ކޮވިޑް-19 އާއި ގުޅިގެން އިންޑިޔާ ފުރަބަންދަށް ދިޔުމާއެކު އިންޑިޔާގެ މުނިފޫހިފިލުވުމުގެ ދާއިރާ މުޅިން ހުއްޓުމަކަށް އައެވެ. އެގޮތުން ޓީވީ ޗެނަލްތަކުން ގެނެސްދެމުން ދިޔަ ޑްރާމާ ސިލްސިލާތައްވެސް ދެއްކުން މެދުކަނޑާލިއެވެ. އެއާއެކު ޓީވީ ސިލްސިލާތަކަށް މަރުދޭ ސަޕޯޓަރުންގެ އެތައް ޝަކުވާއެއް ހުށަހެޅުނެވެ. ނަމަވެސް ފުރަބަންދަށް ލުއި ދިނުމަށްފަހު ވަކި ޤަވާއިދުތަކެއްގެ ދަށުން ފިލްމުތަކާއި ޓީވީ ޝޯވތަކުގެ ޝޫޓިންގ ފެށުމުގެ ހުއްދަ ދީފިއެވެ. އެއާއެކު ބައެއް ޓީވީ ޝޯވތަކުގެ ޝޫޓިންގ ފަށައިފިއެވެ. އަދި ބައެއް ޝޯވތަކުގެ ޝޫޓިންގ ފަށަން ތައްޔާރުވަމުންވެސް އެބަ ދެއެވެ.

ޝޫޓިންގތައް ފެށުމާއެކު ޓީވީ ސިލްސިލާތައް ބަލާ މީހުންނަށް ޒީ ޓީވީއިން މިވަނީ އުފާވެރި ޚަބަރެއް ދީފައެވެ. އެގޮތުން ޒީ ޓީވީން ދައްކަމުން އަންނަ މަޝްހޫރު ސިލްސިލާތައް ކަމަށްވާ “ކުމްކުމް ބާގްޔާ”، “ކުންޑްލީ ބާގްޔާ”، “ގުއްޑަން ތުމްސޭ ނަ ހޯ ޕާޔޭގާ”، “ތުޖްސޭ ހޭ ރާބްތާ” އަދި “ޤުރުބާން ހުއާ” ގެ އާ ބައިތައް މި އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާނެކަމަށް ޒީ ޓީވީން ވަނީ ހާމަކޮށްފައެވެ.

“ޕްރާޗީއާއި ރަންބީރްގެ ޙަޔާތަށް ބޮޑު ބަދަލެއް އަންނާނެ. އެ ދެމީހުންގެ ހަމަހިމޭންކަމަކީ ފަހަރެއްގައި އެ ދެމީހުންގެ ވަކިވުމަށްވެސް ވެދާނެ. އަދި އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަކަމަށް އެއްބަސްވެއްޖެއްޔާ، އެއީ ބެލުންތެރިން އިންތިޒާރުކޮށްގެން ތިބިފަދަ ޙަޤީޤީ ލޯބީގެ އާ ޞަފުޙާއެއްގެ ފެށުން ކަމަށްވެސް ވެދާނެ.”

“ކުމްކުމް ބާގްޔާ”ގެ ވާހަކައާއި ބެހޭގޮތުން ބޮލީވުޑް ލައިފް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ސިލްސިލާގެ ލީޑް އެކްޓްރެސް ސްރިތީ ޖާ ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.