09 ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި ފިލްމީ ދާއިރާއިން ހަޔާތީ އަރުތަ އެވޯޑް ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނު ރާއްޖޭގެ މަޝްހޫރު އެކްޓަރ/ޑަައިރެކްޓަރ މުޙައްމަދު ރަޝީދު (ދަރާ) އަދި ޕާފޯމިންގ އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހޯދާފައިވާ ކުޅަދާނަ އެކްޓަރ/ޕްރޮޑިއުސަރ/ޑައިރެކްޓަރ އަޙްމަދު ނިމާލަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ދެ އެވޯޑު ލިބިއްޖެ އެވެ.

ނިމާލް އަދި ރަޝީދަށް މި އެވޯޑް ލިބުނީ މިއަހަރު ޖެނުއަރީ 28 އަދި 29 ވަނަ ދުވަހު ތައިލޭންޑްގެ ބެންކޮކްގައި ބޭއްވި “ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް” ގައެވެ. މި ފެސްޓިވަލްގައި މުޙައްމަދު ރަޝީދު (ދަރާ)އަށް އަރުވާފައިވަނީ ލައިފްޓައިމް އެޗީވްމެންޓް އެވޯޑެވެ. އަޙްމަދު ނިމާލަށް އަރުވާފައިވަނީ ދިވެހި ފިލްމީ ދާއިރާއަށް އާދަޔާޚިލާފަށް މޮޅު ޚިދުމަތްތަކެއް ކޮށްދީފައިވާކަން ފާހަގަކޮށް ‘އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން ފޯރ މޯލްޑިވްސް ފިލްމު އިންޑަސްޓްރީ-2023’ އެވޯޑެވެ.

ޕޯލް ނަރޫލާ އެކަޑަމ،ީ (ބެންކޮކް) އާއި ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީ (އިންޑިއާ) އާއި ގުޅިގެން ބޭއްވި “ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް” ގައި އެމް.އެސް.ޕ.ީއޭގެ ޗެއަރމަން، އެކްޓަރ، އަލްފާޟިލް މުހައްމަދު ރަޝީދު (ދަރާ) ބައިވެރިވެލެއްވީ ފެސްޓިވަލް އިންތިޒާމުކުރި ފަރާތުން ދެއްވި ޙާއްސަ ދަޢުވަތެއްގެ ދަށުންނެވެ. ނިމާލް މި ފެސްޓިވަލްގައި ބައިވެރިވެލެއްވީ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމް.އެސް.ޕީ.އޭ)އަށް ލިބުނު ފުރުސެއްގައެވެ. 

އަހުމަދު ނިމާލް ގެ ނަން އެމް.އެސް.ޕީ.އޭގެ ފަރާތުން ފެސްޓިވަލްއަށް ހުށަހެޅީ އަހުމަދު ނިމާލަކީ ރާއްޖޭގެ ފިލްމީދާއިރާގައި ތަފާތު މަރުހަލާތަކުގައި ގިނަގުނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަ ފަރާތަކަށް ވާތީކަމަށް އެ ސޮއިޓީން ފާހަގަކުރެއެވެ.

“ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް”ގެ އިތުރުން ފެސްޓިވަލްއާއި ގުޅިގެން ބޭއްވި ޚާއްޞަ އެވޯރޑް ސެރެމަނީގައިވެސް މި ދެ ފަންނާނުން ބައިވެރިވި އެވެ. މި އެވޯރޑް ސެރެމަނީގައި ހާއްސަ ކެޓަގަރީއެއްގެ ގޮތުން އިންޓަރނޭޝަނަލް އެޗީވާރސް އެވޯރޑްގެ ނަމުގައި ކެޓަގަރީއެއް އިތުރުކޮށްފައިވެ އެވެ.

އެމްއެސްޕީއޭ އިން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި ފެސްޓިވަލް އިން ފުރުސަތު ލިބިފައިވަނީ އެމް.އެސް.ޕީ.އޭގެ ފަރާތުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން މި ފެސްޓިވަލް އިންތިޒާމުކުރާ ފަރާތާއެކު އެމް.އެސް.ޕީ.އޭއިން ރާއްޖޭގައި މި ފަދަ ފިލްމް ފެސްޓިވްލްތައް ބޭއްވުމާ
ރާއްޖޭގެ ފަންނާނުންނަށް ތަފާތު ފުރުސަތުތައް ހޯދުމުގެ މަޤްސަދުގައި ރަސްމީ މަޝްވަރާތަކެއް ކޮށްފައިވެއެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ މުނިއަވަސްފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކިއެކި ތަފާތު ފުރުސަތުތައް ހޯދައިދިނުމާއި އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭންނާއި ރާއްޖޭންބޭރުން ރިކޮގްނިޝަން ހޯދައިދިނުމަށް ކަން ފާހަގަކުރެއެވެ. އެގޮތުން 2021ވަނަ އަހަރު ރާއްޖޭގެ މަޝްހޫރު އެކްޓްރެސް އައިޝަތު ރިޝްމީ ރަމީޒަށް، ޑރ. ސަރޯޖިނީ ނައިޑޫ އިންޓަރނޭޝަނަލް ވާރކިންގް ވުމަންގެ އެވޯޑް ލިބިފައިވެއެވެ.

މިއަހަރު ބޭއްވި “ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް”އަކީ މިގޮތުން ބޭއްވި 03ވަނަ ފިލްމް ފެސްޓިވަލްއެވެ. ރާއްޖޭގެ ފަރާތުން މިފެސްޓިވްލްގައި ދެއްކީ ޑައިރެކްޓަރ ރަވީ ފާރޫޤް ލިޔެ ޑައިރެކްޓްކޮށް ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށް އެ ޓީވީން ދެއްކި “ހަޔާތް” ކުރު ފިލްމެވެ. މި ފިލްމަކީ 2022ވަނަ އަހަރު ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށް އެވޯޑް ލިިބިފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.