ކުޅަދާނަ ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ)ގެ ފިލްމު “ލަސްވިޔަސް”ގެ ޝޫޓިން މިމަހުގެ 11 ގައި ފަށައިފިއެވެ.

“ލަސްވިޔަސް” އަކީ 1994 ވަނަ އަހަރު ނެރުނު “ދެރިޔާ” އަށްފަހު ޓެޑް ޑައިރެކްޓްކުރާ ފުރަތަމަ ފީޗަރ ފިލްމެވެ. ފިލްމުގެ ފުރަތަމަ ޝޫޓިންގެ މަންޒަރެއް ދައްކާލަމުން ޓެޑް ބުނެފައިވަނީ ކާމިޔާބު ފެށުމެއްކަމަށް އުއްމީދުކުރާކަމަށެވެ.

އެޓަރނަލް ޕިކްޗަރޒް އިން ގެނެސްދޭ “ލަސްވިޔަސް”އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ މިއުޒިކް ހަދަނީ މުހައްމަދު އިކްރާމްއެވެ.

“ލަސްވިޔަސް”ގެ އިސް-ބަޠަލުންގެ ތެރޭގައި ހިމެނެނީ ޓިކްޓޮކް އަދި ޓީވީ ޕްރެޒެންޓިންއިން މަޝްހޫރުކަން ހޯދާފައިވާ މަރްޔަމް ޝިފާ (މަރްޔަމް ޝިފް)، ހުނަރުވެރި އެކްޓަރ އަޙްމަދު އީސާ (އާނަންދު)ގެ އިތުރުން ކުރީގެ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް އެވެ.

“ލަސްވިޔަސް”ގައި މަރްޔަމް ޝިފާ (މަރްޔަމް ޝިފް) ފެނިގެންދާނީ ’ޔުސްރާ’ގެ ކެރެކްޓަރއިން ނެވެ. އާނަންދު ފެނިގެންދާނީ ’އިޤްބާލު‘ ކިޔާ މީހެއްގެ ކެރެކްޓަރއިންނެވެ. ޒޯޔާ ފެނިގެންދާނީ ’ހަމްރާ’ގެ ކެރެކްޓަރ އިންނެވެ. ފިލްމުގެ ލީޑަށް މަރްޔަމް ޝިފާ (މަރްޔަމް ޝިފް) ހޮވިފައި މިވަނީ ވަރަށް ގިނަ ޢަދަދެއްގެ ކުދިން ހިމަނައިގެން ކުރިއަށް ގެންދިޔަ އޮޑިޝަނަކުންނެވެ.

“ލަސްވިޔަސް”ގެ މައިގަނޑު ލީޑް، ޒޯޔާ، މަރްޔަމް އަދި އާނަންދު – ފޮޓޯ: އެޓާރނަލް ޕިކްޗަރޒް

“ލަސްވިޔަސް” ފިލްމުގެ އޮރިޖިނަލް ސައުންޑް ޓްރެކް ’ދުނިޔެ‘ގެ ޓީޒާއެއް އާއްމުކޮށްފައިވަނީ 2020 ވަނަ އަހަރު ޖުލައި މަހުގައެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޏަ) އެވެ. ލަވައިގެ ޅެން ހެދީ އަޙްމަދު ޝަކީބް އެވެ. މިއުޒިކް ހަދާފައިވަނީ އަންޏަ، އިކްރާމް އަދި ބާޗީ އެވެ.

ޓެޑްވަނީ އެނާގެ “ލަސްވިޔަސް” ގެ ޓީޒަރ 2017 ވަނަ އަހަރު ދައްކާލާފައެވެ. ޓިޒާ ފެށިގެން އަންނަނީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު ލަވައެއްގެ ކަޑިއަކުން ސުވާލެއް އުފައްދަމުންނެވެ. ސުވާލަކީ “ކައިވެނީގެ އަމާޒުކަމުގައި ވާ ހަގީގަތަކީ ކޮބާ؟” ހެއްޔެވެ.

“ލަސްވިޔަސް”ގެ ޓީޒާއިން ޒޯޔާ ފެންނަގޮތްވެސް ތަފާތުވެފައި ޝައުޤުވެރިއެވެ. އެ ޓީޒާއިން ފެންނަނީ ގޮނޑިއެއްގައި އިންނަ ޒޯޔާ އެވެ. ޒޯޔާގެ ބޮލުގައި އިސްތައްޓެއް ނުހުރު އެވެ. އޭނާގެ ސިފަ ފެނުމުން ހީވަނީ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްހެންނެވެ.

ޓެޑްރީއަކީ ދިވެހި ސިނަމާއަށް ބޭނުންވެފައިވާ ތަފާތު ދައްކުވައިދިން ފިލްމު ”ދެރިޔާ“ގެ އިސް މޭސްތިރި އެވެ. 23 އަހަރު ފަހުން ޓެޑް ފީޗަރ ފިލްމެއްގެ މަސައްކަތް ފެށިޔަސް ޑޮކިއުމެންޓްރީ، އިޝްތިހާރު އަދި ބައެއް ޑްރާމާތައް އުފެއްދުމުގައި ޓެޑް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމަށް ”ބިތުފަންގި“ގެ ނަމުގައި އުފެއްދި ކާމިޔާބު ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ޓެޑްރީކަން ފާހަގަކޮށްލަން ޖެހެެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.