ބޮލީވުޑް ސިނަމާތަކަށް ވަރަށް ތަދު އަހަރަކަށްފަހު ސިނަމާތައް އަލުން ހުޅުވާލުމާއެކު މިވަނީ ފިލްމުތައް ރިލީޒް ކުރުމުގެ މަސައްކަތްތައް ފަށާފައެވެ. އެގޮތުން މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ. އޭގެ ތެރެއިން ބޮލީވުޑްގައި ނަން ހިނގާ މަޝްހޫރު ތަރިންގެ ވަރުގަދަ ފިލްމުތަކުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާނެކަމަށް ލަފާކުރެވެއެވެ.

1. މުމްބާއީ ސަގާ އަދި ސަންދީޕް އޯރް ޕިންކީ ފަރާރް

ޖޯން އަބްރަހަމް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ ސަންޖޭ ގުޕްތާގެ “މުމްބާއީ ސަގާ” އާއި އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލު ކުޅޭ ބްލެކް ކޮމެޑީ “ސަންދީޕް އޯރް ޕިންކީ ފަރާރް” ރިލީޒް ކުރާނީ އެއް ދުވަހެއްގައެވެ.

“މުމްބާއީ ސަގާ” ގައި ޖޯންގެ އިތުރުން މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދެއެވެ. އޭގެ ތެރޭގައި އިމްރާން ހާޝިމީ، ސުނީލް ޝެޓީ، ކާޖަލް އަގަރްވާލް، ރޯހިތު ރޯއީ އަދި ޕްރަތީކް ބައްބަރް ފާހަގަކޮށްލެވެއެވެ.

ދިބާކަރް ބަނަރޖީ ޑައިރެކްޓްކުރާ މި ފިލްމާއި ސަންޖޭ ގުޕްތާގެ “މުމްބާއީ ސަގާ” ރިލީޒް ކުރާނީ އަންނަ މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.

2. ތަލައިވީ އަދި ބަންޓީ އޯރް ބަބްލީ 2

ސައިފް ޢަލީ ޚާންއާއި ރާނީ މުކަރްޖީ އަދި ސިދާންތު ޗަތުރްވެޑީއާއި ޝާރްވާނީ ވަގް މައިގަނޑު ރޯލުތައް ކުޅޭ “ބަންޓީ އޯރް ބަބްލީ 2” އަކީ 2005 ވަނަ އަހަރު ޝާދު ޢަލީ ޑައިރެކްޓްކޮށް ގެނެސްދިން “ބަންޓީ އޯރް ބަބްލީ”ގެ ސީކުއެލްއެކެވެ. ކުރީގެ ފިލްމުގައި ރާނީއާއެކު ލީޑް ރޯލުން ފެނިގެން ދިޔައީ އަބީޝެކް ބައްޗަންއެވެ. ވަރޫން ވީ. ޝަރްމާ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒް ކުރާނީ އަންނަ އޭޕްރިލް މަހުގެ 23 ގައެވެ.

ހަމަ އެދުވަހު ރިލީޒްކުރާ އަނެއް ފިލްމަކީ ފަހުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި ކުރީގެ އެކްޓްރެސް ޖޭ ޖަޔާލީތާގެ ޙަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު “ތަލައިވީ”އެވެ. ކަންގަނާ ރަނާވަތު ލީޑް ރޯލު ކުޅޭ މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅޭ އިތުރު ތަރިންނަކީ އަރްވިންދު ސްވާމީ، ޕްރަކާޝް ރާޖް، ޖިޝޫ ސެންގުޕްތާ، ޕޫރްނާ، މަދޫ އަދި ބަގްޔާޝްރީއެވެ. މި ފިލްނު ޑައިރެކްޓް ކުރަނީ އޭ.އެލް. ވިޖޭއެވެ.

3. ރާދޭ އަދި ސަތިޔަމެވް ޖަޔާތޭ 2

ސަލްމާން ޚާންގެ ފޭނުން އެންމެ އިންތިޒާރުކުރާ ފިލްމު “ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ” ބޮކްސް އޮފީހުގައި ވާދަކުރާނީ ޖޯން އަބްރަހަމް ކޮޕެއްގެ ރޯލު ކުޅޭ “ސަތިޔަމެވް ޖަޔާތޭ 2” އާއެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ ރާދޭގައި ސަލްމާންގެ އިތުރުން މައިގަނޑު ރޯލުތަކުން ފެންނާނީ ޑިޝާ ޕަޓާނީ، ރަންދީޕް ހޫޑާ، ޖެކީ ޝްރޯފް އަދި މޭގާ އާކާޝްއެވެ. ފިލްމު ރިލީޒްކުރަނީ ފިތުރު ޢީދު ދުވަހުއެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް މިލަޕް ޒަވޭރީ ޑައިރެކްޓްކުރާ “ސަތިޔަމެވް ޖަޔާތޭ 2” ރިލީޒްކުރާނީ ފިތުރު ޢީދު ދުވަހުގެ އެއްދުވަސް ފަހުން މެއި 14 ގައެވެ. ޖޯންގެ އިތުރުން ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެނީ ދިވްޔާ ކޯސްލާ ކުމާރް އަދި ރަޖީވް ޕިއްލާއީއެވެ.

4. ޝޭރްޝާހް އަދި މޭޖަރ

މި ދެ ފިލްމަކީވެސް ހަޤީޤީ ދެ ހާދިސާއަށް ހަދާފައިވާ ހަނގުރާމަ މަތީ ދެ ފިލްމެވެ. ސިދާތު މަލޯޓްރާ ޑަބަލް ރޯލު ކުޅޭ “ޝޭރްޝާހް” އުފައްދާފައިވަނީ އާރމީ ކެޕްޓަނެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ޙަޔާތުގެ މައްޗަށެވެ. ސިދާތު އަދި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅޭ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވިޝްނޫވަރްދަންއެވެ.

2008ގައި މުމްބާއީގައި ދިން ހަމަލާގައި މަރާލި ސަންދީޕް އުންނިކްރިޝްނަންގެ ޙަޔާތުގެ މައްޗަށް އުފައްދާފައިވާ “މޭޖަރ”ގެ މައިގަނޑު ރޯލުތައް ކުޅެނީ އަދިވީ ޝޭޝް، ސޮބީތާ ދޫލިޕާލާ، ސާއީ މަންޖްރެކަރް، ޕްރަކާޝް ރާޖް، ރޭވަތީ އަދި މުރާލީ ޝަރްމާއެވެ.

މި ދެ ފިލްމުވެސް ރިލީޒް ކުރާނީ އަންނަ ޖުލައި މަހުގެ 2 ގައެވެ.

5. ގަންގޫބާއީ ކަތިއާވާޅީ އަދި ރާދޭ ޝާމް

އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހު އަނެއްކާވެސް ވަރުގަދަ ދެ ފިލްމެއް ކުރިމަތިލުން ފެނިގެން ދާނެއެވެ. އެ ދެ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ “ގަންގޫބާއީ ކަތިއާވާޅީ” އަދި ޕްރަބާސްގެ “ރާދޭ ޝާމް”އެވެ.

ތަފާތު ދެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ދެ ފިލްމަށް ވިޔަސް ދެ ފިލްމުގައިވެސް ހިމެނެނީ އެއްވަރަކަށް މަޤުބޫލު ފަރާތްތަކަކަށް ވާތީ ދެ ފިލްމުގެ ވިޔަފާރިއަށްވެސް އަސަރުކުރާނެކަމަށް ބެލެވެއެވެ. އާލިއާ ބަޓް ލީޑް ރޯލު ކުޅޭ ސަންޖޭގެ ފިލްމަކީ ބަޔޮގްރަފިކަލް ކްރައިމް ޑްރާމާއަކަށް ވާއިރު ޕްރަބާސްއާއި ޕޫޖާ ހެގްޅޭ ލީޑް ރޯލު ކުޅޭ ފިލްމަކީ ރޮމޭންޓިކް ޑްރާމާއެކެވެ. ޕްރަބާސްގެ ފިލްމު ޑައިރެކްޓް ކުރަނީ ރާދާ ކްރިޝްނާ ކުމާރެވެ.

6. ޕްރިތުވިރާޖް އަދި ޖާރޒީ

ނޮވެމްބަރު 5 ގައި އޮތީ އަކްޝޭ ކުމާރާއި ޝާހިދު ކަޕޫރްގެ ކުރިމަތިލުމެކެވެ. ކްރިކެޓް ކުޅުންތެރިއަކާއި އެއްޝަން ހީރޯއެކެވެ.

އަކްޝޭގެ އިތުރުން “ޕްރިތުވިރާޖް”ގެ މައިގަނޑު ރޯލުތައް ކުޅެނީ މަނޫޝީ ޗިއްލާރ، ސަންޖޭ ދަތު، މާނަވް ވިޖް، ސޯނޫ ސޫދު އަދި އަޝޫތޯޝް ރާނާއެވެ. ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ޗަންދުރަ ޕްރަކާޝް ދީވެދީ ޑައިރެކްޓްކުރާ “ޕްރިތުވިރާޖް”ގައި ކިޔައިދެނީ ތާރީޚީ ވާހަކައެކެވެ.

ޝާހިދު އާއެކު މުރުނާލް ޓާކުރް އަދި ޕަންކަޖް ކަޕޫރް މައިގަނޑު ރޯލުތައް ކުޅޭ “ޖާރޒީ” ޑައިރެކްޓްކުރަނީ ގޯތަމް ޓިންނަނޫރީއެވެ. މިއީ 2019 ވަނަ އަހަރު ހަމަ މި ނަމުގައި ގެނެސްދިން ޓެލުގޫ ފިލްމުގެ ރީމޭކެކެވެ. އެ ފިލްމުވެސް ޑައިރެކްޓްކުރީ ގޯތަމްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.