ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވާރކްފޯސް ޕްރޮގްރާމްގެ ދަށުން ހިންގި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމްދާއިރާގެ ކޯސްތަކުގެ ދަރިވަރުން އިންޓަރންޝިޕް ހަދަން ފަށައިފިއެވެ.

ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސްއަކީ ކޮވިޑް-19ގެ ދަތި ހާލަތުން ދިވެހިރާއްޖެ އަރައިގަނެ، އިޤްތިޞާދީ މަސައްކަތްތައް އަލުން ފެށިގެންދާއިރު، ބިދޭސީން ގިނައިން މަސައްކަތް ކުރާ، ރާއްޖޭގެ މުހިންމު އެކިއެކި ޞިނާޢަތްތަކަށް ދިވެހީން ތަމްރީނުކުރުމަށް ދިވެހި ސަރުކާރުގެ އިސްނެމުގެ ދަށުން ފަށާފައިވާ ޚާއްޞަޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ދިވެހިރާއްޖޭގެ ޞިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހީން ވަޒީފާގެ ބާޒާރަށް ނެރުމާއި އިޤްތިޞާދީ ޙަރަކާތްތަކުގައި ބައިވެރިވުން އިތުރުވުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގިހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމްދާއިރާގެ ބައެއް ކޯސްތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 16 ދަރިވަރަކު، އޮންލައިންކޮށް ހިންގި އެ ކޯސްތަކުގެ އެންމެހާ ބައިތައް ފުރިހަމަކޮށް، މި ނޮވެންބަރުމަހުގެ 6 ވަނަދުވަހު އިންޓަރންޝިޕް ވަނީ ފަށައިފައެވެ. މިގޮތުން، އިންޓަރޝިޕް ފަށާފައިވަނީ، ސެޓްފިކެޓް 3ގެ ފެންވަރަށް ހިންގި، ފްރޮންޓް އޮފީސް ސަރވިސް ކޯހާއި، ބޭކަރީ އެންޑް ޕޭސްޓްރީ ކޯހާއި، ފުޑް ޕްރޮޑަކްޝަން ކޯހުގެ ދަރިވަރުންނެވެ. މި ދަރިވަރުން 4 މަސްދުވަހުގެ އިންޓަރންޝިޕް ހަދަން ފަށާފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ރިސޯޓްތަކާއި ރެސްޓްރޯންޓްތަކުގައެވެ. އެގޮތުން، އަދާރަން ކްލަބް ރަންނާޅި، ހެރިޓަންސް އާރަށް، ސަން ޝިޔާމް އޮޅުވެލި، ސަން ޝިޔާމް ވިލުރީފް، ސަން ޝިޔާމް އިރުފުށި، ލަކްސް ސައުތު އަރި، އަދި ބުރުޒު ކޭޓަރިންގގައި ދަރިވަރުން ޙަރަކާތްތެރިވަމުންދާނެއެވެ. މަސައްކަތުގެ މާޙައުލަށް ދިވެހިން ނެރެދެއްވުމަށް މިތަންތަނުން މި ދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފާހަގަކުރެއެވެ.

ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސްޕްރޮގްރާމްގެ ދަށުން ފަށައިފައިވާ ކޯސްތަކުގެ ފުރަތަމަ ބެޗްގައި 80 ދަރިވަރުން ބައިވެރިވެފައި ވެއެވެ. 62 ދަރިވަރަކު ވަނީ، އޮންލައިންކޮށް ހިންގި ތިއަރީ ކްލާސްތައް ނިންމައި ފާސްވެފައެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެއްބާރުލުމާއެކު މި މިނިސްޓްރީގެ ބެލުމުގެ ދަށުންހިނގަމުންދާ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ޕޮލީޓެކްނިކްގައި ހިންގައި މިހާތަނަށް ނިމުނު ކޯސްތައް ކުރިއަށްގެންދިއުމުގައި ގިނަ ރިޒޯޓްތަކެއްގެ އެހީތެރިކަމާއި،މަޓީގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބިފައިވެއެވެ. އެހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދަންނަވައެވެ.

މި ޕްރޮގްރާމްގެ ކޯސްތައް ކުރިއަށް ގެންދަނީ އެޗް.ޕީ.އޭ އިން ކަނޑައަޅުއްވާފައިވާ ޞިއްޙީ ރައްކާތެރިކަމުގެ މިންގަޑުތަކަށް ވެސް ރިޢާޔަތްކޮށްގެން، މިހާރުގެ ޞިއްޙީ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.