ދައްކަން މިއުޅޭ ވާހަކައަކީ ކެފޭތަކުގެ ވެރިންނަށް އެހާ ކަމުދާ ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ އާއްމުކޮށް ކޮފީ ބުއިމަށް އާދަވެފައި ތިބޭ މީހުން ވިސްނައިލަން ރަނގަޅު ވާހަކައެއް ކަމަށް ދެކެމެވެ. އާއްމުކޮށް ކޮފީއަށް ދާ ފިރިހެން ވެރިންގެ އަނބިންނަށް އަދި އަމުދުންވެސް މި ވާހަކަތައް ވަރަށް ބޮޑަށް ބަލައިގަނެވޭނެއެވެ.

އަސްލު މައުލޫއަށް ދިއުމުގެ ކުރިން ކުޑަކުޑަ ހިސާބެއް ހަދައިލާނަމެވެ. މާ މޮޅަށް ހިސާބުޖަހަން ނޭނގުނަސް ފޯނުގެ ކެލްކިއުލޭޓަރުގެ ބޭނުން ހިފައިލެވިދާނެތާއެވެ. 05 (ފަހެއް އާއި) 30 (ތިރީހަކާ) ގުނަކޮށްލަމާ ހިނގާށެވެ. ޖަވާބަކީ 150 ރުފިޔާ އެވެ. އެހާ ބޮޑު އެއްޗަކަށް ނުވެދާނެއެވެ. މިއީ ދުވާލަކު އެއް ފަހަރު ކެފޭއަކަށް ގޮސް ހަމަ އެކަނި ކަޅު ކޮފީއެއް ބޮއެ އުޅޭނަމަ އޭނާގެ ޖީބުން މަހެއްގެ މައްޗަށް ހަރަދުވާނެ މިންވަރެވެ. މިއީ އެހާ ބޮޑު އެއްޗަކަށްވެސް ނުވެދާނެއެވެ. އެހެންކަމުން އަނެއްކާވެސް އެހެން ހިސާބެއް ޖަހައިލަމާ ބަހީއެވެ.

05 (ފަހެއް) އެއްކުރަން 05 (ފަހެއް) އެއްކުރަން 05 (ފަހެއް) ވީމާ ވާނީ 15 އެވެ. 15 (ފަނަރަ) އާއި 30 (ތީރީހާއި) ގުނަކޮށްލަމާ ހެއްޔެވެ. އޭރުން ޖަވާބަކަށް ވާނީ 450 އެވެ. މިއީ ދުވާލަކު އެއް ފަހަރު ކޮފީއަށް ގޮސް، ކަޅު ކޮފީއެއް، ފެން ފުޅިއެއް އަދި ދުފުމެއް ނަގާ މީހާގެ ސާވިސް ޗާރޖް ނުހިމަނައި ނުކުންނަ ނަތީޖާ، މަހުގެ 30 ދުވަހާއި ގުނަކޮށްލުމުން ވާ ވަރެވެ.

މަތީގައި މި ހަދައިލެވުނު ހިސާބުތަކުގެ ތެރެއަށް އޭގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ އިތުރުވާތަން ވެސް އަންނަނީ މަދު ފަހަރެއްގައި ނޫންކަން، އާއްމުކޮށް ކޮފީއަށްދާ މީހާއަށް އެނގޭނެއެވެ. ރައްޓެހިން ތަކަކާ ދިމާވުމުން އެމީހުންގެ ކޮފީގެ ޚަރަދުގައިވެސް ހިފެނީއެވެ. މައްސަލައެއްވެސް ނޫނެވެ. ރައްޓެއްސަކަށް ކޮފީއެއް ދިނުމަކީ ހަމަ ވަރަށް ސަޅިވެސް ކަމެކެވެ. ނަމަވެސް، މި ހަދައިލެވުނު ހިސާބުތަކާ މެދު ފުންކޮށް ވިސްނައިލުމުން އަހަރުމެންގެ ތެރެއިން އާއްމުކޮށް ކޮފީއަށް ދާ މީހާގެ އަތުން ޚަރަދުވަނީ ކުޑަ މިންވަރެއް ނޫންކަން އެނގެއެވެ.

ދެން އޮތީ އަހަރެން ދޭން މިއުޅޭ ޚިޔާލެވެ. މިއީކީ މާ މޮޅު، އައުގޮތެއްވެސް ނޫނެވެ. އަދި އަމުދުން މި ކިޔާ ސޯޝިއަލައިޒްވުމާ އަހަރެން ދެކޮޅުވެގެން ދައްކާ ވާހަކައެއްވެސް ނޫނެވެ. މިއީ އަހަންނަށް ކުރެވުނު ތަޖުރިބާއެކެވެ. އަހަރެންގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ.

އަހަންނަކީ މާލޭގައި ދިރިއުޅެމުން އަންނަ އަތޮޅުތެރެއަށް ނިސްބަތްވާ ވަރަށް އާދައިގެ ސޮރަކީމެވެ. ނަމަވެސް ރެއާއިދުވާލު ދެތިން ފަހަރު ކޮފީއަށް އެރުމަކީ އަހަރެންގެ ‘އާދައިގެ ސޮރުކަން’ ނުދެއްކުމަށް އަހަރެން ކުރާ ކަމެއް ކަމަށްވެސް ވެދާނެއެވެ. ކޮފީއަށް އަރާ ކޮންމެ ފަހަރަކު، އަހަންނާއެކު މޯޑުއާ، އިއްބެއާ، އައްމަޓީވެސް އަރައެވެ. ކޮންމެ ފަހަރަކުހެން އެމީހުންގެ ކޮފީގެ ޚަރަދުގައިވެސް ހިފަނީ އަހަންނެވެ. އެހެންކަމުން އަހަރެންގެ އަތުން ކޮފީއަށް ޚަރަދުވާނެ މިންވަރު، ކުރިން ހަދައިލި ހިސާބާއި އަޅައި ކިޔައިލުމުން މާ ރަނގަޅަށްވެސް އެނގޭނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން އައުމަކީ މުޅި އިންސާނިއްޔަތަށް ލިބިގެންދިޔަ ބޮޑު ހިތާމައެކެވެ. ބޮޑު ވަބާއެކެވެ. އެތަކެއް ގެއްލުންތަކެއް އަހަރުމެންގެ ދިރިއުޅުމަށް ގެނެސްފައިވާ އާލަމީ ވަބާއެކެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން އައުމަށްފަހު ވެސް ބައެއް ކަންކަމަށް އެދެވޭ ހެޔޮ ބަދަލު އާދެއެވެ. އެފެދަ ބަދަލުތައް އައިސްފިވެސް މެއެވެ. ހަމަ ގައިމުވެސް އަހަރެންގެ ކޮފީބުއިމުގެ އާދައަށް ބޮޑު ބަދަލެއް ގެނުވައިފިއެވެ. މިހާރު އަހަރެން ކޮފީ ބޮނީ ގޭގެ ކޮޓަރިން ބޭރަށް ވާގޮތަށް ހުންނަ ކުޑަ ބެލްކަނީގައި އިނދެއެވެ. ކުޑަކުޑަ މޭޒެއްގެ ވަށައިގެން ތިން ގޮނޑި ބަހައްޓާލައިގެން އަހަރެން އިންނަނީ ކަޅުކޮފީ ބޯށެވެ. ބައެއް ފަހަރު ރައްޓެހިންނާއެކުގައެވެ. ކޮފީއަށް ގޮސް ތަޅާ މަޖާ އަނގަވެސް ތަޅަމުންނެވެ. ނަމަވެސް މިހާރު މަހެއްގެ މައްޗަށް އަހަރެންގެ އަތުން ހޭދަވަނީ 160 ވަރަކަށް ރުފިޔާއެވެ.

ކެފޭއަށް ގޮސް ކޮފީ ބުއިމަށް އާދަވެފައި ތިބޭ މީހުން ކޮފީއަށް ކުރާ ޚަރަދު ކުޑަކޮށްލަން މިގޮތް ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް މިއީ ޚަރަދުކުޑަ ގޮތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.