ފައިސާ ދީގެން އެސައިންމަންޓް ހަދާ މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދިވެހި ފުލުހުންނާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ޕޮލިސް ކޮމިޝަރާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ދަރިވަރުން މަތީ ތަޢުލީމު ހާސިލްކުރަމުން ދާއިރު ތައްޔާރު ކުރުމަށް ޙަވާލު ކުރެވޭ އެސައިންމަންޓްތަކަކީ އެ ދަރިވަރުންނަށް އުނގަންނައިދޭ މާއްދާތައް ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށްޓަކައި މަތީތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ބޭނުންކުރާ ނިޒާމެއްކަން މި މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ފައިސާ ދީގެން ދަރިވަރުންނަށް ޙަވާލުކުރެވޭ އެސައިންމަންޓުތައް ވިޔަފާރި އުޞޫލުން އެހެން ފަރާތްތަކާ ޙަވާލުކޮށްގެން ތައްޔާރުކުރަމުންދާތީ ދަރިވަރުންނަށް އެކިއެކި މާއްދާތަކުން ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށް މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ކުރަމުންދާ މަސައްކަތްތަކަށް މިއަދު މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އެގޮތުން ދިވެހިރާއްޖޭގެ މަތީތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކަށް މިކަންކަން މިހެން ހުރުމުގެ ސަބަބުން ދަތިތަކެއް ދިމާވެ މަތީތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކާ މަސައްކަތްކުރާ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ފަރާތުން މިކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ލިބެމުން ދެއެވެ.

މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއެކު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހީމް ހަސަން ބައްދަލު ކުރެއްވުމުގެ މައިގަނޑު އެއް މަޤްޞަދަކީ މިހާރު ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ތަހްޤީޤީ އިދާރާއެއްގެ އެހީތެރިކަމާއެކު ވިޔަފާރި އުޞޫލުން އެސައިންމަންޓް ހަދާ މައްސަލައަށް ޙައްލެއް ހޯދުމެވެ. މީގެއިތުރުން ސޯޝަލް މީޑިއާ އާއި އާންމު ތަންތަނުގައި މިފަދަ ކަންކަން އިޝްތިހާރުކުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ފުލުހުންނާ ބައްދަލުކުރުން – ފޮޓޯ: އެމްއޯއެޗްއީ

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގައި މިއަދު ބޭއްވުނު މި ބައްދަލުވުމުން މި މައްސަލައަށް ތަހްޤީޤީ އިދާރާއެއް މެދުވެރިކޮށް ހައްލެއް ހޯދުމަކީ މިވަގުތު ވެސް ކުރެވިދާނެ ކަމެއްކަން އެނގިގެން ހިގައްޖެކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ.

މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ތަކުގެ ތެރެއިންވެސް މި މައްސަލަތައް ބެލުމުގައި ހުރަހެއް ނެތްކަން މި ބަައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަތީތައުލީމާއި ތަމްރީންގެ ބިލު ފާސްވެ ތަސްދީޤުކުރެވޭ ހިސާބުން މި މައްސަލައަށް ހައްލެއް ހޯދުމަށް މިކުރާ މަސައްކަތްތަކަށް އިތުރަށް ފުރިހަމަކަން ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ދެކެލައްވައެވެ.

ދުނިޔޭގެ ތަހްޒީބުވެފައިވާ ބައެއް ޤައުމުތަކުގައި ވެސް މަތީތަޢުލީމު ފެންވަރު ހިފެހެއްޓުމަށްޓަކާ ހަދާ ޤާނޫނު ތަކުން މި މައްސަލައަށް ހައްލު ހޯދައިގެން މިހާރުވެސް ކުރިޔަށް ދާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.