ހިތްގައިމު އަދި ހުނަރުވެރި އެކްޓްރެސް ފާޠިމަތު ޝަރާ އާއި މަޝްހޫރު ނެށުންތެރިޔާ އަދި ފެހުންތެރިޔާ ޖާދުﷲ އިސްމާޢީލްގެ ފޭނުންނަށް ހަދިޔާކުރުމަށް ތުރުކީވިލާތުގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން އުފެއްދި “ތިޔަ ސޫރަ” ވީޑިއޯ ލަވަ ރިލީޒްކޮށްފިއެވެ. 01 ޖެނުއަރީ 2022ގެ ސަޅި ތާރީޚުގައި ރިލީޒްކޮށްފައިވާ “ތިޔަ ސޫރަ” މިވަނީ ފޭނުންނަށް މާބޮޑަށްވެސް ކަމުގޮސްފައިކަން ލިބެމުން އަންނަ ވިއުޒްއިން ދައްކައެވެ.

“ތިޔަ ސޫރަ” ލަވައިގެ ޓްރެއިލަރއަށް ވިހި ހާހަށްވުރެން މަތީ އަދަދަކަށް ވިއުޒް ލިބިފައިވާއިރު، ލަވައިގެ ވީޑިއޯ ނެރޭނެ ތާރީޚަށް އިންތިޒާރުކުރަމުން އައި ފަރާތްތަކުން ލަވަ ބެލުމަށްފަހު ތަޢުރީފުގެ ބަސްތަކުން ހިތްގައިމު ކޮމެންޓްތައް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ތުރުކީވިލާތުގެ ހިތްގައިމު އެތަކެއް މަންޒަރުތަކެއް ފެނިގެންދާ މި ލަވައިން ޖާދުގެ ހިތްގައިމު ޑިޒައިންތަކުގެ ގިނަ ހެދުންތަކެއްވެސް ފެނިގެންދެއެވެ.

މި ލަވައިގެ ޓެކްނިކަލް މަސައްކަތްތަކުގެ އިތުރު ތަފުޞީލަށް ޖެހިލާއިރު، މިއީ ’ވޭރިއަސް އާރޓްސް ސްޓޫޑިއޯ’ގެ އުފެއްދުމެކެވެ. ލަވައިގެ ޅެމާއި ރާގު ހެދީ ތޭރަ އެވެ. މިއުޒިކް ހެދީ ޙުސައިން ތަޢުފީޤެވެ. ލަވައިގެ ވީޑިއޯ ޑައިރެކްޝަން ހެދީ ޙަސަން އާދަމެވެ. ސިނަމޮޓޮގްރަފީ ހެދީ ވިޝާލް ޢާމިރު އަޙްމަދެވެ.

“ތިޔަ ސޫރަ” ލަވައިގެ އަޑުގެވެރިންނަކީ، މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ އިތުރުން، ނުހަނު ޒުވާން އުމުރުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޢާއިޝަތު ޖޫނީ ޖިނާހެވެ. މި ލަވަ ކިޔައިލެވުމުން ނުހަނު ބޮޑަށް ހިތްހަމެ ޖެހިފައި ހުރި ތޭރަ މުނިއަވަސް ޝޯއެއްގައ ބުނީ ޖޫނީ އާއި އެކުގައި ލަވައެއް ކިޔައިލުން މިއީ އޭނާ ދެކެން ބޭނުންވި ދުވަހެއް ކަމަށާ މި ދުވަސް އައުމުން ވަރަށް އުފާވާ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.