ދުނިޔޭގެ ބޮޑެތި ބާރުތަކުން އަބަދުވެސް އިސްލާމީ ޤައުމުތަކަށް ހެވެއް ނޭދެއެވެ. މުސްލިމުންނާއި ދޭތެރޭ އެމީހުން ކަންތައް ކުރަމުން ދިޔައީ ވަރަށް އިހާނެތިކޮށެވެ. ވަރަށް ރަޙުމް ކުޑަކޮށަވެ. އެއްވެސް އިންސާނިއްޔަތު ކަމެއްގެ ކަންފުޅެއް ވެސް ނެެތެވެ. މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ނަގައިލުމަށް، މޮޅެތިހާ ރޭވުންތައް ރާވަމުން ދިޔަ ބޮޑެތި ބާރުތައް މިހާރު ކޮބައިހެއްޔެވެ؟ އާނއެކެވެ. މިއަދު އެ ޤައުމުތަކުން އިވެނީ ރުއިމުގެ އަޑެވެ. ބިރުވެރި، ނުތަވަސްކަމުން އެޤައުމުތަކުގެ ވެރިން ތިބީ މާާޔޫސްވެފައެވެ.

ކުޑަކުޑަ ވައިރަސް އަކުން، ދުނިޔޭގެ ބާރުތައް ކަމަށް ބުނެ ދައުވާ ކުރަމުން ދިޔަ ޤައުމުތައް ބަލިކަށިކޮށްލައިފިއެވެ. އެމެރިކާ، ޗައިނާ، އިސްރާއީލް އަދި އިންޑިއާ ފަދަ ޤައުމުތައް މިއަދު އޮތީ ކޮން ހާލެއްގައި ހެއްޔެވެ؟ އެމެރިކާ އަޑީގައި އޮވެގެން، އެކި ޤައުމުތަކުގެ މަސްލަހަތު ނަގައިލައި، އެ ޤައުމުގެ ސިފައިން މެރިހާ މުސްލިމުންގެ އަދަދު ގުނާ އަދަދު ނުކުރެވޭނެއެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ލޯތަކުން މިފެންނަނީ ކޮން މަންޒަރެއްތޯއެވެ! 

އެތައް ހާހުން އެމެރިކާގައި މީސްތަކުން މަރުވެގެން ކަށްވަޅުތަކަށް އަޅަމުން ދަނީއެވެ. މުޅި އެމެރިކާ އޮތީ ބިރެއްގެ ފައްތަރެއްގައެވެ. އެ ޤައުމުގައި މުސްލިމު އެތައް ބަޔަކު މަރަން ބޭނުން ކުރި ބަރު ހަތިޔާރުތައް މިއަދު ކޮބައިބާއެވެ؟ އެ ހަތިޔާރު ތަކުން އެމީހުންގެ ހާލަތު މިއަދު ބަދަލު ކުރެވޭނެ ހެއްޔެވެ؟ ކޮރޯނާ އާއި ދެކޮޅަށް ރޮކެޓު ހަމަލާތައް ދޫކޮށްލައިގެން، އެ ޤައުމު ސަލާމަތް ވެވެން އެބައޮތް ހެއްޔެވެ؟ މުޅިން ވެސް ސުވާލުތަކެވެ. ވިސްނައިފި ކޮންމެ މީހަކަށް އެތައް ޢިބުރަތްތަކެއް ލިބޭނެކަން ކަށަވަރެވެ. 

ސީރިޔާ، ފަލަސްތީން، ލުބްނާން އަދި އިރާޤު ފަދަ ޤައުމުތަކުގައި ތިބި މުސްލިމުން އަޚުންނާއި އުޚުތުން ވަރަށް ހިތާމަ ކޮށްފިއެވެ. ވަރަށް ގިސްލައި ރޮއެފިއެވެ. އެ އަޑު އިވުނު ޤައުމެއް ނެތެވެ. އެ ޤައުމުތަކުގައި ތިބި ކުޑަކުދިންނަށް ވަނީ އެތައް ހައްޤެއް ގެއްލިފައެވެ. ދިރިއުޅުމާއި މެދު އެބައިމީހުން އެ ތިބެނީ މާޔޫސްވެ، ގޮތް ހުސްވެފައެވެ. މިފަދަ ޤައުމުތަކުގެ ހާލަތައް ވިސްނައިލާފައި، އަޅުގަނޑުމެން ދިވެހިންގެ މިއަދުގެ ހާލަތަށް ވިސްނާލާށެވެ. 

މުސްލިމުން ޤައުމުތަކުގައި ތިބި ކުޑަ ކުދިންނަށް ސުކޫލުތަކަށް ގޮސް ކިޔެވުމުގެ ފުރުޞަތެއް ނެތެވެ. މިއަދު އަޅުގަނޑުމެން ޤައުމުގައި ތިބި ކިޔަވާ ކުދިންނަށް ސުކޫލުތަކަށް އެބަ ދެވޭ ހެއްޔެވެ؟ ސީރިޔާ ގައި އެތައް ބަަޔަކު ގެއިން ބޭރަށް ނުކުންނަން ޖެހިލުންވެއެވެ. ހުއްޓުމެއް ނެތި އިވެމުންދާ ހަމަލާތަކުގެ އަޑުންނެވެ. މިއަދު އަޅުގަނޑުމެން ދިވެހިންނަށް ބޭނުން ގަޑިއަކު ބޭރަށް ނުކުންނަން ހުއްދަ އެބަ އޮތް ހެއްޔެވެ؟ އަޅުގަނޑުމެން ދިވެހިން ވެސް މިއަދު މިތިބީ ގެއިން ބޭރަށް ނުކުންނަން ފަސްޖެހިފައެވެ. ބިރުގަންފައެވެ. 

ކާނެ ބޯނެ އެއްޗެއް ނެތި، މުސްލިމު ޤައުމުތަކުގައި، މުސްލިމުން އުޅެމުން ދަނީ ވަރަށް ކެތްތެރިކަމާއި އެކުގައެވެ. މިއަދު އަޅުގަނޑުމެންނަށް ބަނޑަށް ލާނެ އެއްޗެއް ވެސް މިލިބެނީ އެތައް އިރަކު އޯޑަރު ދީގެން، އޭގެ އިންތިޒާރުގައި އިނުމަށްފަހުގައެވެ. ނަމަވެސް، ހިތާމައަކީ އެ ވަގުތު ކޮޅުވެސް ކިތަންމެ ދިވެހިންނެއް ޝަކުވާ ކުރާނެ ކަމެވެ. ފޭސްބުކްގައި އެތަކެއް ސްޓޭޓަސްއެއް ޖަހާނެ ކަމެވެ. މީ ނުރަނގަޅު އާދައެކެވެ. މިފަދަ ހާލަތްތަކުގައި ކެތްތެރިވާން ޖެހޭނެއެވެ. މާތްﷲ ވޮޑިގެން ވަނީ ކެތްތެރިންނާއި އެކުގައެވެ.

އަޅުގަނޑުމެންނަށް މިއަދު އިޙްސާސް ކުރެވެމުން މިދަނީ، އެކި ޤައުމުތަކުގައި ތިބި ފަޤީރުންގެ އިޙްސާސްތަކެވެ. އެބައިމީހުން ވެސް މިއޮތްހާ ދުވަހު ދިޔައީ ކެތްކުރަމުންނެވެ. އަޅުގަނޑުމެންނަށް މި ކުރިމަތިވި، އިމްތިޙާނަށް ވެސް ކެތްކުރަން ވާނެއެވެ. ލިބޭ މިންވަރަށް ޝުކުރު ވެރިވެ، މި ބަލިމަޑުކަމުން ސަލާމަތް ވުމަށް އެދި ދުޢާ ކުރާށެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.