އިންސާނާއަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ މުސްލިމަކަށް ވުމުގެ ނިޢުމަތެވެ. ޝިރުކުގެ އެންމެހައި ދަންތޫރަތަކުން ސަލާމަތްވެ އިންސާނާ ޚަލްޤު ކުރެއްވި ﷲ ތަޢާލާއަށް އަޅުވެތިވުމުގެ ހެޔޮ ނަސީބު ލިބުމެވެ. މި ފަނާވަނިވި ދުނިޔޭގައި ބާޠިލު އެތައްއެތައް ދީނެއް ވީ ހިނދު ﷲ ތަޢާލާ އެކަލާންގެ ހެޔޮ ރަޙުމަތުން އަޅުގަނޑުމެން (ދިވެހިން) ލައްވާފައި މިވަނީ ސައްޙަ އަޤީދާގެ މަތީގައެވެ. މުސްލިމުންގެ ގޮތުގައެވެ.

އަޅުގަނޑުމެން އުފަންވި ބިމަކީ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ބިމެކެވެ. މުސްލިމް މަންމަ އަކާއި ބައްޕައެކެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނަކީ ވެސް މުސްލިމުންނެވެ. މުސްލިމް ދަޢުލަތެކެވެ. އުފަންވި ބިމުގައި ﷲ ތާޢާލާއަށް އަޅުކަންކޮށް މުސްލިމެއްގެ ގޮތުގައި ދިރިއުޅުން ހޭދަކުރުމުގައި ހުރަހެއް ނެތެވެ. މިފަދަ އެތައްއެތައް ނިޢުމަތްތަކެއް އަޅުގަނޑުމެންނަށް މިވަނީ މާތް ﷲ سُبْحَانَهُ وَتَعَالَى ދެއްވާފައެވެ.

ބަޔާންކުރެވިދިޔަ ފަދަ ނިޢުމަތްތަކުގެ ތެރޭގައި އަޅުގަނޑުމެން ވީ ހިނދުގައި ވެސް، މިއަދު މި ފަސްގަނޑުން މި ފެންނަނީ ހިތާމަހުރި މަންޒަރުތަކެކެވެ. މުސްލިމުންގެ ނަމުގައި ތިބެ މުސްލިމުންގެ ގޮތްތައް ނިކަމެތިކުރާތަނެވެ. ފުރައްސާރަކުރާތަނެވެ. ބަދުބަސްތައް ރައްދުކުރަމުން ދާ މަންޒަރެވެ.

އިސްލާމްދީނަކީ ﷲ ތަޢާލާ ހަތް އުޑު މަތިން މުޅި އިންސާނިއްޔަތަށް ރަހުމަތެއްކަމުގައި ބާވާލެއްވި އެންމެ ފުރިހަމަ ދީނެވެ. އެކަމުގައި ޝައްކެއްނެތެވެ. ދީނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ކޮންމެ މުސްލިމަކު ވެސް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އިންސާނުންނަށް އެ ނޫން އިޚްތިޔާރެއް ލިބިގެން ނުވެއެވެ. ނަމަވެސް މިއަދު ﷲ ތަޢާލާގެ ދީނުގައި ހިފަހައްޓައި އެގޮތުގައި އުޅުމަށް މަސައްކަތް ކުރާ މީހުންނަށް ފުރައްސާރައިގެ އިބާރާތްތަކުން މަލާމަތް ކުރުން މި މުޖުތަމަޢުގައި މިވަނީ ވަރަށް އާންމުކަމަކަށް ވެފައެވެ.

މިގޮތުން މި މުޖުތަމަޢުގައި މުސްލިމުންގެ ނަމުގައި ތިބެ ޣާފިލުވެފައި ތިބިބަޔަކު، ރަސޫލާ صلى الله عليه وسلم  ސުންނަތަށް އުޅުމަށް މަސައްކަތް ކުރާ ފަރާތްތަކާއި އަމާޒުކޮށް ބޭނުންކޮށްއުޅޭ ބައެއް ޖުމުލަތައް ނުވަތަ ބުނުންތައް މިތަނުގައި ޛިކުރު ކޮއްލާނަމެވެ.

“އޭ ކަލޭ ތިއުޅެނީ ފެން ބޮޑުވެގެންތަ؟ ފައިކުރި އަދި ކުރުކޮށްލަން ވީނުން ދޯ؟ ދަތްދޮޅި ދަށުގަ ހާދަ ވާބޮލޭ! ގޮވާން ކަނޑާކަށް ނުވޭތަ؟ ދެން ޖިހާދަށް ސީރިއާއަށް ނައްޓާލާ! ކަލޭތިޔަހުރީ ހިތުން ދީނީ ޢިލްމުވެރިއަކަށް ވެފަ! ކަލޭ ތިޔައީ މިހާރު ޝޭހެއް ދޯ؟ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް، ކަލޭތިޔަހުރީ ހައްދުފަހަނަ އަޅާފަ! ކަލޭތިޔައީ މިސްކުތުގަ އަޅާފަ އޮންނަ ކާޕެޓުތަ؟ ކަލެއަށް ތިޔަ ހުރީ ސުވަރުގެ ޔަޤީންވެފައި، ނެތްތަ މަށަށް އެކޮޅުން ޖާގައެއް؟ ދުވަސްކޮޅަކު އުޅޭނެ ތިޔަހެން އިރުކޮޅަކުން ހަމަ އިހު އުޅުނުހެން އުޅޭނި! ކަލޭތިޔަހުރީ ހިތުން ދީނީ ޢިލްމުވެރިއަކަށް ވެފަ! އެހެރަ ދަނީ ނިންޖާއެއްތަ؟ ފެންނާނެވަރަށް ފެނުނީމަތަ މޫނު ތިޔަ ނިވާކުރީ؟”

މިއީ މަދުމިންވަރެކެވެ. ހިތާމައަކީ މި ކުރެވެނީ ކިހައި ނުބައިކަމެއްކަން ނޭނގުމެވެ. ނޭނގިތިބެ ތިޔަ މަލާމަތް ކުރެވެނީ ރަސޫލާ صلى الله عليه وسلم  މި އުންމަތަށް ބަޔާންކޮށްދެއްވި ގޮތްތަކަށެވެ. އެ ކަލޭގެފާނުގެ ސުންނަތަށެވެ. އެއީ ނުރައްކާތެރި ކަމެކެވެ. އިސްލާމްދީނުގައި ބަޔާންވެގެންވާ ކަންކަމަށް މަޖަލަކަށް ވިޔަސް، ސީދާގޮތުން ވިޔަސް އަދި، ނުސީދާ ގޮތުންވިޔަސް ފުރައްސާރަ ކުރުމަކީ ތިމާ ދީނުން ބޭރުވެގެން ހިނގައިދާނޭފަދަ ނުރައްކާތެރި ޢަމަލެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

(وَلَئِن سَأَلۡتَهُمۡ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ) سورة التوبة:65

“ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، الله އާއި، އެއިލާހުގެ އާޔަތްތަކާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟”

(لَا تَعۡتَذِرُوا۟ قَدۡ كَفَرۡتُم بَعۡدَ إِیمَـٰنِكُمۡۚ إِن نَّعۡفُ عَن طَاۤىِٕفَةࣲ مِّنكُمۡ نُعَذِّبۡ طَاۤىِٕفَةَۢ بِأَنَّهُمۡ كَانُوا۟ مُجۡرِمِینَ) سورة التوبة:66

“ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރުވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.”

ވިސްނާށެވެ. ތިމާއަށް ވެސް އިސްލާމް ދީނަށް އަމަލުކުރުން ނޫން އެހެން ގޮތްތަކެއް ލިބިގެން ނުވެއެވެ. މިހެން މިކަން އޮތްއިރުގައި ޣާފިލުވެފައި ހުރުން އެއީ ކިހާބޮޑު ބަދުނަސީބެއް ހެއްޔެވެ؟ ތިމާއަށް ހެޔޮޢަމަލު ނުކުރެވޭތަނުގައި، ހެޔޮގޮތުގައި ސާބިތުވުމަށް މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ހިތްވަރުދޭ މީހަކަށް ތިބާއަށް ނުވެވޭ  ހާލު މަލާމަތްކޮށް ޖެއްސުންކޮށް ފުރައްސާރަ ކުރާ މީހަކަށް ތިބާ ނުވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.