އައި ފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި” އިން ދިވެހި ފިލްމީ ދާއިރާގައި ބެންޗްމާކެއް ކުރަހައިލި ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ “މަޒްލޫމް” ރިލީޒްކުރުމާއެކު އަނެއްކާވެސް މިވަނީ އޭނާގެ މަސައްކަތުގެ ކޮލިޓީ ފެނިފައެވެ.

ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސްގެ “މަޒްލޫމް” އަކީ ފިލްމު ބަލަން ފެށުމާއެކު މީގައި ވާނީ މިހެންނޭ، އެހެންނޭ ހީކޮށްލަންވެސް ނޭނގޭ ފަދަ ތަފާތު ފިލްމެކެވެ. އަސްލު މަޒްލޫމަކީ ނުވަތަ ވިކްޓިމަކީ ކޮބައިކަން ހަމަ ކުޑަކޮށްވެސް އަންދާޒާކޮށްލަން ނޭނގޭނެއެވެ.

އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ އެންތޮލޮޖީ ކުރު ފިލްމު “މަޒްލޫމް” އިން ކިޔައިދެނީ ރޭޕްގެ ވާހަކައެކެވެ. ނަމަވެސް ތަފާތު ސްޓައިލެއްގައެވެ. ފިލްމު ގެނެސްދީފައިވަނީވެސް އާއްމުކޮށް ދިވެހި ފިލްމުތައް ފެންނަ ސްޓައިލާ ތަފާތު ގޮތަކަށެވެ. ރޭޕްގެ ވާހަކައިގެ އިތުރުންވެސް ގިނަ ވާހަކަތަކެއް މި ފިލްމުގައި ދައްކައިދެއެވެ. ސަސްޕެންސް ހިފެހެއްޓުމަށްޓަކައި އެ ވާހަކަތައް އެއް ފަރާތްކޮށްލާނަމެވެ.

ގިނަ ފިލްމު ތަކަކުން މޮޅު އެކްޓިންއެއް ދައްކަމުން އަންނަ ނުޒުހަތު ޝުޢައިބްގެ ފަޅިން އޭނާގެ ވާހަކަތައް ގެނެސްދީފައިވަނީ އޭނާއަކީ ރޭޕްގެ ޝިކާރައަކަށް ވެފައިވާ މަޒުލޫމެއްގެ ގޮތުގައެވެ. ބެލުންތެރިންގެ ހިތުގައި ނުޒޫ ކުޅެފައިވާ ކެރެކްޓާއާމެދު ރަހުމް އުފެދޭހާ މޮޅަށް އޭނާގެ ރޯލު އަދާކޮށްފައިވެއެވެ. ހަމަ އެހެންމެ ފިލްމު “ބަވަތި” އިން ނުޒޫއާއެކު ފައިހަމަކޮށްލި އިފްނާޒް ފިރާޤްގެ މޮޅު އެކްޓިން އެއް މި ފިލްމުން ފެނިގެންދެއެވެ. އިފްނާޒް އަކީ ނުބައި މީހެއްގެ ގޮތަށް ސިފަވެގެންދާއިރު، އޭނާއަކީ ކުށެއް ނެތް މަޒްލޫމެއްގެ ގޮތުގައި ދެއްކުމަށް ކޮށްފައިވާ ތަފާތު އަދި މޮޅު އެކްޓިންއަކީވެސް ފާހަގަކޮށްލެވޭ މޮޅު މަސައްކަތެކެވެ.

ދިވެހި ފިލްމީ އުފެއްދުންތަކުން، ޝަރަފް ޢަބްދުﷲގެ މާގިނަ މަސައްކަތްތަކެއް ފެނިފައި ނުވިޔަސް، މި ފިލްމުގައި ޝަރަފް ދެއްކި އެކްޓިން އިން އޭނާއަކީ މި ދާއިރާގައި ރަނގަޅު ކުރިމަގެއް ހޯދިދާދެ ފަންނާނެއްކަން ސާބިތުކޮށްދެއެވެ. ޝަރަފްގެ ކެރެކްޓަރ އިންވެސް އޭނާއަކީ ރަނގަޅު ރަހުމަތްތެރިއެއްގެ އިތުރުން ގޯސް ރަހުމަތްތެރިއެއް ކަމަށް ދައްކައެވެ. ނަަމަވެސް އޭނާއަކީ ވެސް މި ފިލްމުގައި ގެނެސްދޭ ވާހަކައިގައި މަޒްލޫމެއްކަން ނުވަތަ ނޫންކަން ފިލްމު ބަލައިލުމުން އެނގިގެންދާނެއެވެ.

ދެން އޮތީ ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ ކެރެކްޓަރއެވެ. މި ފިލްމުގައިވެސް ޝިޔާ ވަނީ ތަފާތު މޮޅު އެކްޓިންއެއް ދައްކައިދީފައެވެ. ފިލްމުގައި މައިގަނޑު ގޮތެއްގައި ކިޔައިދޭ ރޭޕްގެ ވާހަކައިގައި ރޭޕްގެ މަޒްލޫމަކަށް އޭނާ ވެގެންދާގޮތާއި އެއަށްފަހު ކަންކަން ހިނގައިދާ ގޮތް ދައްކައިދީފައި ވަނީ ހުނަރުވެރި މޮޅު އެކްޓިންއެއް ދައްކަމުންނެވެ.

އަޙްމަދު ޝާރިފްއަކީ ހަމަ ކޮންމެ ފަދަ ރޯލަކަށްވެސް ވަރަށް ފިޓް އެކްޓަރެއްކަން މި ފިލްމުން ދައްކައިދެއެވެ. “މަޒްލޫމް”ގައި އޭނާއަކީ ވަރަށް އިނަސެންޓް، ކެއަރިން މީހެކެވެ. އޭނާގެ ރަހުމަތްތެރިއެއް އަދި އޮފީސް މޭޓެއްގެ ރޯލު ކުޅޭ ނުޒޫ ރޭޕްގެ ޝިކާރައަކަށް ވެގެންދިޔުމުން ފުލުހުން ކުރިއަށްގެންދާ އިންވެސްޓިގޭޝަންގައި ޝާރިފްގެ އެއްބާރުލުންވެސް ‘ނިކަން ރަނގަށް’ ދެއެވެ.

ފުލުހުންގެ އިންވެސްޓިގޭޝަންގައި އިސްވެ ހަރަކާތްތެރިވަނީ ކާކުކަން، ފިލްމު ފެށޭ ހިސާބުންވެސް އެނގެއެވެ. އެ އަޑުގައި ގެންގުޅޭ ނެޗްރަލްކަމުން، އަޑުން އެކަނިވެސް މި އެކްޓަރުގެ ހުނަރުވެރިކަން ދައްކައިދެއެވެ. ފިލްމުގެ މި ޗެޕްޓަރގެ ނިމުމާ ކައިރިވެފައި ވަނިކޮށް ރަވީ ފާރޫޤްގެ އެންޓްރީ ފެނިގެންދަނީ ވަރުގަދަ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައެވެ. ޔުނީފޯމެއްގައި ނެތަސް، އޭނާގެ ހައިބަތާއި ކެރެކްޓަރގައި ފެންނަން ޖެހޭ ޕްރޮފެޝަނަލްކަން ދައްކައިދެއެވެ. މި ފިލްމުގައި ރަވީ ދައްކައިދެނީ އިއްލެގެ ސިކުނޑިން މި ގެނެސްދޭ ތަފާތު ވާހަކައިގައި އަސްލު “މަޒްލޫމް” (ވިކްޓިމް) އަކީ ކާކުތޯ، އަސްލު ކުށްވެރިއަކީ ކާކުތޯ ހޯދުމަށް ކުރާ މަސައްކަތެވެ.

އިއްލެގެ ޑައިރެކްޝަން އަދި ވާހަކަ ހުށައަޅައިދިނުން ތަފާތެވެ. އެކަން އޭނާގެ އަލަތު މަސައްކަތް “ބަވަތި” އިން ވަނީ ފެނިފައެވެ. ރިލީޒްކުރުމުގެ މަރުހަލާގައި އޮތް އިއްލެގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގައި ވެސް އިއްލެގެ ހުނަރުވެރިކަން ފޮރުވިފައިވާނެކަން ޔަޤީންކޮށްދެނީ ޖުލައި 26ގައި ބައިސްކޯފުން ސްޓްރީމްކުރަން ފެށި “މަޒްލޫމް” އިންނެވެ. ކޮލިޓީ، އިންޓަރެސްޓިން އަދި ބެންޗްމާކް މަސައްކަތެއް ބަލައިލަން ބޭނުން ނަމަ “މަޒްލޫމް” އަކީ އެންމެ ރަނގަޅު އެއް ޗޮއިސްކަން ފާހަގަކޮށްލަމެވެ.

“މަޒްލޫމް”ގެ ނިމުމެއް ނެތެވެ. އިއްލެގެ ޓީމުން “ޒައްރޫކް”ގެ ނަމުގައި މި ސީރީޒްގެ ދެވަނަ މަސައްކަތް ފަށައި ބައެއް މަންޒަރުތައް ވަނީ އާއްމުވެސް ކޮށްފައެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

“މަޒްލޫމް” ޕްރޮޑިއުސްކޮށްފައިވަނީ އާސިމް ޢަލީ އާއި އިލްޔާސް ވަހީދު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.