ހަސަން ހަލީމް (ކޮކޯ)ގެ ޕްރޮޑަކްޝަން ހައުސް ’ކޮކޯ ސްޓޫޑިއޯ‘ އިން އުފައްދާ މިދިޔަ މަހު 26ގައި ދައްކަން ފަށާފައިވާ ޑްރާމާ ސީރީޒް “ލޯބިވިޔަސް”ގެ ހަތް އެޕިސޯޑު މިހާތަނަށް ދައްކާފައިވާއިރު، ސީރީޒަށް ވަނީ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ.

ދެމަފިރިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒްގައި އާއްމުކޮށް ދިމާވާ މައްސަލަތަކެއްގެ މައްޗަށް ބަލައިލާފައިވަނީ ތަފާތު އޭންގަލަކުން ތަފާތު ގޮތަކަށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މުޙައްމަދު ފައިސަލް (ވިޖާދު)ގެ އަންހެނުން ނާޝިދާ މުޙައްމަދު (އާތިކާ) އަކީ ފިރިމީހާ ދެކެ ލޯބިޔަސް ފިރިމީހާ ބޭނުންވާ ލޯތްބާއި ދެމަފިރިކަމުގެ ގުޅުން ބޭއްވުމާމެދު ބަހަނާ ދައްކަމުން އަންނަ އަންހެނެކެވެ. އެ ދެމަފިރިންގެ ދަރިފުޅަށް ޓިއުޝަން ދިނުމަށް ގެންނަ މުދައްރިސަކީ ނުޒުހަތު ޝުޢައިބް (ޒޭބާ) އެވެ. ޒޭބާ ދެކެ ވިޖާދަށް ލޯބިވެވި ވިޖާދާ ދެ އަންބަށް އިނުމަށް ހުށައަޅައެވެ.

މަރްޔަމް މަޖްދާ (ސަހާ)ގެ ފިރިމީހާ އަޙްމަދު އީސާ (މާކިލް) އަކީ ސަހާ ދެކެ ކިތައްމެ ލޯބިވިޔަސް އެއްވެސް އުޅުމެއް ހުންނަ މީހެއް ނޫނެވެ. ފިރިމީހާގެ ލޯބި ނުލިބި އަބަދު އުޅެން ޖެހިފައިވާ ސަހާއަށް އަޙްމަދު އާސިމް އާއި ލޯބީގެ ގޮތުން ގުޅެން މަޖުބޫރުވަނީ ސަހާ އެދެމުން އަންނަ ފަދަ ލޯތްބާއި އަޅައިލުން އާސިމްގެ ފަރާތުން ލިބެމުން އަންނާތީއެވެ. މާކިލްގެ ކައިރިން ވަރިވުމަށް ސަހާ ނިންމައެވެ. ނަމަވެސް މާކިލްއަށް ދިމާވި ޕޮލިސް ކޭސްއަކާއި ގުޅިގެން ސަހާއަށް މާކިލް އާމެދު ހަމްދަރުދީ އުފެދެއެވެ.

ޑްރާމާ ސީރީޒް ”ލޯބިވިޔަސް“ އަކީ 08 އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ. ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ ހުނަރުވެރި އެކްޓަރު މުޙައްމަދު ފައިސަލް އެވެ. މިއީ މަރިޔަމް މޫސާ ލިޔެފައިވާ ވާހަކައެެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ. ކެމެރާކުރީ ކޮކޯ ހަސަން އެވެ.

ސީރީޒްގެ ފައިނަލް އެޕިސޯޑާ ހަމައަށް ގޮސްފައިވާއިރު، މިހާރު މިވަނީ ނޭވާ ހިފަހައްޓާލަން ޖެހޭ ހިސާބަށް ގިނަ ކަންތައްތަކެއް ގޮސްފައެވެ. ހިތްގައިމު ލޯބީގެ ސީރީޒެއް ބަލައިލަން ބޭނުންނަމަ މިވަގުތު ބައިސްކޯފުން ބަލައިލަން އޮތް އެންމެ ސަޅި ސީރީޒަކީ “ލޯބިވިޔަސް”ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.