އައްސަލާމް ޢަލައިކުމް
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ “މާހައުލީ ނިޒާމުތައް އިޔާދަކުރުމެވެ.” މި ޝިޢާރުގެ ދަށުން، ދުނިޔޭގެ މާހައުލީ ނިޒާމު އިހުހުރިގޮތަށް ރުޖޫޢަކުރުމަށް މުޅި ދުނިޔެ މިވަނީ އަތުރުކުރި އޮޅާލާފައެވެ. މިގޮތުން ކުރިއަށްއޮތް 10 އަހަރަކީ އ.ދ ގެ މާހައުލީ ނިޒާމުތައް އިޔާދަކުރުމުގެ 10 އަހަރެވެ.

ތާރީޚު އަޅުގަނޑުމެންނަށް ބުނެދޭ ފިލާވަޅަކީ، އިންސާނުންގެ ވަށައިގެންވާ މާހައުލާއި ތިމާވެށީގެ ދުޅަހެޔޮކަމަކީ، އިންސާނުންގެ ސިއްހަތުގެ ދުޅަހެޔިކަމަށާއި ބަނޑުފުރާނަ މުއްތިކުރުމަށް ވަރަށްމުހިންމު ކަމެއްކަމެވެ. އަދި ހަމަމިއާއިއެކު، ކޮވިޑް-19 ގެ މި ޙާލަތު އަޅުގަނޑުމެންނަށް ބުނެދެނީ، އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލާއި ގުޅުންކެނޑުމަކީ އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އޭގެ ނޭދެވޭ އަސަރުކުރާކަމެއް ކަމުގައެވެ. އެހެންކަމުން، މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ، މި ވަގުތަށް ވަރަށްވެސް މުނާސަބު ޝިޢާރެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިއީ، ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުންދާ، އަދި ކުރުމަށް ރޭވިފައިވާ ދަނޑިވަޅެކެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެގޮތުން، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމަށް އަޅުގަނޑުމެންމިދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން، ދިވެހިރާއްޖޭގައި މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު، ހައްދުންމައްޗާއި، އަރިއަތޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދޭ. އަދި، ދުނިޔޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި، އަޅުގަނޑުމެން މިދަނީ ވަކާލާތުކުރަމުން.

ހިމާޔަތްކުރާ ސަރަހައްދުތަކުން ލިބޭ ފައިދާ އެންމެބޮޑަށް ކުރާނީ އަދި ކުރަންވާނީވެސް ރައްޔިތުން. މި މޭރުމުން، ތިމާވެށީގެގޮތުން ފާހަގަކޮށްލެވޭ ތަންތަން ރައްކާތެރިކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތިމާވެށީގެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމަށް އައު ވިސްނުންތަކަކާއިއެކު މަސައްކަތްތަކެއް ކުރެވިދާނެކަމަށް އަޅުގަނޑު ދެކެން.

ޖައްވު ހޫނުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތައް ހުދުވުމަކީ އަޅުގަނޑުމެން މިހާރުވެސް ތަޖުރިބާ ކޮށްފައިވާ ކަންކަން. އަދި ހަމަމިއާއިއެކު، ދިވެހިރާއްޖޭގެ ގިނަ ރަށްތަކަކަށް އާދަޔާ ޚިލާފަށް އުދައެރުމުގެ ހާދިސާތަކަކީ އަޅުގަނޑުމެން ކޮންމެދުވަހަކުހެން ތަޖުރިބާކުރަމުން އަންނަކަންކަމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މިފަދަ މައްސަލަތަކުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް އޭގެ އަސަރުކުރެއެވެ. އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، އާންމު ސިއްޙަތު އަދި ކާބޯތަކެތީގެ ޔަޤީން ކަމަށާއި، ގޯތިގެދޮރަށްވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރޭ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ބަރޯސާވާ ގައުމެކެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސީދާގޮތުންނާއި ނުސީދާގޮތުން ގާތްގަނޑަކަށް 50000 މީހުން ވަޒީފާއަދާ ކުރެއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގައި ގާތްގަނޑަކަށް 17000 މީހުން މަސައްކަތްކުރެއެވެ. މި ސިނާއަތްތަކުން ލިބޭ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިލިބި ހުންނާނީ އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ތަޙައްމަލު ކުރުމުގެ ޤާބިލުކަން އިތުރުކޮށް ވަރުގަދަކޮށްގެން.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އަނެއްމައްސަލައަކީ އަޅުގަނޑުމެންގެ ކަނޑުފަޅު ތަޣައްޔަރުވުމުގެ ސަބަބުން ފަރުތަކަށާއި، އެ ފަރުތަކުގައިވާ ދިރުންތަކަށް، އަދި މަސްވެރިކަމަށާއި، އަޅުގަނޑުމެންގެ ސިއްޙަތަށް އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކެއް. މިކަންކަމުން އަރައިގަތުމަށް، އެކަށީގެންވާގޮތެއްގައި ކުނި މެނޭޖްކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް. މިގޮތުން ޖޫން މަހުންފެށިހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ކުނި މެނޭޖްކުރުމާ ގުޅޭ ގަވާޢިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން.

މި އިސްލާހު ގެޒެޓުކުރެވުމުން، ކުނި މެނޭޖްކުރާ މަރުކަޒުތަކުގައި ކުނި ވަކިކޮށް، ފަނާވާޒާތުގެ ކުނިން ކޮމްޕޯސްޓް އުފެއްދުމާއި، ރިސައިކަލް ނުވަތަ އަލުން ބޭނުންކުރެވޭ ޒާތުގެ ކުނި އެކްސްޕޯޓްކުރުމަށާއި އަދި އަންދާލެވޭ ޒާތުގެ ކުނި އިންސިނެރޭޓްކުރުމަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ.

އަޅުގަނޑުމެންގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީގެ ތިލަފަތް ހަމަކުރުން. އަޅުގަނޑުމެންގެ ތަސައްވުރަކީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަޙައްމަލު ކުރެވޭފަދަ، ފަންވަރުހުރި އުމްރާނީ ތަރައްޤީ މި ރާއްޖެއަށް ގެނައުން. މިކަންކުރުމަށް، މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ.

މިއަދު ސޮއިކުރެވޭ އެމް.އޯ.ޔޫ ތަކުގެ އެންމެފުރިހަމަ ބޭނުންހިފައި، ކުރިއަށް އޮތް 10 އަހަރަކީ، ގަސް ހެއްދުމާއި، ދިރޭތަކެތީގެ މާހައުލަށް ރައްކާތެރިވުމާއި، ތަޣައްޔަރުވެފައިވާ ކަނޑުތަކާއި ޖައްވު ސާފުކުރުމުގެ 10 އަހަރު ކަމުގައި ހެދުމަށް ހިންގަވާ. އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި އަލުން އިއާދަ ކުރާ ޖީލަކީ އަޅުގަނޑުމެން ކަމުގައި ވާންޖެހޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި އަޅުގަނޑުމެންނަށް ކާމިޔާބާއި ހެޔޮގޮތްތައް މިންވަރުކުރެއްވުން.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.