ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން ގެނެސްދޭން އުފައްދަން ފެށި ކުރު ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު ”ދަޢުވަތު“ އާއި ދެވަނަ ފިލްމު ”އަނގުރު” މީޑިއާނެޓް މަލްޓިސްކްރީނަށް ގެންނަން ނިންމައިފިއެވެ.

ޑާކް ރެއިން އިން ބުނީ ފިލްމު ”އަނގުރު” މަލްޓިސްކްރީނުގައި ރިލީޒްކުރުމަށް ނިންމާފައިވަނީ ޖުލައި 14ގައި ކަމަށާއި “ދަޢުވަތު” ރިލީޒްކުރާނީ ޖުލައި 21ގައި ކަމަށެވެ.

ކުރު ފިލްމު: ދަޢުވަތު

މިސްޓްރީ ތުރިލާ ”ދަޢުވަތު“ގައި ހަރަކާތްތެރިވަނީ ކޮމީޑިއަން އަޙްމަދު ސުނީ، މަރްޔަމް ޝިފާ (ޝިފް)، ހޫދު އިބްރާޙީމް އެވެ.

މިއީ ހުނަރުވެރި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) ލިޔެ ޑައިރެކްކޮށްފައިވާ ކުރު ފިލްމެކެވެ. ޕްރޮޑިއުސްކުރީ ޢާއިޝަތު ފުއާދު އާއި މުޙައްމަދު ޢަލީ (މޮގާ) އެވެ. މީގެ ސައުންޑް މިކްސިން އަދި އެޑިޓިންހެދީ ވެސް ޗިއްޕެއެވެ.

ޑާކްރެއިންޝޯޓްސް ގެ ދަށުން އުފައްދަން ފެށި މި ކުރު ފިލްމުތަކަކީ ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި އާޓިސްޓުންނަށްވެސް ސަޕޯޓެއް ދިނުމަށް ފެށި ޕްރޮޖެކްޓެއް ކަމަށް ޑާކްރެއިން އިން ބުންޏެވެ.

ކުރު ފިލްމު: އަނގުރު

އަނގުރު”ގެ ހަރަކާތްތެރިވަނީ ފިލްމީ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިލައްވާފައިވާ ރާއްޖޭގެ ފުންނާބު އުސް އެކްޓަރ ޙަސަން މަނިކް (ރޯނު ހަސަނިކް) އާއި ކުރިއަރަމުން އަންނަ ބަޠަލާ އާމިނަތު ސިލްނާގެ އިތުރުން އަޙްމަދު ފާއިޒް، އިބްރާހީމް ޝިޔާޒް، ފާޠިމަތު ޒުހައިރްގެ އިތުރުން މުޙައްމަދު މާހިލް އެވެ.

އަނގުރު“ ލިޔެ ޑައިރެކްޓްކުރީ ޑާކްރެއިންޝޯޓްސްގެ ދަށުން ގެނެސްދިން ފުރަތަ ފިލްމު ”ދަޢުވަތު“ ވެސް ލިޔެ ޑައިރެކްޓްކުރި ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މީގެ އިތުރުން ފިލްމުގެ ފޮޓޯގްރަފީ އަދި އެޑިޓިން ހެދީވެސް ޗިއްޕެއެވެ.

އަނގުރު“ ކްލެސިފައިކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ އުމުރުފުރާއަށެވެ.

އަނގުރު“ އަދި ވެސް ”ދަޢުވަތު“ ޕްރޮޑިއުސްކުރީ ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.

މި ފިލްމުތަކުގެ އިތުރުން ޑާކް ރެއިންގެ ކޮމެޑީ ފިލްމު “މާމުއި”، ޖުލައި 26ގައި މީޑިއާނެޓްގައި ރިލީޒްކުރުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.