ބޮލީވުޑްގެ ވަރުގަދަ ދެ ތަރިންކަމަށްވާ ސަންޖޭ ދަތު އަދި ރަވީނާ ޓަންޑަން، ފިލްމު “ގުޑްޗާޑީ”ގެ ޝޫޓިން ފަށައިފި އެވެ. ބިނޯއީ ގާންދީ ޑައިރެކްޓްކުރާ މި ފިލްމުގެ އިންޑޯ ޝޫޓިންތައް މިވަގުތު ކުރިއަށްދަނީ ގުރޫގްރަމްގަ އެވެ. ފިލްމުގެ ޝޫޓިންއަށް ވަަރަށް އަވަހަށް ނިއު ދިއްލީއަށްވެސް ފިލްމު ކްރޫ ދާނެއެވެ. އޭގެ ފަހުން ފިލްމު ކްރޫ ދާރީ ޖައިޕޫރަށެވެ. މިހާރު ކުރިއަށްދާ ޝޫޓިންތައް މިމަހު 10ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއަން ޑެއިލީއަށް މި ފިލްމުގެ ޝޫޓިންގެ ފަހުގެ ޚަބަރުތައް ހިއްސާކުރި މީހަކު ބުނީ ފިލްމުގެ ޝޫޓިންއާ ރަވީނާ ޓަންޑަން ގުޅުނީ މިދިޔަ މަހު 24ގައި ކަމަށެވެ. އަދި މިމަހު ދެވަނަ ދުވަހު ބޭރުތެރޭގައި ނަގަންޖެހޭ މަންޒަރުތައް ފަށާނެ ކަމަށާ ދިއްލީއަށް ފުރާނީ 05 މާރިޗްގައި ކަމަށްވެސް ބުނެފައިވެއެވެ.

ސަންޖޭ ދަތު އަދި ރަވީނާގެ އިތުރުން މި ފިލްމުގެ އިސް-ބަޠަލެއްގެ ރޯލުގައި ޓީވީ ތަރި ޕާތު ސަމްތާން ވެސް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން މި ފިލްމަކީ ސަންޖޭ ދަތު އަދި އަރޫނާއި ރާނީ ދެމައިންގެ ގޮތުގައި ފެނިގެންދާނެ ފިލްމެކެވެ. އެ ދެމީހުން ދެމައިންގެ ގޮތުގައި އެއްމެ ފަހުން ފެނިފައިވަނީ މީގެ 41 އަހަރު ކުރިންނެވެ.

އާއިލީ ޑްރާމާ “ގުޑްޗާޑީ” ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރެވެ. ޓީ-ސީރީޒް ފިލްމެއްގެ ގޮތުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.