ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ އަލަތު ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަން“ގައި ކުރިއަރަމުން އަންނަ އުއްމީދީ ފަންނާނު ވާޝިޔާ މުހައްމަދު (ޝިޔާ) ކުޅެނީ ވަރަށް އާދައިގެ، އެހެނަސް ލޯބި ބޭނުންވާ ‘ޒާރާ’ގެ ކެރެކްޓަރ އެވެ.

“ޝިޔާގެ ކެރެކްޓަރ އަކީ ޒާރާ. ދެން ޒާރާ އަކީ ވަރަށް ސިމްޕަލް، ދެން ލެޓްސް ސޭ ވަރަށް އޯޑިނަރީ ކުއްޖެއް، ހަމަ ލުކިން ފޯ ލަވް. ދެން ލައިފްގަ އެ ލޯބި ހޯދަން އެދާ މަގުމަތީގަ މި އުޅެން ޖެހޭ ހާލު މި ފެންނަނީ ޝިޔާގެ ކެރެކްޓާއިން.” ބޮޑު ކާސްޓެއް ހިމެނޭ “ހުވާކޮށްފާ ބުނަން“ގައި ޝިޔާ އަދާކުރާ ރޯލު، ޓީވީއެމްގެ ‘ފިލްމީ އުދަރެސް’ގައި ހިއްސާކުރަމުން ބުންޏެވެ.

ހުވާކޮށްފާ ބުނަން” ސީރީޒް ލިޔެ ޑައިރެކްޓްކުރާ ޔޫއްޕެ ވެސް ބުނެފައިވާ ފަދައިން، ޝިޔާ ވެސް ބުނީ މި ޑްރާމާ ސީރީޒްގައި ވަރަށް ބައިވަރު އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުވާލާފައި ވާނެ ކަމަށެވެ.

ޝިޔާގެ ފުލް އިންޓަވިއު، އީ-ޗެނަލްގެ ނަމުގައި ހިންގަން ފަށާފައިވާ ޔޫޓިއުބް ޗެނަލުން ބަލައިލުމަށް އެ ވީޑިއޯ ހިމަނާލާނަމެވެ. އީ-ޗެނަލް އަކީ ޔޫއްޕެގެ އުފެއްދުންތަކާއި އިވެންޓްތައް ގެނައުން ހަދާފައިވާ ޗެނަލެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ މީގެ ދުވަސްކޮޅެއް ކުރިން، ’ޔޫއްޕެ ޕްރޮޑަކްޝަންސް ޔޫޓިއުބް ޗެނަލް’ގެ ނަމުގައި ހިންގި ޗެނަލްގެ ރީބްރޭންޑިންއެކެވެ.

ތިން ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ 26 އެޕިސޯޑްގެ ލޯބީގެ ޑްރާމާ ސީރީޒްގެ މައިގަނޑު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢުގެ އިތުރުން ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

މި ސީރީޒް ކެމެރާކޮށް ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.