ހަޔާތަކީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ދަތުރެކެވެ. ކޮންމެ އަމާން ކަމަކަށް ފަހު ތޫފާނެއްގެ ތެރެއިން ކަޑައްތު ކުރަންޖެހޭ ދަތުރުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކީ ތިބާގެ އަމިއްލަ ނަފުސެވެ. އިންސާނުންނަކީ ފުރިހަމަ ބައެއް ނޫންކަމާއި އިންސާނުންނަށް ވަނީ ކުށް ކުރެވުނީމައޭ ބުނާ ބުނުމަކީ މިހާރު އާންމު ކަމެކެވެ. އަމިއްލަ ނަފްސަށް ދޭންޖެހޭ ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން ތިބާއަށް ކުރެވޭ ކުށްތަކުގެ ސަބަބުން ތިބާގެ ނަފްސަށް ނުދެވޭ ކަމަކީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ސަބަބަކީ ތިބާ އެހެން މީހުންނަށް ހެޔޮ ހިތުން ކުރާ މަޢާފް އަމިއްލަ ނަފްސަށް ނުކުރެވުމެވެ. އެހެންކަމުން ހަޔާތަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ ތިބާގެ އަމިއްލަ ނަފްސަށް މަޢާފްކުރުމެވެ.

ދިރިއުޅުމަކީ ހަޔާތުގެ ދަތުރުގެ އެންމެ ބޮޑު އިމްތިޙާނެވެ. އެގޮތުން ކުރިމަތިލާން ބޭނުން ނުވާ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހެއެވެ. ކުރަން ބޭނުން ނުވާ އެތައް ކަމެއް ކުރެވޭ ދަނޑިވަޅުތައް އާދެއެވެ. އަދި ތިބާ ދުވަހަކު ވެސް ދެރައެއް ދޭން ބޭނުންނުވާ، ތިބާ އެންމެ ލޯބިވާ މީހުން ދެރަވާ އެތައް ކަމެއް ކުރެވި އެ މީހުން ތިބާއާ އެއްކޮށް ދުރަށް ދާތަން ވެސް އާދެއެވެ. ނުވަތަ ކުރީގައި އޮތް ގުޅުމުން ދުރަށްޖެހިލާ ދަނޑިވަޅުތައް އާދެއެވެ. މިކަމާ ކިތަންމެ ދެރަވި ކަމުގައި ވީ ނަމަވެސް އަންނަ ދުރުމިން ގަބޫލުކުރަން ޖެހެއެވެ. އެ ވަގުތު އެކަމުގެ ޒިންމާދާރު ވާންޖެހޭ ފަރާތަކީ ހަމައެކަނި ތިބާ ކަމުގައި ވެދެއެވެ. އެ ހިނދު މަޢާފަށް އެދުމަކުން ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހަގީގަތަކީ ހަޔާތުގައި ކުރެވޭ ކުށްތައް ކިތަންމެ ބޮޑުވެފައި ގިނަވި ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ތިބާގެ އަމިއްލަ ނަފުސަށް މަޢާފްނުކުރާހާ ހިނދަކު ދިރިއުޅުމުގައި ކުރިއަށް ދާން އުނދަގޫ ކަމަކަށް ވުމެވެ. ޚާއްޞަކޮށް ތިބާގެ އަމިއްލަ ނަފްސު ރަނގަޅަކަށް ބަދަލުކޮށް، އާ ފެށުމަކުން ފަށަން ބޭނުންވާއިރުއެވެ. އެހެންކަމުން ތިބާގެ ދިރިއުޅުން އާ ފެށުމަކުން ފަށައިގެން ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޓަކައި އަމިއްލަ ނަފްސަށް މަޢާފްކުރުމަކީ މުހިންމު ކަމެކެވެ.

ދިރިއުޅުމުގެ އެންމެ ބޮޑު ހަނގުރާމައަކީ ތިބާއާއި ތިބާގެ އަމިއްލަ ނަފްސާ ދެމެދު ކުރެވޭ ހަނގުރާމައެވެ. މީހަކަށް ނޭނގިދާނެއެވެ. ނަމަވެސް ތިބާއަށް ކުރެވޭ ބައެއް ކަންކަމަކީ އެހެން މީހުންނަށް ވުރެ ބޮޑަށް ތިބާއަށް ހަނދާނުން ފޮހެލަން އުނދަގޫ ކަންކަމެވެ. ތިބާގެ ނަފްސަށް މަޢާފްކުރަން ފަސޭހަ ނޫން ކަންކަމެވެ. އަދި ތިބާ ތިބާގެ އަމިއްލަ ނަފްސަށް ފިލަން ބޭނުންވާ ކަންކަމެވެ. ނަމަވެސް މިކަހަލަ ކޮންމެ ކަމަކާ ކުރިމަތިލާންޖެހެއެވެ. މިކަހަލަ ކޮންމެ ކަމަކަށް ތިބާގެ ނަފްސަށް މަޢާފްކުރަންޖެހެއެވެ. އެކަންކަމާ ކުރިމަތިލާން ނަގާ ހިތްވަރާއި މަޢާފްކުރަން ނަގާ ހިއްމަތަކީ ބަޔާންކުރަން އުނދަގޫ ކަންކަމެވެ. ނަމަވެސް މި ހުރިހާ އިހުސާސްތަކާއެކު އަމިއްލަ ނަފްސަށް މަޢާފްނުކޮށް، ކުރިއަށް ދާން ނަގާ ކޮންމެ ފިޔަވަޅަކީ ތިބާގެ މާޒީގެ ތެރޭގައި ނެގޭ ފިޔަވަޅަކަށް ވެގެން ދެއެވެ. ތިބާގެ ނަފްސަށް ދެވޭ އިތުރު އަނިޔާއަކަށް ވެގެން ދެއެވެ. ދުވަހަކު ވެސް ހަމަޖެހުމެއް ނެތް ގޮތަށް ކުރިއަށް ދިއުމަށް ކުރެވޭ މަސައްކަތްތަކަކަށް ވެއެވެ. އުފާވެރި ދިރިއުޅުމަކަށް ނަފްސަށް ލިބިދޭން ޖެހޭ ހިތްހަމަޖެހުމަކީ ނެތް އެއްޗަކަށް ވެގެންދެއެވެ. މިކަމުން ދޭހަކޮށްދެނީ ނަފްސުގެ ހިތްހަމަ ޖެހުމަށް ޓަކައި ވެސް ތިބާގެ ނަފްސަށް މަޢާފްކުރުމުގެ މުހިންމުކަމެވެ.

މާޒީއަކީ މުސްތަގުބަލު ބަލާ ލޯގަނޑުކަމުގައި ގިނަ ބަޔަކު ބުނެ އުޅެއެވެ. އެއީ މާޒީގައި ކުރެވުނު ކަންކަން ތަކުރާރު ނުކޮށް ކުރިއަށް ވުރެ ރަނގަޅު އިންސާނަކަށް ވުމުގެ ބޭނުމުގައެވެ. އަދި ތިބާއަށާއި އެހެން މީހުންނަށް ވެސް ހެޔޮ ބަދަލަކަށް ވުމަށެވެ. އަދި ހަމަ އެހެންމެ އެހެން މީހުން ލޯބިވާ އަދި ބަލައިގަންނަ ފަދަ މީހަކަށް ވުމުގެ ބޭނުމުގައެވެ. ނަމަވެސް ސަމާލުވާން ދޫކޮށްލެވޭ ތަންކޮޅަކީ މި ހުރިހާ ކަމެއްގެ ކުރިން އަންނަނީ ތިބާގެ އަމިއްލަ ނަފްސު ކަމެވެ. ސަބަބަކީ އެހެން މީހުން ތިބާ ބަލައިގަތުމުގެ ކުރިން ތިބާ، ތިބާގެ އަމިއްލަ ނަފްސު ބަލައިގަންނަން ޖެހޭނެތީއެވެ. ނަމަވެސް މާޒީގެ ސަބަބުން އަމިއްލަ ނަފްސަށް މަޢާފް ނުކޮށް ދާ ކޮންމެ ދުވަހަކީ ކުރެވުނު ކުށްތަކާ މެދު ވިސްނޭނެ ދުވަހެކެވެ. އަދި ދުރުވެ ދިޔަ ކޮންމެ ގުޅުމަކާ މެދު ވިސްނައި އެކަމާ މެދު ހިތާމަކުރާނެ ދުވަހެކެވެ. ނަމަވެސް ހިތްވަރާއެކު އަމިއްލަ ނަފްސު ބަލައިގަނެ ތިބާގެ ނަފްސަށް މަޢާފްކުރާށެވެ. އެހެން ނޫންނަމަ ތިބާއަށް މާޒީގައި ކުރެވުނު ކުށްތައް ކުރިއަށް އޮތް ތާނގައި ރަނގަޅެއް ނުކުރެވޭނެއެވެ. އަދި ރަނގަޅު އިންސާނަކަށް ނުވެވި އެ މީހުން ބަލައިގަންނަ އަދި ލޯބިވާ މީހަކަށް ވެސް ތިބާ ނުމެވާނެއެވެ.

ދިރިއުޅުމަކީ މިކަހަލަ އެތައް ކަމަކަށް ބިނާވެފައި އޮންނަ ދަތުރަކަށް ވާއިރު، ތިބާ އެހެން މީހުންނަށް ދޭ ލޯބި ތިބާގެ އަމިއްލަ ނަފްސަށް ދޭން ހަނދާން ނައްތައި ނުލާށެވެ. އެ ލޯތްބަކީ ތިބާގެ ނަފްސަށް މަޢާފްކޮށް ކުރިއަށް ވުރެ ރަނގަޅު އިންސާނަކަށް ވުން ކަމުގައި ހަދާށެވެ. ހަމަ އެއާއެކު މާޒީއަކީ ތިބާގެ މުސްތަޤްބަލު އަންގައިދޭ އެއްޗަކަށް ނުހަދާށެވެ. ކޮންމެ ސިކުންތަކީ ތިބާގެ ނަފްސު ރަނގަޅަށް ބަދަލުކުރަން ލިބޭ ފުރުސަތެކެވެ. މާޒީ ބަދަލު ނުކުރެވި، ކުރެވުނު ކުށްތައް ރަނގަޅު ނުކުރެވި އަދި ދެރަކޮށް ކަންތައް ކުރެވުނު މީހުން ދުރުވިކަމުގައި ވީނަމަވެސް، މުޅިން އާ ފެށުމަކުން ތިބާއަށް ތިބާގެ ދިރިއުޅުން ފެށިދާނެއެވެ. ހަމަ އެހެންމެ މާޒީގެ ކުށްތައް ތަކުރާރު ނުކޮށް ކުރިއަށް ވުރެ ރަނގަޅު އިންސާނަކަށް ވެސް ވެވިދާނެއެވެ. މީހަކު ގަބޫލު ނުކުރިކަމުގައި ވީ ނަމަވެސް ތިބާއަކީ ބަދަލުވެއްޖެ މީހެއްކަން ތިބާއާއި މާތްﷲ ސވތ ދެނެވޮޑިގެންވެއެވެ. އެހެންކަމުން، ތިބާ އަމިއްލަ ނަފްސަށް މަޢާފްކުރާށެވެ. އަދި މާޒީއަކީ ތިބާގެ މުސްތަޤުބަލަށް ދެވޭ އުމުރު ދުވަހުގެ ސަޒާއަކަށް ނުހަދާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފިރުޝަތު ޒަމީލް
ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.