އެއީ 1997 ވަނަ އަހަރެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ފަންނިއްޔާތުގެ މާބޮޑު ކަންފުޅެއް ނެތް ޒަމާނެކޭވެސް ދެންނެވިދާނެއެވެ. ނަމަވެސް، ބިންމާ އިބްރާހީމް ވަހީދު ލިޔުއްވި ވާހަކަތަކުން މިހައިތަނަށް އެންމެ ކާމިޔާބު އެއް ވާހަކަ “ފަތިސްހަނދުވަރު” އަސްލަކަށް ބަލައިގެން އެ ވާހަކައަށް ހެދި “ފަތިސްހަނދުވަރު” ފިލްމުން އެ ޒަމާނާ އެންމެ އެކަށީގެންވާ ސްޕެޝަލް އިފެކްޓްތައް ބޭނުންކޮށްގެން ދިވެހި ފިލްމީ ސިނާއަތުގެ ތާރީޚަށް އައު ބޮޅެއް އިތުރުވެގެން ދިޔައެވެ.

ފިލްމު “ފަތިސްހަނދުވަރު”ގެ ވާހަކަ ފެށެނީ ޖިނާ އާއި ޒޫނާއާއި ހަމައިންނެވެ. ނިމެނޭވެސް ހަމަ އެ ދެ ސަޚްޞިއްޔަތާއި ހިސާބުންނެވެ. ޖިނާގެ ރޯލުން މޫސާ މަނިކް (ރީކޯ މޫސަ)، ޒޫނާގެ ރޯލުން ނިޢުމާ މުޙައްމަދު ފެނިގެންދިޔަ ދިއުމަކީ އުމުރުގެ ގޮތުން ކިތަންމެ ބޮޑު ތަފާތެއް ހުއްޓަސް، އިސްކިރީނުގެ ކީމި ކިތަންމެހާވެސް ރަނގަޅަށް ގުޅިދާނެކަން އަންގައިދިން ކަމެކެވެ.

“ފަތިސްހަނދުވަރު”ގެ ފަހުން “ފަތިސްހަނދުވަރުގެ ފެށުން” ނުކުތް ހިސާބުން “ފަތިސްހަނދުވަރު”ގެ ހަނދާންތައް ދިވެހީންގެ ހިތްތަކާ ކުޅެލިއެވެ. އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް މިވަނީ “ފަތިސްހަނދުވަރު”ގެ މަތިން ދިވެހި ފިލްމު އޯޑިއަންސް ހަނދާންކުރާން ޖެހިފައެވެ. ކޮވިޑް-19ގެ ފުރަބަންދުގައި ތިބެގެން ދިވެހި ފަންނާނުން އުފެއްދި “ކުޑަ ކުޑަ ބާރު” ކުރު ފިލްމުގެ ބާރުގަދަކަން ދިވެހި ފިލްމީ އުދަރެހަށް ފެތުރިއްޖެއެވެ. އެކަމުގެވެސް މައިގަނޑު އެއް ސަބަބަކީ ޖިނާ އާއި ޒޫނާ އެވެ. އާދެ ރީކޯ މޫސަ އާއި ނިޢުމާއެވެ. މި ދެ ފަންނާނުން ފިލްމީ ދާއިރާއާއި ދުރުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު އަނެއްކާވެސް މިވަނީ މިފަދަ ޚައްސާސީ ދަނޑިވަޅެއްގައި ޚާއްޞަ ގޮތަކަށް ކުރު ފިލްމު “ކޭކޭބީ” އިން ފެނިފައެވެ. އަދިވެސް އިސްކިރީނުގައި މި ދެތަރިންގެ ކީމި ކިތަންމެހާވެސް ބޮޑަށް ގުޅޭކަން މި ކުރު ފިލްމުންވެސް ފެނިގެން ދެއެވެ.

https://www.youtube.com/watch?time_continue=532&v=z8Epm63LafQ&feature=emb_title

ރީކޯ މޫސަ އަކީ މިއަދު ސިޔާސީ ބޭފުޅެއްގެ ގޮތުގައި ފާހަގަވިޔަސް، އަދި ވެސް އެއީ ރާއްޖޭގެ އަމީތާބު ބައްޗަން ކަމަށް ބުނެވިދާނެއެވެ. މޫސާ މަނިކް ފިލްމީ ދާއިރާއާއި ދުރުގައި އުޅުއްވިޔަސް، ފިލްމީ ދާއިރާ ދޫކޮށްލެއްވި ކަން އެއްވެސް އިރެއްގައި ހާމަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މޫސަގެ އެކްޓިން، ދިވެހި ފިލްމުތަކުން ފެންނަން ފެށުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

ނަމަވެސް ނިޢުމާ މުޙައްމަދު ވަނީ މި ދާއިރާގައި ކެމެރާ ކުރިމަތިން ނުފެންނާނެކަމަށް ބުނެ ރިޓަޔާވެފައެވެ. މި ޚާއްޞަ ޙާލަތުގައި ދިވެހިން ހޭލުންތެރިކުރުވުމަށް ފިލްމީ ފަންނާނުން އުފެއްދި އުފެއްދުމެއްގައި ނިޢުމާ ފެނިގެން ދިއުން އެއީ ނިޢުމާާ މި ދާއިރާއަށް އަލުން ނުކުންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް ވެސް ބެލެވެއެވެ. ނަމަވެސް ޖިނާ އާއި ޒޫނާ ނުވަތަ މޫސަ އާއި ނިޢުމާގެ އެކްޓިން ދުށުމަށް އަދިވެސް ދިވެހި ފިލްމު އޯޑިއަންސް ތިބީ ކެތްމަދުވެފައިކަން މި ކުރު ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބުން އެކަނިވެސް އެނގެއެވެ. ކޮންމެއަކަސް ޖިނާ އާއި ޒޫނާގެ އިސްކިރީނު ކީމި އަދިވެސް ހަމަ ވަރަށް ސަޅިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.