޢުވާކުރަން ފަށައިފިއެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެން ޚިލާފަތުގެ ކަންކަން އަބޫބަކުރުގެފާނާއި ހަވާލުކުރެވުމާއިއެކު، އަބޫބަކުރުގެފާނު މިމީހުންނާއި ހަނގުރާމަކުރެއްވުމަށް މުސްލިމުގެ ތެރެއިން އިކްރިމާ ބުން އަބޫޖަހުލު އިސްކުރައްވައި ފުރަތަމަ ލަސްކަރު ފޮނުއްވިއެވެ. އަދި އެޔަށްފަހު ދެވަނަ ލަޝްކަރެއް، ސަރްޚަބީލް ކޮމާންޑަރަކަށްލައްވައި ފޮނުއްވިއެވެ. އަދި ފުރަތަމަ ފޮނުވި ލަޝްކަރަށް ދެވަނަ ލަޝްކަރު ފުރަތަމަ ލަޝްކަރާއި ނުގުޅެނީސް ހަނގުރާމަ ނުފެށުމަށް އެންގިއެވެ. ނަމަވެސް ފުރަތަމަ ދިޔަ ލަޝްކަރު ޝަރަފު ހޯދުމުގެ މަޤުޞަދުގައި ދެވަނަ ލަޝްކަރު އެބައިމީހުންނާ ނުގުޅެނީސް ހަނގުރާމަފެށުމުން މުސްލިމުން ކާފަރުން އަތުން ބަލިވެގެންދިޔައެވެ. އެކަމާ އަބޫބަކުރުގެފާނު ކޯފާއިސްކުރައްވައި ޚާލިދުބުން ވަލީދު އެތަނަށް އިސްލާމީ ލަޝްކަރައިގެން ފޮނުވާ އެބައިމީހުން ބަލިކުރައްވައި މުސްލިމިންނަށް ނަޞްރު ހޯއްދަވައި ދެއްވިއެވެ.
ނޯޓް: އިސްވެ ބަޔާންވެގެން އެދިޔައީ ރަސޫލުކަމަށް ދަޢުވާކޮށް މުރުތައްދުވީ ބައެއް މީހުންގެ ވާހަކައެވެ. މިފަދަ އެތައްބަޔަކު އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ފާޅުވެގެން ދިޔައެވެ.

ކީރިތި ޤުރުއާން ޖަމްޢުކުރެއްވުން

ކީރިތި ޤުރުއާން ޖަމްޢުކޮށް އެއް ފޮތެއްގެ ސިފައިގައި ލިޔުއްވުމަކީ، އަބޫބަކުރު رضي الله عنه ކުރެއްވި ކަންކަމުގެ ތެރެއިން އެންމެ މަތިވެރި މަސައްކަތްޕުޅެވެ. ކީރިތި ޤުރުއާން އެއް ފޮތެއްގެ ސިފައިގައި ޖަމްޢު ކުރެއްވުމުގެ ވިސްނުންފުޅަކީ އުމަރުގެފާނުގެ ވިސްނުންފުޅެކެވެ. މިކަމުގެ މުހިންމުކަން އުމަރުގެފާނަށް ވިސްނުމުގެ ސަބަބަކަށްވީ ޔަމާމާ ހަނގުރާމާގައި މުސްލިމުންގެ ތެރެއިން ގިނަ އަދަދެއްގެ ޤުރުއާން ހިތުދަސް ބޭފުޅުން ޝަހީދުވުމާއި ގުޅިގެންނެވެ. ދެން އުމަރުގެފާނު އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން މިވާހަކަދެންނެވިއެވެ. ނަމަވެސް ފުރަތަމަ އަބޫބަކުރުގެފާނު އެކަމަށް އިންކާރު ކުރައްވައި ވިދާޅުވިއެވެ. ﷲގެ ރަސޫލާ ނުކުރައްވާ ކަމެއް ތިމަން ކުރައްވާނީ ކިހިނެއްތޯއެވެ؟ ނަމަވެސް އުމަރުގެފާނު އެކަމުގެ މުހިންމުކަން ބަޔާންކޮށްދެއްވުމުގައި ދެމިހުންނެވިއެވެ. ދެން ﷲ ތަޢާލާ އަބޫބަކުރުގެފާނުގެ ހިތްޕުޅަށް މިކަމުގެ ހެޔޮކަން ވައްދަވައިދެއްވުމުން އެކަމާއި އެއްބަސްވެ ޒައިދުގެފާނު ގެންނަވައި ޤުރުއާން ޖަމްޢުކުރެއްވުމުގެ މަސައްކަތް ހަވާލުކުރެއްވިއެވެ. ދެން އެޔަށްފަހު ކީރިތި ޤުރުއާން ޖަމްޢުކުރުމަށްޓަކައި މަސައްކަތް ފައްޓަވައި ލަކުޑިއާއި ގެރިބަކަރީގެ ހަމާއި ކަދުރުގެ އޮށިއޮށި ގަނޑާއި ކަށިގަނޑުގަނޑާއި ހިލަތަކުގައި ލިޔެފައިވާ ބައިތަކާއި މީސްތަކުން ހިތްޕުޅުން ދަސްކުރައްވާފައިވާ އާޔަތްތައް ހޯއްދަވާ ޖަމްޢުކުރެއްވިއެވެ. އެއަށްފަހު މުޅި ޤުރުއާން އެއް ފޮތެއްގެ ސިފައިގައި ލިޔެ ޖަމްޢުކޮށް އަބޫބަކުރުގެފާނުގެ އަތްޕުޅަށް އެރުވިއެވެ. އެކަލޭގެފާނު އަވަހާރަވާންދެންވެސް އެމުޞްޙަފް އޮތީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ.

އަވަހާރަވުން

ހިޖުރައިން 13 ވަނަ އަހަރު ޖުމާދިލްއާހިރާ މަހު އަބޫބަކުރުގެފާނަށް ހުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅުބޮޑުވެ އެކަލޭގެފާނުގެ އަޖަލު ޖެހިއްޖެކަމަށް ހީފުޅުވުމުން އެކަލޭގެފާނު އަވަހާރަވުމުން އުންމަތުގެ ވެރިކަންކުރާނެ ފަރާތެއް ކަނޑައަޅުއްވަން ނިންމެވިއެވެ. އެއީ އެގޮތަށް ކަންތައް ނުކުރެވިއްޖެނަމަ މުސްލިމުން ބައިބައިވެ ހިނގައިދާނެކަމުގެ ބިރައްޓަކައެވެ. ދެން އަބޫބަކުރުގެފާނު އަޞްހާބުބޭކަލުންނާ މަސްވަރާކުރެއްވުމަށްފަހު އެކަމަށް އުމަރުގެފާނަށް ވަޞިއްޔަތް ކުރެއްވިއެވެ.

މިފަނާކުރުވަނިވި ދުނިޔެއާއި އެކަލޭގެފާނު އަލްވަދާޢު ވިދާޅުވީ ހިޖުރައިން 13 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހުގެ ބާވީސްވީ ހޯމަވިލޭރޭ (22 އޯގަސްޓް 634މ ދުވަހުގެރޭ) ގެ މަޣްރިބް ނަމާދާއި އިޝާނަމާދާއި ދެމެދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 63 އަހަރުފުޅެވެ. ޚަލީފާކަން ކުރައްވާފައިވަނީ 2 އަހަރާއި 3 މަހާއި 10 ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ ކީރިތި ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.